މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނާ، އެ ރަށެއްގެ ކައުންސިލަކުން ބައްދަލުކުރަން ބޭނުންވާ ނަމަ ހިލޭ ޖާގަ ހަމަޖައްސައިދޭން ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް އެކަން ހުށަހަޅުއްވަމުން ވިދާޅުވީ، މާލެ ސަރަހައްދުގައި އެކި ދާއިރާތަކުގެ ގިނަ ބަޔަކު ދިރިއުޅޭއިރު އެ މީހުންނާ ބައްދަލުކުރުމަށް އެ ކައުންސިލްތަކުން ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
އެހެންވެ، އެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ދެ ފަރާތުގެ ގުޅުން ބަދަހިވާނެ ކަމެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވި އެވެ.
ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުސްތަންތަން އެކަމަށް ހަމަޖައްސައިދިނުމުގެ އިތުރުން މެހެމާންދާރީ އަދާކުރަން ރިފްރެޝްމަންޓް ފަދަ ކަންކަން ހަމަޖައްސައިދިނުމަކީ، އާޒިމް ވިދާޅުވި ގޮތުގައި މާލެއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭނެ މަސައްކަތެކެވެ.
އާޒިމްގެ ހުށަހެޅުއްވުމަށް އެހެން ކައުންސިލަރުން ވެސް ވަނީ ތާއިދުކުރައްވައިފަ އެވެ. އަދި އެ ނިންމުން ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ކައުންސިލުން ބުނީ އެ ނިންމުމުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން މާލޭގައި އުޅޭ މީހުންނާ ކައުންސިލްތަކުން ގުޅުން ބަދަހިކޮށް މުއާމަލާތްކުރަން ފަސޭހަވާނެ ކަމަށެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނާ، އެ ރަށެއްގެ ކައުންސިލުން ބައްދަލުކުރަން ހިލޭ ޖާގަ ހަމަޖައްސައިދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ