ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސްވެރިއަކަށް މިޚައިލޯ ދްރާޕަތީ

ޔޫކްރެއިންގެ އަސްކަރިއްޔާއަށް ގެންނަވަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން، އަސްކަރިއްޔާގެ އައު ކޮމާންޑަރ އިން-ޗީފްގެ މަޤާމަށް މިޚައިލޯ ދްރާޕަތީ ޢައްޔަންކުރެއްވުމަށް ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ނިންމަފައިވިއެވެ. އަސްކަރިއްޔާގެ ޖެނެރަލް ސްޓާފްގެ އޮނިގަނޑަށް މި ބަދަލުތައް ގެންނަވާފައި މި ވަނީ ދްރާޕަތީގެ އިތުރުން ދިފާޢީ ވަޒީރުގެ މަޤާމާ ވަގުތީގޮތުން ޙަވާލުވެ ހުންނެވި ޔެވްހެން ޚްމާރާ އަދި ރައީސް އޮފީހުގެ ނައިބު ޕަވްލޯ ޕަލީސާއާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސްވެރިޔާގެ މަޤާމު ކުރިން ފުރުއްވާފައި ވަނީ އޮލެކްސަންދްރަ ސިރްސްކީއެވެ. ރަޝިޔާގެ ހަމަލާތަކުން ވެރިރަށް ކީވް ދިފާޢުކުރުމާއި، ޚަރްކިވް އަދި ކޫރްސްކު އޮޕަރޭޝަންގެ ކާމިޔާބީގައި ސިރްސްކީ އަދާކުރައްވާފައިވާ އިސް ދައުރު ފާހަގަކުރައްވައި، ޒެލެންސްކީ ވަނީ އޭނާއަށް ތަޢުރީފު ކުރައްވާފައެވެ. އަދި، އަސްކަރިއްޔާގެ ޖެނެރަލް ސްޓާފަށް ގެންނަވަމުން ގެންދަވާ ބަދަލުތަކާ ގުޅޭ ގޮތުން ސިރްސްކީގެ އިތުރުން ޖެނެރަލް ސްޓާފްގެ ވެރިޔާ އަންދްރީ ހްނާތޮވްއާ މަޝްވަރާ ކުރައްވާފައިވާނެ ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ. މި ބަދަލުތަކަށް ޖުލައި 23 އިން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާގެ ވެރިޔާގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ދްރާޕަތީއަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން އަސްކަރިއްޔާގައި ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ، ޤާބިލު އަދި ތަޖުރިބާކާރު ބޭފުޅެކެވެ. އެންމެ ފަހުން އޭނާ ފުރުއްވާފައި ވަނީ ޔޫކްރެއިންގެ އަސްކަރިއްޔާގެ އެއްގަމު ސިފައިންގެ ކޮމާންޑަރު ކަމުގެ މަޤާމެވެ. އޭގެ ކުރިން ޚަރްކިވް އޮޕަރޭޝަނާއި، އިރުމަތީ ޔޫކްރެއިންގައި ހަރަކާތްތެރިވަމުންދާ ފައުޖުގެ އިސް ކޮމާންޑަރުގެ މަޤާމު ވެސް އޭނާ ފުރުއްވިއެވެ.
2024 ވަނަ އަހަރުގެ ތެރޭގައި ރަޝިޔާގެ ކޫރްސްކް ސަރަޙައްދަށް އަރައިގަނެ، ޔޫކްރެއިންގެ ފައުޖުން ހިންގާފައިވާ އޮޕަރޭޝަންގައި ވެސް ދްރާޕަތީ އިސް ދައުރެއް އަދާކުރައްވާފައިވާ ކަން ޒެލެންސްކީ ފާހަގަކުރެއްވިއެވެ. މި މަހުގެ ކުރީކޮޅު، އަސްކަރިއްޔާގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، ޒެލެންސްކީ ވަނީ ޖޮއިންޓް ފޯސަސްގެ ކޮމާންޑަރުގެ މަޤާމަށް ދްރާޕަތީ ޢައްޔަންކުރައްވާފައެވެ. ޒެލެންސްކީ ވިދާޅުވީ، މި ބަދަލުތަކާއެކު ހަނގުރާމައިގައި ޔޫކްރެއިންގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ