އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ބަންދުކޮށްފި

އީރާނުގެ ބަނދަރުތައް ހިސާރުކުރުމަށް އެމެރިކާއިން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް މިހާރު ކުރިން އޮތް ހާލަތަށް ރުޖޫއަވެފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފި އެވެ.އައިއާރްޖީސީގެ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ބުނެފައިވާ ގޮތުގައި، ހިސާރުކުރުން ކަމަށް ބުނެ އެމެރިކާއިން ދަނީ ކަނޑުފޭރުމާއި އުޅަނދުފަހަރު އަތުލައިގަތުމުގެ އަމަލުތައް ހިންގަމުންނެވެ.ތެހެރާނުން ބުނާ ގޮތުގައި މި ފިޔަވަޅަކީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން ގެންގުޅޭ ސިޔާސަތާ ދެކޮޅަށް އެޅި ފިޔަވަޅެކެވެ. އީރާނުން މިކަން ސިފަކުރަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ހިލާފުވުން ކަމުގަ އެވެ.ކަނޑުއޮޅިއާ ހުޅުވާލުމާ އެކު އައި ބަދަލުތަކުގެ ސަބަބުން، އީރާނާ ދެކޮޅު ހަނގުރާމަ ނިންމުމަށް ސުލްހައިގެ އެއްބަސްވުމަކާ "ވަރަށް ގާތްވެފައިވާ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އީރާނުން ކަނޑުއޮޅި އަލުން ބަންދުކުރުމުން މިހާރު ވަނީ އަނެއްކާވެސް އުވާލު އުފެދިފަ އެވެ. ދުނިޔޭގެ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭހުގެ ފަސްބައިކުޅަ އެއްބަސް އުފުލާ މި ކަނޑުއޮޅި، ލުބުނާނުގައި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އައުމާ އެކު ހުޅުވާލިކަން އީރާނުން އިއުލާނުކުރި އިއްޔެ އެވެ. ހުރުމުޒު ކަނޑުއޮޅި ހުޅުވުމާއެކު އެ ތަނުން 30 ވަރަކަށް ބޯޓު ހުރަސްކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.އެ އިއުލާނާ އެކު ދުނިޔޭގެ ބާޒާރުތަކަށް ހަމަޖެހުން ލިބި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. ނަމަވެސް، އެއްބަސްވުމަކާ ހަމައަށް ނުދެވެނީސް އެމެރިކާގެ ނޭވަލް ބްލޮކޭޑް ދަމަހައްޓާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން، ކަނޑުއޮޅި އަލުން ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދިނެވެ.އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ހާމަނާއީ ވަނީ ދުޝްމަނުންނަށް ހިތްދަތި އާ ނާކާމިޔާބީތަކެއް ކުރިމަތިކުރުވުމަށް އެ ގައުމުގެ ކަނޑުގެ ސިފައިން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވެ، ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ.ޓްރަމްޕް ވަނީ ސުލްހައިގެ އެއްބަސްވުމަކަށް ދިޔުމަށްޓަކައި އީރާނުން ބޮޑެތި ދޫތަކެއް ދީފައިވާކަމަށް ބުނެ ގިނަ ވާހަކަތަކެއް ވަރަށް ޖޯޝާއި ފޯރީގައި ދައްކާފައެވެ. މީގެތެރޭގައި އީރާނުގައިވާ 60 އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް ތިންވަނަ ގައުމަކަށް ގެންދިޔުމުގެ ފުރުސަތު ދިނުމަށާއި ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްލުންވެސް ހިމެނޭކަމަށް ޓްރަމްޕް ބުނެފައިވެއެވެ.ނަމަވެސް އީރާންވަނީ ޓްރަމްޕް އުޅެނީ ހުވަފެންތަކުގައާއި ޚިޔާލީ ދުނިޔެއެއްގައި ކަމަށް ބުނެ ޓްރަމްޕްގެ މިވާހަކަތައް ދޮގުކޮށްފަ އެވެ.ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އެންމެ މުހިންމު އަދި ތެޔޮ ހިފައިގެން ބޯޓުތައް ދަތުރު ކުރާ މަގުތަކުގެ ތެރެއިން އެއް މަގެވެ. ދުނިޔޭގެ ޖުމްލަ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް %20 ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ. އެ ސަރަހައްދަށް އެއްވެސް ބުރޫއެރުމެއް އައިސްފި ނަމަ ސާފުނުކުރާ ތެލުގެ އަގު ބޮޑުތަނުން މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުވެ، ސަރަހައްދީ ހަމަނުޖެހުން އިތުރަށް ފުޅާވެދާނެ ކަމުގެ ބިރުވެރިކަން އުފެދޭނެ އެވެ.މި ކަނޑުއޮޅިއަކީ ގާތްގަނޑަކަށް 100 މޭލު ދިގު އަދި އެންމެ ހަނި ހިސާބުގައި 21 މޭލު ފުޅާ ސަރަހައްދެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި އުޅަނދުފަހަރު ޗައިނާއަށާއި ޔޫރަޕަށާއި އެމެރިކާއަށް ތެލާއި ގޭސް އުފުލުމަށް އެ ކަނޑުއޮޅި ބޭނުން ކުރެއެވެ. އެ ސާފުނުކުރާ ތެލުގެ ބޮޑު ބައި އަންނަނީ ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް، އިރާގު، ކުވެއިތު، ގަތަރު އަދި އީރާނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ