މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އޮންނާނެއެވެ.
މި އަހަރުގެ ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ގިންތިއަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެމަތީ ވަނަ ހޯދާ ފަރާތްތަކެވެ. މީގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމަށް އައު އީޖާދެއް ނުވަތަ ޢިލްމީ ދިރާސާއެއް ކުރި ފަރާތްތަކުގެ އިތުރުން، 18 އަހަރާއި 35 އަހަރާ ދެމެދުގެ ހުނަރުވެރި ޒުވާނުންނަށް ޚާއްޞަ ގިންތިއެއް ހިމެނެއެވެ.
ތަޢުލީމީ ދާއިރާއިން އިނާމު ދިނުމުގައި ބަލާނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށެވެ. އަދި ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރުމުގައި މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒަކުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށްވެސް މި ފުރުސަތު އޮންނާނެއެވެ.
އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށްގެންނެވެ. އިނާމަށް ހުށަހަޅާ ލިޔުންތަކަކީ އަސްލާ އެއްގޮތް ލިޔުންތަކެއްކަން ކަށަވަރު ކުރުމަށާއި، އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ފޯމު ފުރިހަމަކުރުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން އިލްތިމާސް ކުރައްވައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ