ޕީއެންސީގެ އެސްޖީގެ މަގާމުން މުއާޒު އިސްތިއުފާދެއްވައިފި
ވެރިކަން ކުރާ ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން މުއާޒު ހަލީމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.އެކަން ހާމަކުރައްވައި އޭނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްޖީ ކަމުން އިސްތިއުފާ ދެއްވީ، ޕީއެންސީގެ ހިންގުން ހަރުދަނާކުރުމަށާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލު ކުރެވޭ ޕާޓީއަކަށް ހެދުމަށް އެ ޕާޓީގެ ރައީސް މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ބޭނުންވާތީ ކަމަށެވެ."[އޭގެ އިތުރުން]، ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި އަޅުގަނޑަށް ވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ޕޯސްޓުގައިވެ އެވެ.ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ މުއާޒު ޕީއެންސީގެ އެސްޖީ ކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ އިދާރީ ގޮތުން ހިންގަންޖެހޭނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކީ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ.ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުޢާޒު އިސްތިއުފާދެއްވިއިރު، ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަންގާރަ ދުވަހު މި ސަރުކާރުގެ ދިހަ ވަޒީރަކު ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ. ހަމަ އެ ދުވަހު، ވުޒާރާތަކުގެ އަދަދު 20ން 15އަށް މަދުކޮށް، ހަތަރު އައު ވަޒީރަކުވެސް ވަނީ އައްޔަންކުރައްވައިފައެވެ.ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ، މިމަހުގެ ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލު އިންތިޚާބާއި، ރައްޔިތުންގެ މެދުގައި ޚިޔާލު ހޯދުމަށް ނެގި އާންމު ވޯޓުންވެސް ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ