މޫސުން ގޯސްވުމުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކަށް ތަކެތި މިއަދު ނުފޮނުވުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް މިއަދު ފޮނުވަން ނިންމާފައިވާ ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ތަކެތި، މޫސުން ގޯސްވުމުގެ ސަބަބުން، ފަތިހު ފޮނުވޭ ގޮތް ނުވި ކަމަށެވެ.
ލޯންޗުތަކަށް ބަރުކުރި ހުރިހާ ސާމާނެއް އަނބުރާ އީސީ އަށް މިހާރުވަނީ ގެނެވިފައި"
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އިއްޔެ ކުރެއްވި ޓުވީޓެއްގައިވާ ގޮތުން އަންނަ މަހުގެ 9ގައި އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗެކްކޮށް، ބަންދުކުރުމުގެ ހުރިހާ ކަމެއް ނިމި، އަތޮޅުތަކަށް ސެކިއުރިޓީ ސާމާނު ފޮނުވުމުގެ މަސައްކަތްތައް މިއަދު ފަށާނެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް މިއަދު ތަކެތި ފޮނުވުމަށް ފަހު، ދެކުނުގެ އަތޮޅުތަކަށް ތަކެތި ފޮނުވަން ފަށާނީ މާދަމާ އެވެ.
ޤާނޫނުގައި އޮންނަގޮތުން ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު އީސީ އިން ބުނީ މި އަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.
މި އަހަރު ބާއްވާ އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި މާލޭ ސަރަހައްދުގައި 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުގެ 7 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވާއިރު 60 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެނޑިޑޭޓުން ވާދަކުރެއެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.
މޫސުން ގޯސްވުމުން އުތުރަށް ވޯޓު ކަރުދާސް ފޮނުވުން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ