15 އަހަރުގެ ތެރޭގައި ގެނެސްނުދެވުނު ތަރައްގީ ފަސް އަހަރުން ގާސިމް ގެނެސްދެއްވާނެ: ޑރ. ޝައުގީ

ފާއިތުވި ފަނަރަ އަހަރުގެ ތެރޭގައި އައްޑޫ ސިޓީއަށް ގެނެސްނުދެވުނު ތަރައްގީ ގާސިމް އިބްރާހީމްގެ ފަސް އަހަރުގެ ތެރޭގައި ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑުވައިޒަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރެއްވުމުގެ ގާބިލްކަން ހުންނެވި ހަމައެކަނި ލީޑަރަކީ ގާސިމް އިބްރާހީމް ކަމަށާއި އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އައްޑޫ ސިޓީއަށް ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ގާސިމްގެ މައްޗަށް ޚިޔާނާތުގެ ތުހުމަތެއް ނެތްކަން ފާހަގަކުރައްވާ ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ އެމަނިކުފާނުގެ އަމާނާތްތެރިކަން ރައްޔިތުން ޓެސްޓްކޮށްފައިވާ ކަމަށެވެ.
" ރާއްޖެއަށް އަމާނާތްތެރިވާނެކަން އެމަނިކުފާނު އޮތީ ސާބިތުކޮށްދެއްވާފަ. ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް އެއީ ބަރާބަރު ބައްޕައެއް. ގައުމީ ޚިދުމަތް ޕްލޭންކޮށްގެން ޚިދުމަތް ކުރުމުގެ ޝަރަފުވެރި އިނާމުވެސް އެއޮތީ ލިބިފަ. އެއީ ހަމަ ހުރެފަ ސަބަބެއްނެތި ލިބުނު ޝަރަފެއް ނޫން. އެއީ އެމަނިކުފާނުގެ ޚިދުމަތާއި ގާބިލްކަމުން ލިބުނު އެއްޗެއް." ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑުވައިޒަރު ޑރ. މަހުމޫދު ޝައުގީ
ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުން ގެއްލުވާނުލުމަށް އެދި ޑރ. ޝައުގީ ވަނީ ރައްޔިތުންނަށް ބޭނުންވާ ތަހުޒީބާއި ކުރިއެރުން ގެނެސްދެއްވާނީ ގާސިމްކަން ފާހަގަކުރައްވާފައެވެ.
މެނިފެސްޓޯ އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން ބޭފުޅެއްގެ ހައިސިއްޔަތުން ޑރ. މަހުމޫދު ޝައުގީ މީގެ ކުރިން ވިދާޅުވެފައިވަނީ މެނިފެސްޓޯ އެކުލަވާލާފައިވަނީ 9 ބަޔަކަށް ބަހާލައިގެން ކަމަށާއި މި ބައިތަކުގެ ތެރޭގައި ގާތްގަނޑަކަށް 200 އެއްހާ ގިނަ ވަކިވަކި ވައުދު އެބައޮތް ކަމަށެވެ.
އަދި ނުފުއްދޭނެ ކަމަށް ބެލެވުނު ބައެއް ވައުދުތައް އުނިކޮށްފައިވެސް ވާނެކަމަށް ޑރ. މަހުމޫދު ޝައުގީ ވިދާޅުވިއެވެ.
"ފަތުރުވެރިކަމުގެ ނަފާ މުޅި ރާއްޖެއަށް" ވައުދުގެ ތެރެއިން މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 35،000 ޓޫރިސްޓް އެނދު އިތުރުކުރުމާއި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 4 މިލިއަނަށް އިތުރުކުރުމާއި، ޓޫރިޒަމުން ދައުލަތައް ލިބޭ އައްމުދަނީ 4 ބިލިއަން ޑޮލަރުން 7 ބިލިއަން ޑޮލަރަށް އިތުރުކުރުމާއި، ޓޫރިޒަމް ސެކްޓާ އެމްޕޮލައިމެންޓް 40،000 އިން 60،000އަށް މަތިކުރުމާއި، ވަލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް މަސައްކަތް 2024 ވަނަ އަހަރަށް ނިންމައި 1 އަހަރުތެރޭގައި ހުޅުވުމާއި، ވަކި މިންވަރަކަށް ނިންމާފައިވާ ރިސޯޓުތަކަށް ލޯނު ހޯދުމުގައި އެހީތެރިވެދީ ނުހެދިހުރި 120 ރިސޯޓެއް ހުޅުވުމަކީ ގާސިމްގެ މެނިފެންސްޓޯގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އުރުރާއި ދެކުނުގައި ސީޕްލޭންގެ ހިދުމަތް ގާއިމްކުރުމާއި، ރިސޯޓު ޔުނިވާސިޓީ އަދި ކޮލެޖުތަކުގައި ފަތުރުވެރިކަމުގެ އެންމެ މަތީ ދަރަޖައިގެ ކޯސްތައް ހިންގުމާއި، އޯޝަން ޓޫރިޒަމްގެ ދަށުން 100 އެނދުގެ ފްލޯޓިން ރިސޯޓެއް ހަދައި ކުރޫޒު ޓޫރިޒަމް ފުޅާކުރުމާއި، ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓުތަކާއި ގުޅިފައި ޔޮޓް މެރީނާތަކެއް ގާއިމްކުރުމާއި، ރިސޯޓުތަކުގެ ފަންނީ މަގާމުތަކުގައި ތިބޭ ދިވެހިންގެ ނިސްބަތް އިތުރުކުރުމާއި ރިސޯޓުތަކުގެ ފަންނީ މަގާމުތަކުގައި ތިބޭ ދިވެހިންނާއި ބޭރު މީހުންގެ މުސާރައިގެ ފަރަގު ކުޑަކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް "އޮންލައިން ގައުމީ ބުކިން ސިސްޓަމް" އެއް ގާއިމްކުރުމުގެ އިތުރުންވެސް ބޭނުންތެރި އެތައް ވައުދެއް އެކަށައަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ