ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި؛ ވީއޭއާރް ބޭނުންކުރުމުގެ ފުރުސަތު ބޮޑު

މި އަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރުމުގެ ފުރުސަތު ބޮޑު ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ބުނެފި އެވެ. 
ސާފް އިން އިއުލާނުކޮށްފައިވާ ގޮތުގައި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގަ އެވެ. މީގެ ކުރިން، ބަންގްލަދޭޝްގެ ދެ ސިޓީއެއްގައި ސާފް ޗެމްޕިއަންޝިޕް ކުޅެން ނިންމި ނަމަވެސް ފަހުން ސާފް އިން ނިންމާފައިވަނީ މުބާރާތް ކުޅޭނީ ޑާކާގައި ކަމަށެވެ. 
އަންނަ ހޮނިހިރު ދުވަހު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯ ލޯންޗްކުރަން ހަމަޖެހިފައިވާއިރު، މުބާރާތުގެ ގުރުއަތުލުން ކުރިއަށްދާނީ އަންނަ މަހު އެއް ވަނަ ދުވަހު ބޫޓާންގެ ތިމްޕޫގައި ކުރިއަށްދާ ސާފްގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގެ ތެރެއިން ބާއްވާ އިވެންޓެއްގަ އެވެ. 
ސާފް އިން އެންމެ ފުަރަތަމަ އޮތީ އަންނަ ސެޕްޓެމްބަރު މަހު 21 އިން އޮކްޓޫބަރު މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ހޯސްޓްކުރުމަށް ކުރަން ޖެހޭ ގިނަ ކަންކަން ނިންމައިފަ އެެވެ. އެހެން ނަމަވެސް، އެ މުއްދަތުގައި، އިންޑިއާ އިން ވަނީ، އިންޑޮނޭޝިއާ އާއި ހޮންގް ކޮންގްގައި ކުރިއަށްދާ ފީފާ އާސިއާން ކަޕްގައި ކުޅެން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. އެހެންވެ، ފަހުން ސާފް އިން ޝެޑިއުލް ބަދަލުކުރީ އެވެ. 
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުންކުރަން ބޭރުގެ ކުންފުންޏަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ، ޕްރުޝޮތަމް ކަޓޭލް، ޓައިމްސް އޮފް އިންޑިއާ އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ. 
"އަދަދު ސްޕޯޓްސް" އަށް ސާފްގެ އޮފިޝަލަކު، މިއަދު ބުނީ، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވީއޭއާރް ބޭނުންކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. 
ބަންގްލަދޭޝްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާއިރު، މި މުބާާރާތް އެ ގައުމުގައި މި ހޯސްޓްކުރަނީ، އަށް އަހަރަށް ފަހު އެވެ. އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެވެ. ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. އެ ގޮތުން، 2003 ވަނަ އަހަރު ރާއްޖޭން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވިއިރު، 2009 ވަނަ އަހަރު އިންޑިއާ އަތުން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވި އެވެ. އަދި، 2018 ވަނަ އަހަރު ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ޗެމްޕިއަންކަން ހޯދި އެވެ. 
އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގަ އެވެ. އެ ފަހަރުގެ މުބާރާތް ކުރިއަށްދިޔައީ، ދައުވަތު ދީގެން ލެބަނަން އާއި ކުވެއިތު ވެސް ހިމަނައިގެންނެވެ. އެ ފަހަރުގެ މުބާރާތުގައި ސަސްޕެންޝަނުގެ ސަބަބުން ސްރީ ލަންކާ ނުކުޅެ އެވެ. މި ފަހަރުގެ މުބާރާތް ބާއްވާނެ ތާރީހު ސާފް އިން އިއުލާނުކުރިއިރު، ނޭޕާލް މި ވަގުތު އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ