ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ނާކާމިޔާބީ ލިބުނީ، އެކަމަށްޓަކައި ކުރި ކެމްޕޭންގައި އެކަށީގެންވާ މަސައްކަތްތަކެއް ޕީއެންސީގެ ކެމްޕޭން ޓީމުތަކުން ކޮށްފައިނުވާތީ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 4ގައި ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުން ވެސް ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި އެވެ. ހަމަ އެ ދުވަހު ނެގި ދެ އިންތިހާބު އެއްކޮށްލުމުގެ ހިޔާލު ހޯދުމުގެ ވޯޓުގައި ވެސް ގިނަ ރައްޔިތުން ވޯޓުދިނީ، ސަރުކާރުން އެދުނު ގޮތާ ދެކޮޅަށް، ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.
އެ ދުވަހު ބޭއްވި އަންހެނުންނަށް ހާއްސަ ކޮމިޓީތަކުގެ އިންތިހާބުގައި ތިން ރަށަކުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އއ. ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި، އެ ވޯޓުގެ ނާކާމިޔާބީއާ ބެހޭ ގޮތުން ރައީސް ތަފްސީލީ ވާހަކަފުޅުތަކެއް ދެެއްކެވި އެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ، އެ ވޯޓު ނާކާމިޔާބުވި ސަބަބުތައް ވަރަށް ތަފްސީލުކޮށް ބެލިއިރު، އޭގެ ތެރެއިން އެއް ސަބަބަކަށް ފާހަގަކުރެވުނީ، އެކަމަށް ޕީއެންސީގެ ކެމްޕޭން ޓީމުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވުން ކަމަށެވެ.
"އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް. އެކަމަކު އެކަން ކިޔައިދޭން އަޅުގަނޑުމެންނަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެވޭ. އަޅުގަނޑުމެން އެބަޖެހޭ، މި ދަންނަވަނީ އަޅުގަނޑުމެން ޕީއެންސީގެ ޓީމުގެ ވާހަކަ. ޖުމްލަކޮށް މުޅި ރައްޔިތުންގެ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ކެމްޕޭން ޓީމުތަކުން އެ މަސައްކަތް ރަނގަޅަށް ކުރެވިފައެއް ނެތް. އެހާ ސާފުކޮށް އެހާ ރަނގަޅަށް އޮތް މައްސަލައެއްގައި،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ދެ އިންތިހާބު އެއްކޮށްލަން ބޭނުން ނުވާ ކަމަށް ރައްޔިތުން މިހާރު ގޮތް ނިންމާފައިވާތީ، އެކަން އޮންނާނީ ރައްޔިތުން ނިންމި ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިންތިހާބު މިހާރު އޮންނަ ގޮތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ:
ޕީއެންސީއަކީ ވަރަށް އެކުވެރިކަމާ އެކު، އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ
ރައްޔިތުންގެ ގާތަށް ވޯޓެއް ހޯދަން ދާއިރު ވަރަށް ވަރުގަދަ މަސައްކަތްތަކެއް އެކުގައި ކުރަންޖެހޭނެ
ދެ އިންތިހާބު އެއްކޮށްލުމުގެ މުހިންމުކަން ކިޔައިދޭން މާ ބޮޑު ސަމާލުކަމެއް ޕީއެންސީން ނުދިނުމުން ރައްޔިތުން ގަބޫލުކުރީ އިދިކޮޅުން ފެތުރި ވާހަކަތައް
ރައްޔިތުންނަށް ގެއްލުންވާ އެއްވެސް ކަމެއްގައި ރައްޔިތުންގެ ގާތަކަށް ނުދާނަން
ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ހަރުދަނާ ނިޒާމެއް ގެންގުޅެވޭނީ ޕާޓީގެ އެތެރޭގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ވަރުގަދަކޮށްގެން
އޭރުން ކުރިއަށް އޮތް ރިޔާސީ އަދި މަޖިލިސް އިންތިހާބަށް ގާބިލު، އެންމެ އެކަށީގެންވާ ކެންޑިޑޭޓުން ނެރެ، އެ އިންތިހާބުތައް ކާމިޔާބުކުރުމަށް ފުރުސަތު ބޮޑުވާނެ
"އެހެންވީމާ އޮޅުން ބޮޅުމެއްގައި މިކަން ދިޔައީ. އަޅުގަނޑުމެންނަށް ނެތް މިކަން ކިޔާދެވިފައެއް. މިއީ ވިސްނަންޖެހޭ ކަމެއް. ފިލާވަޅު ނަގަންޖެހޭ ކަމެއް. އެހެންވީމާ ކުރިއަށް ވެސް އިންތިހާބުތަކަށް ދާއިރުގައި ރައްޔިތުންނަށް ކަންކަން ކިޔައިދިނުމުގައި ވަރަށް ސާބިތުކަމާއެކުގައި ކުރިއަށް ދާންޖެހޭނީ. އެއް ޓީމެއްގެ ގޮތުގައި، އެއް އާއިލާއެއްގެ ގޮތުގައި އިހުލާސްތެރިކަމާ އެކު. އޭރުން ކާމިޔާބީ ލިބޭނީ،" ރައީސް ވިދާޅުވި އެވެ.
ޕީއެންސީގެ ރައީސްކަން ވެސް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީ އިތުރަށް ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.
އަންނަ އޮކްޓޯބަރުގައި އޮންނަ ޕީއެންސީގެ ކޮންގްރެސްއަކީ އެކަމަށް އެޅޭ އެންމެ ވަރުގަދަ ފިޔަވަޅު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން، އެ ކޮންގްރެސްއަށް ތައްޔާރުވުމަށް މިއަދުން ފެށިގެން މަސައްކަތް ފެށުމަށް ރައީސް އެދިވަޑައިގަތެވެ.
ނިމިދިޔަ އިންތިހާބުން ލިބުނު ފިލާވަޅުތައް ދެނެގަނެ، ދިމާވި މައްސަލަތައް ގަބޫލުކޮށް، އެކަންކަން ރަނގަޅުކުރުމުގެ ހިތްވަރު ހުންނަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ހަގީގަތް ގަބޫލުނުކޮށް، މުޅި އިންތިހާބުން މޮޅުވި ކަމަށް ހިތައި ލޯމަރާލައިގެން ނުހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ވަރަށް މޮޅެތި، ވަރަށް ބޮޑެތި މޮޅުތައް ލިބިއްޖެ މި ދާއިރާތަކުން އަދި މިކަހަލަ ބައެއް ދާއިރާތަކުން. އެހެން ނަމަވެސް، ވަރަށް ބޮޑެތި ނާކާމިޔާބީ ވެސް ވެއްޖެ. އެހެންވީމާ ކާމިޔާބީ އާއި ނާކާމިޔާބީ ހިމެނޭ މި އިންތިހާބު އަޅުގަނޑު ފުރިހަމައަށް ބަލައިގަންނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
2 އިންތިހާބު އެއްކޮށްލަން ޕީއެންސީ ޓީމުން އެކަށީގެންވާ ކެމްޕޭނެއް ނުކުރޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ