ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމަރުންނަށް ރެކޯޑް އަދަދަކަށް ޑޮލަރު ވިއްކާފައިވާކަން ބީއެމްއެލްއިން ހާމަކޮށްފިއެވެ.
މީއެމްއެލްއިން ހާމަކޮށްފައިވާގޮތުގައި މީގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފަރސް(ޓީޓީ)، ތަޢުލީމު، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ބޭނުންތައް ހިމެނެއެވެ.
މިގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް 1.7 ބިލިއަން ޑޮލަރު ވިއްކާފަކަމަށް އެކުންފުނިން ހާމަކުރެއެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތުގައި (ޖުލައި 2021 އިން ޑިސެންބަރު 2023 އަށް) ވިއްކި 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު %77 ނުވަތަ 741 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކަކަށްވެސް ކަސްޓަމަރުންނަށް ޑޮލަރު ވިއްކަމުންދާ އަދަދު އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވޭއިރު ކާޑުގެ މުޢާމަލާތްތަކަށް ބަލާއިރު މިދިޔަ ދެ އަހަރާ ބައިގެ މުއްދަތުގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް 870 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށް އެބޭންކުން މައުލޫމާތުދެއެވެ.
މިއީ އޭގެ ކުރީ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެއްކަން ފާހަގަކޮށް 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު މި ބޭނުމަށް ވިއްކާފައިވާއިރު މި އަހަރު އެވްރެޖްކޮށް މަހަކަށް މިދަނީ 37.8 މިލިއަން ޑޮލަރު ވިއްކަމުންކަމަށް ބީއެމްއެލްއިންވަނީ ހާމަކޮށްފައެވެ.
2023 ވަނަ އަހަރު އެވްރެޖްކޮށް ޓީޓީ ފޮނުވުމަށް މަހެއްގެ މައްޗަށް ބޭންކުން ވިއްކާފައިވަނީ 10.2 މިލިއަން ޑޮލަރެވެ. މިއަހަރު ތެރޭ ބޭންކުން އެވްރެޖްކޮށް މަހެއްގެ މައްޗަށް 28 މިލިއަން ޑޮލަރު ވިއްކަމުންދާކަން ބޭންކުން ފާހަގަކުރެއެވެ.
ތަޢުލީމާއި ބޭސްފަރުވާއަށް ވިއްކި ބޭރު ފައިސާގެ މިންވަރަށް ބަލާއިރު 2023 ވަނަ އަހަރު މަހަކަށް ވިއްކާފައިވަނީ 2.9 މިލިއަން ޑޮލަރެވެ. 2024 ގައި މިއަދަދު 4 މިލިއަން ޑޮލަރަށް އަދި 2025 ގައި 5 މިލިއަން ޑޮލަރަށް އަރާފައިވާކަމަށްވެސް ބޭންކުންވަނީ ހާމަކޮށްފައެވެ. އަދި 2026ވަނަ އަހަރު ބޭންކުން އަންނަނީ މަހަކަށް 5.8 މިލިއަން ޑޮލަރު ވިއްކަމުންކަމަށާއި މިއީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށާއި ބޭސްފަރުވާ ހޯދާ އާއިލާތަކަށް ލިބުނު ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ބޭންކުން ފާހަގަކުރެއެވެ.
ޖަނަވަރީ 2021 އިން ފެށިގެން ޑިސެންބަރު 2023 ގެ ނިޔަލަށް ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު ޖަނަވަރީ 2024 އިން ފެށިގެން ޖޫން 2026 ގެ ނިޔަލަށް ވަނީ 264 މިލިއަން ޑޮލަރު ވިއްކާފައެވެ. މިއީ ގާތްގަނޑަކަށް 70% އިތުރުވުމެކެވެ. މިއަހަރުގެ ވޭތުވެދިޔަ 6 މަސްދުވަހުގެ މުއްދަތަށް ބަލާއިރު ބޭންކުން ވަނީ މަހަކަށް 8.5 މިލިއަން ޑޮލަރު ވިއްކާފައެވެ.
ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
މިއަދަދު ތަކުން ދައްކައިދެނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބީއެމްއެލްއިން ބަހައްޓާ ސާބިތުކަން ހާމަކޮށްދޭ ކަމެކެވެ. ބޭރު ފައިސާގެ ބޭނުންތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދާއިރު، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ތަޢުލީމާއި، ބޭސްފަރުވާ، ދަތުރުފަތުރު އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބީއެމްއެލްއިން އަބަދުވެސް އިސްކަންދޭކަން ފާހަގަކުރެވެއެވެ.
ބީއެމްއެލްއިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ