ނިމިދިޔަ ކައުންސިލް އިންތިހާބާއި އަންެހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ނަތީޖާ އެއްވަރުވި ފަސް ގޮނޑީގެ އިންތިހާބު މިއަދު ބޭއްވިއިރު، އޭގެ ތެރެއިން ތިން ގޮނޑި ވެރިކަންކުރާ ޕާޓީ، ޕީއެންސީން ކާމިޔާބުކޮށް، އިދިކޮޅު އެމްޑީޕީއަށް އެއް ގޮނޑި އަދި އަމިއްލަ ކެންޑިޑޭޓަކަށް އެއް ގޮނޑި ލިބިއްޖެ އެވެ.
ވީކިހިނެއް؟ - މި މަހުގެ 4ގައި ބޭއްވި މި ދެ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން، ކައުންސިލް މެންބަރުކަމުގެ ދެ ގޮނޑި އަދި އަންހެނުންގެ ކޮމިޓީގެ ތިން ގޮނޑިއާ އެކު ޖުމްލަ ފަސް ގޮނޑިއަކަށް އެންމެ މަތިން ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފަ އެވެ.
އެހެންވެ، މި ގޮނޑިތަކުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 އިން ހަވީރު 4އަށް ކުރިއަށްދިޔަ އެވެ. ހަވީރު 4 ޖެހުމާ އެކު ފޮށިތައް ބަންދުކޮށް، ވޯޓު ގުނަން ވަނީ ފަށާފަ އެވެ.
ތަފްސީލް - ނަތީޖާ އެއްވަރުވި ފަސް ގޮނޑިއަށް ވެސް ޕީއެންސީ ކެންޑިޑޭޓުން ވާދަކުރި އެވެ. ތިން ގޮނޑިއަކަށް އެމްޑީޕީން ވާދަކުރިއިރު، ދެ ގޮނޑިއަކަށް އަމިއްލަ ކެންޑިޑޭޓުން ވާދަކުރި އެވެ.
މިއަދު އޮތް ދެވަނަ ބުރުގެ ވޯޓުގައި ޕީއެންސީން ކާމިޔާބުކުރީ:
ހއ. ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސް؛ ޕީއެންސީ ކެންޑިޑޭޓު ހައްވާ ފަޒްނާ މި ގޮނޑި ކާމިޔާބުކުރީ އެމްޑީޕީއާ ވާދަކޮށް
ލ. މާވަށް އަންހެނުންގެ ކޮމިޓީގެ މެންބަރު؛ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ޝަފިއްޔާ މި ގޮނޑި ކާމިޔާބުކުރީ އެމްޑީޕީއާ ވާދަކޮށް
ހދ. ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު؛ ޕީއެންސީ ކެންޑިޑޭޓު ފާތިމަތު ރިއުޒާ މި ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓަކާއި ވާދަކޮށް
މީގެ އިތުރުން، ޕީއެންސީން ދެން ވާދަކުރި، ފުވަމުއްލަކު ދަނޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑިން ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ. އެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓު، ޝިޒާ އިބްރާހިމް އެވެ.
މިއަދު އޮތް ދެވަނަ ބުރުގެ ވޯޓުގައި އެމްޑީޕީން ކާމިޔާބުކުރީ:
ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި؛ އެމްޑީޕީ ކެންޑިޑޭޓު އާމިނަތު ރަފާހް މި ގޮނޑި ކާމިޔާބުކުރީ ޕީއެންސީއާ ވާދަކޮށް
އެނގުން މުހިންމު - މި އިންތިހާބުގެ ވަގުތީ ނަތީޖާ އަދި އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމެއް ނުކުރެ އެވެ. އެކަމަކު ގޮނޑިތައް ކާމިޔާބުކުރި ކެންޑިޑޭޓުންނަށް އެމްޑީޕީ އަދި ޕީއެންސީން ވެސް ސޯޝަލް މީޑިއާގައި ދަނީ މަރުހަބާ ކިޔަމުންނެވެ.
ދެވަނަ ބުރު: 3 ގޮނޑި ޕީއެންސީއަށް؛ ބާކީ 2 ގޮނޑި އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ