ކައުންސިލުތަކުން އެއްބާރުލުން ނުދޭނަމަ އެކަން ހާމަކުރާނަން، ވައުދު ފުއްދުން ނުހުއްޓުވޭނެ: ރައީސް

ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގައި ކައުންސިލުތަކުން ސަރުކާރަށް ހުރަސް އަޅާނަމަ އެކަން ހާމަ ކުރައްވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ނިމިދިޔަ ކައުންސިލު އިންތިޚާބުގައި އއ. ރަސްދުއާއި ތޮއްޑުއާއި އުކުޅަހުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ފިކުރަކާ އެއްކޮށް ކަމުގައިވިޔަސް ހުރިހާ ކައުންސިލުތަކާ ގުޅިގެން ސަރުކާރުން މަސައްކަތްކުރާނެ ކަމަށާއި، ހުރިހާ ރައްޔިތުން އެމަނިކުފާނުގެ ކުރިމަތީ ހަމަހަމަވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް ކައުންސިލުތަކުން ހުރަސް އަޅާނަމަ ރައްޔިތުންނަށް އެކަން ތަފުސީލުކޮށް، ކޮންމެ ހޯމަ ދުވަހަކު ސިލްސިލާކޮށް އެމަނިކުފާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދެއްވާނެ ކަމަށް، ރައީސް ވިދާޅުވިއެވެ. "އަޅުގަނޑު ތަފުސީލުކޮށް ކިޔައިދޭނަން އެ ހަފުތާއެއްގެ ތެރޭގައި، ނޫނީ އެންމެ ފަހުން އެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި، މިވެނި ސިޓީއެއްގެ ކައުންސިލުން މިހެން ކަންކަމަށް ހުރަސް އަޅައިފިކަން، އެހެންވީމާ އެޅި ހުރަހެއް ކިޔައިދޭނަން، ކިޔައިދީފައި ގާނޫނުގައި އޮންނަ ހަމަތަކުގެ މަތިން ދެން ކުރަންޖެހޭ މަސައްކަތެއް ކޮށްގެންވެސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ޚިދުމަތްތައް ކޮށްދިނުމުގައި ސަރުކާރު ދާނީ ކުރިއަށްކަން ކައުންސިލުން ހުރަސް އެޅިޔަސްވެސް، އެ ޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް ދެން،" ރައީސް ވިދާޅުވިއެވެ. ނިމިދިޔަ އިންތިޚާބުގައި އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު ހޯދައި، އަންނަ ދައުރަށް ހޮވުނު މާލޭ ސިޓީ ކައުންސިލަށް ފާޑުވިދާޅުވެ، ރައީސް ވިދާޅުވީ، އެ ކައުންސިލުގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ލިބޭނެ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ސިޓީ ކައުންސިލަށް އަލަށް ހޮވުނު މެންބަރުންނަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، މާލޭގެ މަގުމަތިން ފެންނަނީ އިންތިޚާބީ ކައުންސިލަރުން އިހުތިޖާޖުކުރާ މަންޒަރު ކަމަށެވެ. "މަގުމަތި ހަލަބޮލިކުރަމުންދާ ތަން، ހަޑި ހުތުރު ބަސްތައް ބޭނުންކުރަމުންދާ ތަން، ދީނީ މިންގަނޑުން ބޭރު، ވަރަށް އަޚްލާގީ ފެންވަރު ދަށް އަމަލުތައް ހިންގަމުންދާތަން، ވޯޓުދިނީ އެކަން ކުރާކަށް ނޫން، ވޯޓުދިނީ ރައްޔިތުންގެ ފަރާތުން ގޮސް ކައުންސިލާ ހަވާލުވާ ދުވަހުން، ނޫނީ ޑަބްލިއުޑީސީއާ ހަވާލުވާ ދުވަހުން ފެށިގެން ޒިންމާދާރު މަސައްކަތެއް ކުރަން،" ރައީސް ވިދާޅުވިއެވެ. އިދިކޮޅުން ދީނާއި ގައުމު އިސްނުކުރާ ކަމަށް ވިދާޅުވެ، އެމަނިކުފާނު އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކޮންމެ ސިޔާސީ ފިކުރެއްގައި ކައުންސިލަށް އިންތިޚާބުވިޔަސް އިންތިޚާބުވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ކަމަށާއި، ކުރިއަރުވައި އިސްކުރަން ޖެހޭނީ އެ ރަށެއްގެ މަސްލަހަތު ކަމަށެވެ. "ޕާޓީ ގައުމާ ޚިލާފަށްދާނަމަ، ގައުމުގެ ވިސްނުމާ ޚިލާފަށްދާނަމަ، ޕާޓީ ޖެހޭނީ ދޫކޮށްލަން، ދީނާ ޚިލާފުކަމެއް ކުރަން ބާރު އަޅާނަމަ ވަގުތުން އެއްކިބާވެ، ދީނުގައި އޮންނަ މަގުން ދާންޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ