ނިމިގެންދިޔައީ އެންމެ ކާމިޔާބު ވޯލްޑް ކަޕް: ޓްރަމްޕް

އެމެރިކާ، މެކްސިކޯ އަދި ކެނެޑާއިން ގުޅިގެން ބޭއްވި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ވޯލްޑް ކަޕް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެ، އެމުބާރާތަށް ތައުރީފު ކުރައްވައިފިއެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ލުބްނާންގެ ރައީސް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ. ޓްރަމްޕް ވިދާޅުވީ ވޯލްޑް ކަޕް ކުރިއަށް ދިޔަ ދުވަސްވަރު ކުށުގެ އެއްވެސް އަމަލެއް ހިނގާފައި ނުވާ ކަމަށާއި، މި މުބާރާތް ކާމިޔާބު ކުރުމަށް އެމެރިކާގެ ރައްޔިތުން ގުޅިގެން އެކަތިގަނޑެއްގެގޮތުގައި މަސައްކަތް ކުރި ކަމަށެވެ. ޓްރަމްްޕް ވިދާޅުވިގޮތުގައި ނިމިގެންދިޔަ ވޯލްޑް ކަޕް ނިންމާލެވިފައިވަނީ ވަރަށް ކާމިޔާބު ކަމާއެކު ކަމަށާއި އަދި މިއީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ވޯލްޑް ކަޕް ކަމަށެވެ. މިމުބާރާތް ކުރިއަށްދިޔައިރު އެއްވެސް މުޒާހަރާއެއް ނުބާއްވާ ކަމަށާއި އަދި ކުށުގެ އެއްވެސް އަމަލެއް ވެސް ނުހިނގާކަމަށް އެމެރިކާގެ ރައީސް ވިދާޅުވިއެވެ. ވޯލްޑް ކަޕްގެ ކޮންމެ މެޗެއް ވެސް ފެނިގެންދިޔައީ ސުޕަރ ވޯލްއެއްގެގޮތުގައި ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ހަމައެއާއެކު އެމެރިކާ އާއި މެދު މީހުން ދެކެމުންދިޔަ ގޮތްވެސް މިމުބާރާތުގެ ސަބަބުން ވަރަށް ބޮޑަށް ބަދަލުވެގެންދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިގޮތުން ސްކޮޓްލަންޑާއި ނޯވޭގެ ސަޕޯޓަރުން ފެނިގެންދިޔަ ކަމަށާއި އެސަޕޯޓަރުންގެ ހިތުގައި އެމެރިކާއަށް އޮތް ލޯބިވެސް ވަރަށް ރަނގަޅަށް ހާމަވެގެންދިޔަކަމަށެވެ. އަދި މިއިން އެއްވެސް ސަޕޯޓަރެއް އެނބުރި ޤައުމަށް ދިޔައީ ދާހިތުން ނޫންކަމަށްވެސް ޓްރަމްޕް ވިފާޅުވިއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާ މިއިން އެއްވެސް ކަމެއް ވޯލްޑް ކަޕްގެ ފައިނަލް މެޗު ނިމުމުގެ ކުރިން ހާމަކުރައްވަން ބޭނުންފުޅު ނުވީ އެންމެ ފަހު ވަގުތުވެސް ކަމެއް ގޯސްކޮށް ހިނގައިދާނެތީކަމަށެވެ. އަދި މިއީ ތާރީހްގައިވެސް ބޭއްވިގެންދިޔަ އެންމެ ކާމިޔާބު ވޯލްޑް ކަޕް ކަމަށާއި އަދި މިފަހަރުގެ ވޯލްޑް ކަޕްގައި އެހެން އެއްވެސް މުބާރާތެއްގައި ނުވާވަރަށް ފައިދާވިކަމަށް ވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.
ޓްރަމްޕްވަނީ މިމުބާރާތް އަލުން އެމެރިކާގައި ބޭއްވުމަށް ޝައުގުވެރިވާކަން ފާޅުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ ވޯލްޑް ކަޕް އަލުން ގެންނަން ކެތްމަދުވެފައި ހުންނެވި ކަމަށާއި ނަމަވެސް މިއަންނަ ފަހަރުގެ މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބޭނެކަމަށް ހީފުޅުނުކުރައްވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ