މެޓްގެ ލަފާކުރުން: ރާއްޖޭގެ މޫސުން އަންނަނީ ރަނގަޅުވަމުން، މިއަދަށްވުރެ މާދަމާ ރަނގަޅުވާނެ!

ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް މޫސުން ގޯސްވެ، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގި ނަމަވެސް މިހާރު ރާއްޖޭގެ މޫސުން އަންނަނީ ރަނގަޅުވަމުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. މިއާ ޚިލާފަށް، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި އާންމު ގޮތެއްގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އާންމު ގޮތެއްގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުފަޅުތައް އާދައިގެވަރަކަށް މަޑުވާނެއެވެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުފަޅުތައް އާދައިގެވަރަކަށް ގަދަވާނެއެވެ.
މެޓް އޮފީހުން ބުނީ މޫސުން އަލިވަމުން އަންނައިރު މިއަދަށްވުރެ މާދަމާ މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ