މޫސުން ގޯސްވެ ބައެއް ވީއައިއޭގެ ބައެއް ފްލައިޓްތައް ޑިލޭ

މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް ބުނެފަ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރެވެހި ވައިގަދަވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ބައެއް ފްލައިޓްތައް ޑިލޭ ވެއްޖެ އެވެ. 
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު މިއަދު ވިދާޅުވި ގޮތުގައި ވިއްސާރައިގެ ސަބަބުން ފްލައިޓްތައް ފުރުމާއި ޖެއްސުން ލަސްވުމުގެ އިތުރުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވީއައިއޭގެ ބައެއް ސަރަހައްދުތަކުގައި ފެން ވެސް ބޮޑުވި ކަމަށެވެ. 
"ބައެއް މަގުތައް ވެސް ބްލޮކްވި. ބައެއް ސަރަހައްދުތަކުގައި ފެން ހެދުނު. ނަމަވެސް އެކަން ހައްލުކުރަން މުވައްޒަފުން ދަނީ މަސައްކަތް ކުރަމުން،" ޝަމްއާން ވިދާޅުވި އެވެ. 
އެމްއޭސީއެލް އިން ވަނީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުންދާތީ އެކަން ހައްލު ކުރަން މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. 
ސްކޫލް ހޮލިޑޭ އާއި އާހަރުގެ ފެށުމާ ދިމާކޮށް ދަތުރު ކުރާ މީހުންގެ އަދަދު ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. މީގެ ސަބަބުން ވީއައިއޭއަށް ވަނީ ބާރުބޮޑުވެފަ އެވެ. މިކަން މިހެން އޮއްވައި މޫސުން ގޯސްވެ ފްލައިޓްތައް ޑީލޭ ކުރަން ޖެހުމުން އިތުރަށް ވަނީ ބާރު ބޮޑުވެފަ އެވެ. 
މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މެޓުން މިހާރު ވަނީ ނ އަތޮޅުން ފެށިގެން ވ އަތޮޅަށް ރީންދޫ ސަމާލު ނެރެފަ އެވެ. މި ވިއްސާރާގައި މާލެ ސިޓީ އަށް ހުއްޓުމެއް ނެތި ވާރޭވެހި މަގުތަކާއި ގޯޅިތަކުގައި ފެންބޮޑުވެ އާންމު ދިރިއުޅުމާ ދަތުރު ފަތުރަށް ވަނީ ބުރޫއަަރާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ