މިދިޔަ ސަރުކާރުން ސްކޫކް ނަގާފައިވަނީ ސަރުކާރުގެ މުހިންމު 4 ބިމެއް ރަހުނުގެ ގޮތުގައި ބެހެއްޓުމަށްފަހުގައިކަމަށާއި ނަމަވެސް މި ސަރުކާރުން މިހާރު އެ ތަންތަން ސަލާމަތްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ނިމުނު އިންތިޚާބުގައި އއ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިދިޔަ ސަރުކާރުން ނަގާފައިވާ 524 މިލިޔަން ޑޮލަރުގެ ސްކޫކް މި ސަރުކާރުން ޤައުމު ބަނގުރޫޓުނުވެ، ދައްކާފައިވާކަމަށެވެ. މި ސްކޫކް ދައްކާފައިވަނީ ސަރުކާރުގެ ހަކަތައިން ޤައުމުގެ އިތުރު އެއްވެސް ހަރުމުދަލެއް ނުވިއްކައި އިތުރު އެއްވެސް ދަރަންޏެއް ނުނަގައިކަމަށް ރައީސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މި ސްކޫކް ނުދައްކައޭ ބުނި ނަމަވެސް އެކަމުގެ ލިޔެކިޔުންތައް އެމްއެމްއޭއާއި މާލީ ވުޒާރާގައި ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ސްކޫކް ކުރީ ސަރުކާރުން ނަގާފައިވަނީ ސަރުކާރުގެ މުހިންމު 4 ބިމެއް ރަހުނުކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.
"މި 4 ތަން. ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތާއި، އިސްކަންދަރު ސްކޫލްގެ ބިމާއި، އައިޖީއެމްއެޗްގެ ބިމާއި، ފިނޭންސް މިނިސްޓްރީ ބިމާއި މި 4 ތަން ހުރީ ރަހުނުކޮށްފައި. މި ހުރިހައި ތަނެއްވެސް މިހާރު އެ ހުރީ ސަލާމަތްވެފައި މީގެތެރެއިން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިތުރު ތަންތަންވެސް މިގޮތަށް ރަހުނުކޮށްފައި އެބަހުރިކަމަށެވެ. އެތަންތަންވެސް ސަލާމާތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. އަދި މިދިޔަ 2 އަހަރުގެ ތެރޭގައި ގިނަ ދަރަނި ތަނެއް ދައްކާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގެ ތަރައްޤީއަށް 4 ބިލިޔަން ރުފިޔާގެ މަޝްރޫއު އެތައް ސަތޭކަ ދިވެހި ކުންފުނިތަކާއި ހަވާލުކޮށްފައިކަމަށާއި، އެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތާނގައިވެސް ސަރުކާރުގެ މަސައްކަތްތައް އިތުރު ބާރުމިނެއްގައި ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ދިވެހި ސަރުކާރުން 2021ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި މުޅިން ޚަލާސްކޮށްފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ވިއްކި ސުކޫކެކެވެ. ނަމަވެސް މިހާރު މި ސަރުކާރުން ވަނީ އެ ސްކޫކް އަނބުރާ ދައްކާފައެވެ.
"ސްކޫކް ނެގުމަށް ރަހުނުކުރި ދައުލަތުގެ ބިންތައް ސަލާމަތްކުރެވިއްޖެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ