ޤައުމުގެ ކުރިއެރުމަށް އައު ޓެކްނޮލޮޖީތައް ރައްކާތެރިކޮށް ބޭނުންކުރަން އެނގުން މިވަނީ މުހިންމުވެފައިވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ "މޯލްޑިވްސް 2.0" މަގުޗާޓު ތަންފީޛުކުރުމުގަ އަދި މަގުޗާޓުގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރިއަށްގެންދާ "ޑިޖިޓަލް ފޯރ އޯލް" ކެމްޕޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވަނީ "ޑިޖިޓަލް ފޯރ އޯލް" ކެމްޕޭންއާ އެކު
ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި އިޤްތިސާދު ބިނާކުރުމަށް ޤާއިމުކޮށްފައިވާ އަދި ކުރިމަގަށް ރާވާފައިވާ ޤައުމީ ޑިޖިޓަލް ނިޒާމުތަކާއި އުމްރާނީ އިންވެސްޓްމެންޓްތައް މެދުވެރިކޮށް އިޤްތިސާދީ އަދި އިޖްތިމާޢީ ނަފާ ހޯދުމަށް ޑިޖިޓަލް ރޮގުން ލޯހުޅުވިފައި ތިބި ހުނަރުވެރި، ޒިންމާދާރު އަދި އުފެއްދުންތެރި ރައްޔިތުން ބިނާކުރުމުގެ މަސައްކަތްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ލިޔަންކިޔަން ދަންނަ އާބާދީގެ ނިސްބަތް އިތުރުކުރުމަށް 70ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުން ފެށްޓެވި އަސާސީ ތަޢުލީމު އުނގަންނައިދިނުމުގެ ޤައުމީ ޕްރޮގްރާމްފަދައިން، ޑިޖިޓަލް ހުނަރުތަކާއި ފަންނުތަކާއެކު މުސްތަޤްބަލަށް ފަށްކާވެފައިވާ އަބާދީއެއް ބިނާކުރުމުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްއާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެން ދިރިއުޅޭ ގޮތާއި، މަސައްކަތްކުރާ ގޮތާއި، މުޢާމަލާތްކުރާ ގޮތާއި ޚިދުމަތްތައް ހޯދާ ގޮތް، މުޅިން ބަދަލުވެފައިވާކަމަށެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ކޮންމެ ދާއިރާއަކަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކޮންމެ ވިޔަފާރިއެއް ޑިޖިޓަލް ވިޔަފާރިއަކަށް ވަމުންދާތަން ނުވަތަ ވިޔަފާރި ހިންގުމުގައި ޓެކްނޮލޮޖީ އިންތިހާއަށް ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަމަށެވެ. އަދި މުޅި ދައުލަތުގެ ހިންގުމާއި ޚިދުމަތް ދިނުމުގެ އޮނިގަނޑުވެސް ޑިޖިޓަލް ވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޤައުމު ކުރިއަރައިގެން ދާނީ، ރައްޔިތުންގެ ކިބައިގައި ޑިޖިޓަލް ސުލޫކާއި އިތުބާރު ހުރެ، ޢަމަލީ ހުނަރުތައް އަށަގަނެ، އަދި އަލަށް އަންނަ ޓެކްނޮލޮޖީތައް ރައްކާތެރިކަމާއެކު ބޭނުންކުރަން އެނގިގެންކަމަށެވެ. އަދި އެއްވެސް ފަރާތެއް ބާކީ ނުކޮށް އެ ހުނަރުތައް އުނގަންނައިދިނުން މުހިއްމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ޓެކްނޮލޮޖީގެ ދާއިރާގެ މަސްއޫލިއްޔަތު ހަވާލުވެހުރި މިނިސްޓަރުގެ ހައިސިއްޔަތުން، އަޅުގަނޑު ދަންނަވަން އޮތީ ހަމައެކަނި ޓެކްނޮލޮޖީއަކުން ޤައުމެއް ބަދަލެއް ނުކުރެވޭނެ ވާހަކަ. އަޅުގަނޑުމެންނަށް ކޮންމެ ރަށަކަށް ކޭބަލް އަޅައި، 5ޖީ ކަނެކްޓިވިޓީ ފޯރުކޮށްދީ، ޑިޖިޓަލް ޕޭމަންޓް ހެދުމުގެ ނިޒާމުތައް ޤާއިމުކޮށްދީ ޑިޖިޓަލް ޕްލެޓްފޯމްތައް ޚިދުމަތް ދިނުމަށް ޤާއިމުކުރެވިދާނެ. ނަމަވެސް، އެ ތަކެތި އަދި ވަސީލަތްތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރާނެ އިތުބާރާއި ހުނަރު އަޅުގަނޑުމެންގެ ރައްޔިތުންގެ ކިބައިގައި ނެތްނަމަ، އަޅުގަނޑުމެން ވާނީ އާޚިރުގައި ނާކާމިޔާބު" ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމަންޓަކީ ހަމައެކަނި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން ނޫންކަމަށާއި މި ރޮނގުން ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމެންޓަކީ ޤައުމާއިގެން ކުރިއަށްދާނެ، ޑިޖިޓަލް ގޮތުން ޤާބިލު ރައްޔިތުން އުފެއްދުންކަމަށެވެ. އަދި އިންފްރާސްޓްރަކްޗަރއިން ރަށްތައް ގުޅުވައިދިން ނަމަވެސް، އަށަގަނެވޭ ޤާބިލިއްޔަތުގެ ސަބަބުން ރައްޔިތުން ފުރުޞަތުތަކާ ގުޅުވައިދިނުމަށް އެތަށް މަގުތަކެއް ހުޅުވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މޯލްޑިވްސް 2.0 ގެ އެއް އަމާޒަކީ އެއްވެސް ރައްޔިތަކަށް ލިބޭ ފުރުޞަތެއް އޭނާ ދިރިއުޅޭ ރަށެއްގެ ސަބަބުން ހަނިނުވާނެ ފަދަ "ޑިޖިޓަލް ފަސްޓް" ޤައުމެއް ބިނާކުރުން. އެ ތަޞައްވުރު ޙަޤީޤަތަކަށް ހެދޭނީ ރައްޔިތުންނަށް ފުރިހަމަ އިތުބާރާއެކު އޭ.އައި ފަދަ ފަހުގެ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، މި މަޝްރޫޢުގެ ދަށުން ޤާއިމުކުރުވިގެންދާ ޑިޖިޓަލް އެކޯސިސްޓަމްގެ ތެރޭގައި ދާންވީ މިސްރާބު ނުވަތަ ނެވިގޭޓްކުރަން އެނގިގެން." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ "ޑިޖިޓަލް ފޯރ އޯލް" ވެގެންދާނީ ހަމައެކަނި ކެމްޕޭނަކަށް ނޫންކަމަށާއި މިއީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވާސިލުވާނެ، ޤައުމީ ފެންވަރުގެ ޤާބިލުކަން ބިނާކުރުމުގެ ބޮޑު ޙަރަކާތެއްކަމަށެވެ. މި ޤައުމީ މަޝްރޫޢުގައި ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ޕްރައިވެޓް ސެކްޓަރ އާއި ކައުންސިލްތަކާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ޖަމިއްޔާތަކާއި، އިސްރަށްވެހިގެން ކަންކަން ބަލަހައްޓާ ޖަމްޢިއްޔާތަކާއި، ބޭރުގެ އެހީދޭ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއި، ބެއިވެރިވުން ފޯރުކޮށް ދިނުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
"އައު ޓެކްނޮލޮޖީތައް ބޭނުންކުރަން އެނގުން މުހިންމު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ