މާލޭ ވޮކޭޝަނަލް ހައި ސްކޫލްގެ އައު އިމާރާތް އެޅުމަށް އޮގަސްޓުގައި ހަވާލުކުރަނީ

މި އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އައު އިމާރާތެއް އެޅުމަށް ބަޔަކާއި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި، ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ހުޅުމާލޭ ސީއެޗްއެސްސީގައި ބޭއްވި 'މަތީ އަރުތަވެރިންގެ އިނާމު 2025' ދިނުމުގެ ރަސްމިއްޔާތުގެ 4ވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، 2023ވަނަ އަހަރު އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރުގައި މަތީ ސާނަވީ މަރުހަލާއަށް ދަނީ ގްރޭޑް 10ގައި ތިބި ދަރިވަރުންގެ ގާތްގަނޑަކަށް %34 ކަމަށެވެ. އެހެންނަމަވެސް ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ގެނެވުނު އެކި ބަދަލުތަކާއި، ދަރިވަރުންނަށް މަތީ ސާނަވީގައި ކިޔެވުމަކީ ކިހާ މުހިންމުކަމެއްކަން ވިސްނާދެވި ސިޔާސަތުތަކަށް ގެނައި ބަދަލާއިއެކު މިހާރު %48 ދަރިވަރުން މަތީ ސާނަވީ މަރުހަލާގައި ކިޔަވަމުންދާކަމަށެވެ.
މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ހަމައެކަނި ސަރުކާރަށް ލިބުނު ކާމިޔާބީއެއް ނޫންކަމަށާއި މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިދިޔަ އަހަރު މާލެ ވޮކޭޝަނަލް ހައިސްކޫލް ވާނީ އުފައްދާފައި. އެތަނުގެ ތެރޭގައި ދަރިވަރުން އެދަނީ ކިޔަވަމުން. އަދި މިހާރު އަޅުގަނޑުމެން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އެއްކަމަކީ މި އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އައު އިމާރާތެއް އެޅުމަށް ބަޔަކާއި ހަވާލުކުރުމަށް ކުރަމުންދާ މަސައްކަތް. އަދި މިއާއިއެކުގައި އިންޑަސްޓްރީއާއި ގުޅިގެން މިހާރު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ތެރޭގައި ސްކިލް ޑިވެލޮޕްމަންޓްބައި އޮތުމާއި އެކުގައިވެސް ވޯކް ބޭސް އެޕްރެންޓިޝިޕް ޕާތްވޭ ފުޅާކުރުމުގެ މަސައްކަތް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސްކޫލް މަރުހަލާގައި ކިޔެވުމަށް އެންމެ ކުއްޖަކު އިތުރުކުރެވުނަސް އެންމެ ކުއްޖަކަށް އިތުރު ފުރުސަތު ދެވުނުކަމަށްވިއަސް އެއީ ގައުމުގެ ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް، ޒުވާނުން ބާރުވެރި ކުރުވުން، އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި ކުރާ މަސައްކަތައް އެޅިގެންދާނެ ވަރަށް ބޮޑު ބާރެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ