އޭޝިއާ މީޑިއާ ސަމިޓާއި ގުޅިގެން ބާއްވާ ޕްރީ ސަމިޓު 5 ވޯކްޝޮޕެއް މިމަހުގެ 15 ދުވަހު ބާއްވަން ނިންމައިފިއެވެ. މި ސަމިޓަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު، މިފަހަރުގެ ސަމިޓު ހޯސްޓް ކުރަނީ ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިންނެވެ.
މިއަހަރުގެ މީޑިއާ ސަމިޓު މިމަހުގެ 11 އިން 14 އަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައެވެ. ސަމިޓުގެ ހަރަކާތްތައް ފަށާނީ، މިމަހުގެ 11 ވަނަ ދުވަހު ބާއްވާ ޕްރީ ސަމިޓު މަސައްކަތު ބައްދަލުވުންތަކާއެކުއެވެ. ޕްރީ ސަމިޓުގެ 5 ވޯކްޝޮޕެއް ކުރިއަށްގެންދާއިރު، މިބައްދަލުވުންތަކުގެ މައުޟޫޢުތަކުގެ ތެރޭގައި ސްޓޯރީޓެލިންގއާއި ނިއުސް ޕްރޮޑަކްޝަންގައި އޭއައި ޓޫލްތައް ބޭނުންކުރުމާއި، ކުރިއަރައި ބަދަލުވަމުން އަންނަ އޭއައިގެ ޓެކްނޮލޮޖީގެ މުހިންމުކަމާއި، އޭއައިއަށް ބަރޯސާވަމުން އަންނަ މިޒަމާނުގައި ޑިޖިޓަލް މީޑިއާގެ އިތުބާރު ހިފަހައްޓާނެ ގޮތާއި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި މީޑިއާގެ ދައުރު ހިމެނެއެވެ.
ވޯކްޝޮޕް ނިންމާލުމަށް ސަމިޓު ރަސްމީކޮށް އިފްތިތާޙްކުރުން އޮންނާނީ، މިމަހުގެ 12 ވަނަ ދުވަހުއެވެ. އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތަށްފަހު ސަމިޓުގެ ޕްލިނަރީ ސެޝަންތައް އޮންނާނެއެވެ. މި ސެޝަންތައް މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ. މި ސަމިޓުގެ ބައިވެރިންނަށް އިތުރު ހަރަކާތެއްގެ ގޮތުން، މިމަހުގެ 14ވަނަ ދުވަހު ކުޑަގިރީގައި މުރަކަ އިންދުމުގެ ޚާއްސަ ޙަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އޭޝިޔާ މީޑިއާ ސަމިޓް ދިވެހިރާއްޖޭގައި ބޭއްވުމުގެ އެންމެ ފަހުގެ އިންތިޒާމްތައް ޕީއެސްއެމުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
އޭޝިއާ ސަރަހައްދުގެ މީޑިއާ ސަމިޓަކީ، ބްރޯޑްކާސްޓަރުންނާއި، އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި، މިދާއިރާގެ ތަޢުލީމީ އަދި ފަންނީ ބޭފުޅުންނާއި ސިޔާސަތު ހައްދަވާ ބޭފުޅުން އެއްތަނަކުން ބައްދަލުވެ ވަޑައިގެން މީޑިއާ އިންޑަސްޓްރީގެ މުސްތަޤްބަލު ބައްޓަންކޮށް، މުހިއްމު ނިންމުންތަކެއް މަޝްވަރާކުރެވޭ ޚާއްސަ ބައްދަލުވުމެކެވެ. މިއަހަރުގެ ބައްދަލުވުމުގައި 35 ޤައުމަކުން 200ށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ.
މި ސަމިޓަކީ، ހަމައެކަނި ބާއްވާ ބައްދަލުވުމަކަށްވުރެ ބޮޑަށް، މީޑިއާ ސިނާޢަތުގެ ކުރިއެރުމާއި ތަރައްޤީގައި ބައިނަލްއަޤްވާމީ ގޮތުން ގުޅުން ބަދަހިކޮށް، މިސިނާޢަތުގެ ސަރަޙައްދީ މަރުކަޒެއްގެ ގޮތުގައި ޤާއިމްވުމަށް ރާއްޖެއަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެކެވެ. އަދި ޚަބަރާއި ޕްރޮގްރާމް އުފެއްދުމާއި، މިދާއިރާއަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އަހުލުވެރިވެ، މީޑިއާ ސިނާޢަތް ކުރިއެރުވުމަށް ބޭނުންތެރި މުހިއްމު މަޝްވަރާތަކެއް ކުރުމުގެ ފުރުސަތު މިސަމިޓުގެ ތެރެއިން ރާއްޖެއަށް ލިބޭނެއެވެ.
އަދި މިފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ މުހިއްމު ބޮޑު ބައްދަލުވުމެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ، ސަރަޙައްދީ އަދި ދުނިޔޭގެ މީޑިއާގެ ސިނާޢަތުގެ ކުރިއެރުން ބައްޓަން ކުރުމުގައި މުހިއްމު އަދި ހަރަކާތްތެރި ބައިވެރިއެއްގެ ގޮތުގައި ތަމްސީލުވުމަށް ރާއްޖެއަށް ލިބޭ ވަރަށް ބޭނުންތެރި ފުރުސަތެއް ކަމަށް ދައުލަތުގެ މީޑިއާއިން ވަނީ ވިދާޅުވެފައެވެ.
އޭޝިއާ މީޑިއާ ސަމިޓުގެ ޕްރީ-ސަމިޓު ވޯކްޝޮޕްތައް މިމަހު 11ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ