މާލޭގައި އުޅޭ ރައްޔިތުންނާ ބައްދަލުކުރަން ރަށްރަށުގެ ކައުންސިލްތަކަށް ހިލޭ ޖާގަ ދޭން ނިންމައިފި
މާލެ ސިޓީގައި ދިރިއުޅޭ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކަށް މާލެ ސިޓީ ކައުންސިލުން ހިލޭ ޖާގަ ހަމަޖައްސައިދޭން މިއަދު ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރުގެ ނުވަ ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މި ހުށަހެޅުން ޖަލްސާއަށް ހުށަހަޅުއްވަމުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި އެކި ދާއިރާތަކުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ޖާގަ ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. ޚާއްޞަކޮށް މާލޭގައި ކުއްޔަށް ތަންތަން ހިފުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށް ވުމުން، ރަށްރަށުގެ ކައުންސިލްތަކުގެ ބަޖެޓުން އެކަމަށް ފައިސާ ހަމަޖެއްސުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް އެހެންކަމުން، އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު މާލޭގައި އުޅޭތީ، އެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ދެ ފަރާތުގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން، ކައުންސިލްތަކުން ބައްދަލުވުންތައް ބާއްވާއިރު، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ޕާކުތަކާއި މައިދާންތައް ފަދަ ހުސްތަންތަން ހަމަޖައްސައިދިނުމުގެ އިތުރުން، މެހެމާންދާރީ އަދާކުރުމުގެ ގޮތުން ރިފްރެޝްމަންޓް ފަދަ ކަންކަން ވެސް ހަމަޖައްސައިދިނުމަކީ، މާލެ ސިޓީއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭނެ މަސައްކަތެއް ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ. މޭޔަރުގެ މި ހުށަހެޅުމަށް ތާއީދުކުރެއްވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޟެވެ. މި ކަމާ ގުޅޭގޮތުން ޖަލްސާގައި ވާހަކަދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ރިޟްވާން ޢަލީ ވިދާޅުވީ، މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި މާލޭގައި ގިނަ ޢަދަދެއްގެ ރަށްރަށުގެ ރައްޔިތުން ދިރިއުޅޭތީ މިއީ އެ ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ރަށްރަށުގެ ތަރައްގީގެ މަޝްރޫޢުތަކާއި ކަންކަމުގައި މާލޭގައި ދިރިއުޅޭ އެ ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މި ނިންމުމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ހަލީމް ވިދާޅުވި ގޮތުގައި، މި ކަން ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ޖާގަ ދޫކުރާނެ މިންގަނޑުތަކާއި ވަގުތުތައް ކަނޑައެޅުމަށް އުސޫލެއް އެކުލަވައިލުމަށް އޭނާ ބާރުއެޅުއްވިއެވެ. މި ނިންމުން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހައި ކައުންސިލަރުންގެ އިއްތިފާގުންނެވެ. މި ނިންމުމުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރަށް މާލޭގައި އުޅޭ ރައްޔިތުންނާ، ކައުންސިލްތަކުން ގުޅުން ބަދަހިކޮށް މުޢާމަލާތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. މީގެ ކުރިން، މިދިޔަ ބުދަ ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރުގެ އަށް ވަނަ ޖަލްސާގައި ވަނީ އަލަތު ކައިވެނި ކުރާ، ފުދުންތެރިކަން ދަށް މީހުންނަށް ވެސް، ކައިވެނީގެ ވަލީމާ ބާއްވަން މާލޭން ހިލޭ ބިން ދޭން ނިންމައިފައެވެ. އެ ނިންމުމަކީ ވެސް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާޢީ ގޮތުން ލުއިފަސޭހަތަކެއް ހޯދައިދިނުމަށް މޭޔަރު ޢާޒިމް ވެވަޑައިގެންފައިވާ ވަޢުދެއްގެ ދަށުން ނިންމި ނިންމުމެކެވެ. އެ ނިންމުމާ ގުޅިގެން ޢަމަލުކުރާނެ ޚާއްޞަ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ކައުންސިލްގެ ފައިނޭންޝަލް ބަޖެޓް ކޮމިޓީއާއި ސޯޝަލް ސާވިސް ކޮމިޓީން މިހާރު ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ