އުރީދޫ މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އުރީދޫ މަސްރޭސް 2026 މި އަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާކަން އިޢުލާނުކޮށްފިއެވެ.
މި އަހަރުގެ މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 7 އޮގަސްޓް 2026 ގައި، ކ. މާފުށީގައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަދު ހުޅުވާލިއިރު، ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ 21 ޖުލައި 2026 ގެ ރޭގަނޑު 23:59 އެވެ. އުރީދޫން ބުނީ، މި މުބާރާތުގައި ބައިވެރިވުމަށް ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން 12 މީހުންގެ ޓީމެއް އެކުލަވާލުމަށްފަހު، އޮންލައިންކޮށް ފޯމު ހުށަހެޅޭނެކަމަށެވެ.
އެގޮތުން، މި އަހަރުގެ މަސްރޭހުގައި ވާދަކުރެވޭނީ ގިނަވެގެން 20 ޓީމަށް ކަމަށް އުރީދޫން ބުންޏެވެ. އެހެންކަމުން، 20 ޓީމަށްވުރެ އިތުރުވާނަމަ، ފުރުސަތު ދޭނީ އެންމެ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް، ފައިސާ ދައްކާ 20 ޓީމަށް ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
މިއަހަރުގެ މަސް ރޭހަށް އުރީދޫން ވަނީ 43،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައެވެ. އެގޮތުން، ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހުށަހަޅާފައިވާއިރު، ދެވަނައަށް 10،000 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަކަށް 5،000 ރުފިޔާ ހުށަހަޅާފައިވެއެވެ. މީގެއިތުރުން، އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް 1،000 ރުފިޔާއާއި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 1،000 ރުފިޔާ ހުށަހަޅާފައިވެއެވެ.
އުރީދޫ މަސްރޭސް 2026 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކުގެ އިތުރުން، އާންމުން ބައިވެރިވުމަށް އުރީދޫން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށްވުރެ ބޮޑަށް، ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުވާ އަދި މުޖުތަމަޢުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ޙަރަކާތެއް ކަމަށް އުރީދޫން ފާހަގަކުރެއެވެ.
އުރީދޫ މަސްރޭހުގައި ބައިވެރިވެވޭނީ 20 ޓީމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ