ފަނަަރަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ފްރާންސުން ފާސްކޮށްފި
އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުން މަނާކުރާ މުހިންމު ބިލެއް ފަރަންސޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ. ފަރަންސޭސިވިލާތުގެ ޕާލަމެންޓުގެ ދެ ޗެމްބަރުގެ މެންބަރުން ވަނީ، ސްކޫލްތަކުގައި މޯބައިލް ފޯނު ބޭނުންކުރުން މަނާކުރާ ޤާނޫނަށް ތާއީދުކޮށް އަންގާރަ ދުވަހު ވޯޓު ދީފައެވެ. މި ފިޔަވަޅާއެކު ފަރަންސޭސިވިލާތް ވެގެންދާނީ ސޯޝަލް މީޑިއާ މަނާކުރުމަށް ފާސްކުރި ޔޫރަޕިއަން ޔޫނިއަންގެ ފުރަތަމަ ޤައުމަށެވެ. ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ވަނީ އެކަމަށް މަޖިލީހުން ރުހުން ދިނުމަކީ "ކުރިއަށް އެޅުނު ބޮޑު ފިޔަވަޅެއް" ކަމަށް ވިދާޅުވެފައެވެ. މެކްރޮން ވަނީ އައު ދިރާސީ އަހަރު ފެށުމުގެ ކުރިން، ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ބާރުއަޅުއްވާފައެވެ. ނަމަވެސް ފަރަންސޭސިވިލާތުގެ ޤާނޫނުއަސާސީއާ އެ ޤާނޫނު ފުށުނާރާތޯ ބެލުމަށް ކުރާ މުރާޖަޢާގެ ސަބަބުން އެ ޤާނޫނަށް ޢަމަލުކުރުން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ. "ދުސްތޫރީ ކައުންސިލުން މިހާރު އެކަމާ މެދު ގޮތެއް ނިންމަން ޖެހޭ. މިއީ އަޅުގަނޑުމެންގެ ދަރިން ރައްކާތެރިކުރުމަށް ފިޔަވަޅު އަޅަންވީ ވަގުތު،" ސޯޝަލް މީޑިއާގައި ޢާންމުކުރެއްވި ވީޑިއޯއެއްގައި މެކްރޮން ވިދާޅުވިއެވެ. ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ގެއްލުންތަކާ ގުޅޭ އިންޒާރުތައް އެތައް ގުނައެއް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ގިނަ ޤައުމުތަކުން ދަނީ ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. ފަރަންސޭސިވިލާތުގެ ޕަބްލިކް ހެލްތު ވޮޗްޑޮގުން މިދިޔަ އަހަރު ބުނެފައިވަނީ ޓިކްޓޮކް، ސްނެޕްޗެޓް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކަކީ ފުރާވަރުގެ ކުދިންނަށް، ޚާއްޞަކޮށް އަންހެން ކުދިންނަށް ގެއްލުންހުރި ޕްލެޓްފޯމްތަކެއް ކަމަށެވެ. ނަމަވެސް އެއީ ނަފްސާނީ ދުޅަހެޔޮކަން ދަށްވުމުގެ ހަމައެކަނި ސަބަބު ނޫން ކަމަށްވެސް ބުނެފައިވެއެވެ. ފަރަންސޭސިވިލާތުގެ ބައެއް ޢާއިލާތަކުން ވަނީ، ގެއްލުންހުރި ކޮންޓެންޓާ ގުޅުންހުރި ކަމަށް ބެލެވޭ ފުރާވަރުގެ ކުދިން އަމިއްލައަށް މަރުވުމުގެ މައްސަލަތަކުގައި ޓިކްޓޮކްގެ މައްޗަށް ދަޢުވާކޮށްފައެވެ. ސޯޝަލް މީޑިއާ މަނާކުރުން ދެ މަރުޙަލާއަކަށް ބަހާލައިގެން ތަޢާރަފުކުރާނެ ކަމަށް ބެލެވޭއިރު، ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 އަހަރުން ދަށުގެ ކުދިންނަށް އައު އެކައުންޓްތައް އުފެއްދުން މަނާވާނެއެވެ. މިހާރު ހުރި އެކައުންޓްތަކަށް މި ޤާނޫނު ތަންފީޒުކުރަން ފަށާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. "15 އަހަރުން ދަށުގެ ކުއްޖެއް ނަމަ އެކައުންޓް ބަންދުކުރާނެ،" ޑިޖިޓަލް މިނިސްޓަރު އޭން ލެ ހެނަންފް ވިދާޅުވިއެވެ. މި ޤާނޫނުގެ ދަށުން އޮންލައިން އެންސައިކްލޮޕީޑިއާތަކާއި ތަޢުލީމީ ނުވަތަ ސައިންޓިފިކް ޑައިރެކްޓަރީތަކަށް ވަނުމެއް މަނައެއް ނުކުރާނެއެވެ. ކަނާތުފިޔައިގެ ޕާޓީ ފްރާންސް އަންބޯޑްގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ވަނީ އެ ބިލާ ދެކޮޅު ހަދައި، ބިލު ދުސްތޫރީ ގޮތުން ސާފުނުވާ ކަމަށާއި، އެ ބިލު ތަންފީޒުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. ނަމަވެސް ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި ބެލެނިވެރިން ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ތާއީދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ