ބީއެމްއެލްގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް

ބީއެމްއެލް އެޕާއި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލް އަޔާއަކީ، ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފުކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން މަސައްކަތް ކުރާ ޑިޖިޓަލް ބޭންކިންގ އެސިސްޓެންޓެކެވެ.
އެ ބޭންކުން ވިދާޅުވީ، ބީއެމްއެލްގެ މޮބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް، ޑިޖިޓަލް އެސިސްޓެންޓް 'އާޔާ'އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށާފައިވާ ކަމަށެވެ. އަދި މި އަޕްޑޭޓާއެކު ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެބޭންކުން ވިދާޅުވީ މި ބަދަލާއެކު 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް ވަގުތުން ހައްލު ލިބި، ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި ކުރިއަށްވުރެ ބޮޑަށް ހަލުވިކަމާއި ފަސޭހަކަމެއް ލިބޭނެ ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ބީއެމްއެލުން މައުލޫމާތު ދެއްވައެވެ.
މީގެއިތުރުން އެބޭންކުން ވިދާޅުވީ، މި ބަދަލާއި ގުޅިގެން މޮބައިލް ބޭންކިންގ އެޕް އަދި އިންޓަރނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުން ކުރަމުން އައި މެސެޖިންގ ފީޗަރ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުން މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. މިއީ، ކަސްޓަމަރުންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން އެންމެ ފުރިހަމައަށް ކަށަވަރު ކޮށްދިނުމަށް ކުރި މަސައްކަތްތަކެއް ކަމަށް އެބޭންކުން ވިދާޅުވިއެވެ.
އަދި މިއީ އެ ބޭންކުގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން ތައާރަފުކުރި ޑިޖިޓަލް ބޭންކިންގ އެސިސްޓެންޓް "އަޔާ" ފުރަތަމަ ތައާރަފުކުރީ، 31 މެއި 2023 ގައެވެ.
މި ޚިދުމަތަކީ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، 24 ގަޑިއިރު މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ފެށި މުހިންމު މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ