ހަތަރު އަހަރުވަންދެން ރިލީޒް ނުކުރެވި އޮތް ހުމާގެ ފިލްމެއް އެންމެފަހުން ބެލުންތެރިންނަށް

ގާތްގަނޑަކަށް ހަތަރު އަހަރުވަންދެން ރިލީޒް ނުކުރެވިއޮތް ބޮލީވުޑްގެ ބަތަލާ ހމާ ގުރައިޝީގެ ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފިއެވެ. ސްޓްރީމިންގް ޕްލެޓްފޯމް 'ޒީ5' މެދުވެރިކޮށް ގެނެސްދޭ މި ފިލްމުގެ ނަމަކީ "ޕޫޖާ މޭރީ ޖާން"އެވެ. ޒީ5އިން ކުރިއަށްއޮތް ތަނުގައި ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމުތަކުގެ ލިސްޓުގައި މި ފިލްމު ހިމަނާފައިވީ ނަމަވެސް ފިލްމު ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ނަވްޖޯތު ގުލާތީ ޑައިރެކްޓްކޮށް، ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްއިން އުފައްދާފައިވާ މި ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ ޖިއޯ ސިނަމާ މެދުވެރިކޮށެވެ. ނަމަވެސް، ޖިއޯ ސިނަމާ އާއި ޑިޒްނީ ޕްލަސް ހޮޓްސްޓާ އެއްކޮށްލުމާ ގުޅިގެން ފިލްމު ރިލީޒްކުރުމުގެ މަސައްކަތް ހުއްޓި، ފިލްމުގެ މުސްތަގުބަލާ މެދު އޭރު ސުވާލު އުފެދުނެވެ. ޑައިރެކްޓަރު ނަވްޖޯތު ގުލާތީ ތުހުމަތުކުރާ ގޮތުގައި ފިލްމު ރިލީޒްކުރުން ފަސްކޮށްފައި އޮތީ ފިލްމުގެ އަގާ މެދު އުފެދުނު ދެބަސްވުމެއްގެ ސަބަބުންނެވެ. އެގޮތުން މެޑޮކް ފިލްމްސްއިން ބޭނުންވާ އަގަށް ވުރެ ކުޑަ އަގަކަށް ފިލްމު ވިއްކާލަން އެ ކުންފުނިން ބޭނުން ނުވީ ކަމަށް ނަވްޖޯތު ގުލާތީ ތުހުމަތުކުރެއެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަން އަދި ޑައިރެކްޓަރު ނަވްޖޯތު ގުލާޓީ--ފޮޓޯ/ބޮލީވުޑްހަންގާމާ ނަވްޖޯތު ބުނި ގޮތުގައި ފުރަތަމަ ފިލްމު ރިލީޒްނުވެ އޮތުމުގެ ސަބަބުން ފިލްމީ ދާއިރާއިން އިތުރު ފުރުސަތުތައް ހޯދުމުގައި އޭނާއަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ. އަދި ޕްރޮޑިއުސަރުން ފިލްމު ރިލީޒްނުކުރާ ނަމަ، އޭނާ އަމިއްލައަށް ފިލްމު ގަންނަން ވެސް އޭރު ތައްޔާރަށް ހުރި ކަމަށް ނަްވޖޯތު ބުނެފައިވެއެވެ. ފިލްމު "ޕޫޖާ މޭރީ ޖާން" އަކީ މީހުންނަށް ފާރަލުމާއި ސައިބަ ކްރައިމްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުން ބަތަލާ މްރޫނާލް ތާކުރު، ވިކްރަމް ސިންގް ޗޯހާން އަދި ވިޖޭ ރާޒް ވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ