ޔާމީން ދެ ވަނަ ބުރުގައި ވޯޓުލައްވަން ޖަލަށް ރީ-ރަޖިސްޓްރީކުރައްވައިފި

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލެއްވުމަށް އެ މަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކ. މާފުށީ ޖަލަށް ރީ-ރަޖިސްޓްރީކުރައްވައިިފި އެވެ.
ވީ ކިިހިނެއް؟ - އިލެކްޝަންސް ކޮމިޝަންގެ ރެކޯޑްތަކުން ދައްކާ ގޮތުން، މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން، ވޯޓުލައްވަން އޮތީ އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މައްޗަންގޮޅި އުތުރު ދާއިރާގެ 2 ނަންބަރު ވޯޓު ފޮއްޓަށެވެ.
މި މަހުގެ 9ގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލެއްވުމަށް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވި އިރު ވެސް ޔާމީން މާފުށީ ޖަލަށް ރީ-ރަޖިސްޓްރީކުރައްވާފައެއް ނުވެ އެވެ. އަދި ވޯޓުލެއްވުމަށް އެ ދުވަހު މާލެ ވަޑައިގެންފައެއް ވެސް ނުވެ އެވެ.
އިތުރަށް ކިޔާލަން - ޔާމީން ޖަލުގައި ވޯޓުލެއްވުމަށް ރީ-ރަޖިސްޓްރީއެއް ނުކުރައްވާ
ނަމަވެސް، ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި މަހުގެ 30ގައި ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލެއްވުމަށް ޔާމީން ފުރިހަމަ ކުރައްވަން ޖެހޭ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސަވާފަ އެވެ.
ތަފްސީލް - ޖަމީލު މިއަދު 'ދައުރު'އަށް ވިދާޅުވީ، ޔާމީން ޖަލުގައި ވޯޓުލައްވާ ގޮތަށް އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ޔާމީން އުއްމީދުކުރެއްވީ ފުރަތަމަ ބުރުގައި ވެސް ވޯޓުލެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"އެކަމަކު އެ އިންތިޒާމް ހަމަނުޖެހުމުން، ކުރިން ވޯޓު ނުލެވުނު ނަމަވެސް، ދެ ވަނަ ބުރުގެ ވޯޓް ލުމުގެ އިންތިޒާމް މިހާރު ވަނީ ފުރިމަކުރައްވާފައި،" ޖަމީލު ވިދާޅުވި އެވެ.
އެނގުން މުހިންމު - ފުރަތަމަ ބުރުގައި ޔާމީން ޖަލަށް ވޯޓުލެއްވުމަށް ރަޖިސްޓްރީ ނުކުރެއްވި ސަބަބެއްގެ ގޮތުގައި ޕީޕީއެމް-ޕީއެންސީން އޭރު ބުނެފައިވަނީ، ސުޕްރީމް ކޯޓުން އެ މަނިކުފާނުގެ ކެންޑިޑެސީ ސައްހަކަމަަށް ނިންމާނެ ކަމަށް އޭރު ގަބޫލުކުރުމުންނެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ނިންމީ ޔާމީނާ ދެކޮޅަށެވެ.
މި އަހަރުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ޔާމީނަށް ބަންދުވި ސަބަބަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމެވެ.
އެ މައްސަލައިގެ އިސްތިއުނާފް މިހާރު ވެސް ހައި ކޯޓުގައި ހިނގަމުން އެބަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ