އީރާނުން ޑިއޭގޯ ގާސިއާގައި ހުންނަ އަސްކަރީ ބޭސްއަށް ހަމަލާދިންތަ؟

ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން، އީރާނުން ކުރިމަތިކުރި "ޒިންމާދާރުކަން ކުޑަ ބިރުދެއްކުންތައް" އިނގިރޭސިވިލާތުން ވަނީ ކުށްވެރިކޮށްފައެވެ.
ނަމަވެސް، އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ފޮނުވާލި ދެ ބެލިސްޓިކް މިސައިލްގެ ފަހަތުގައި ވަނީ އީރާން ކަމަށް ކުރެވޭ ތުހުމަތުތަކަށް އެ ގައުމުން ވަނީ އިންކާރުކޮށްފައެވެ. އީރާނާ 4000 ކިލޯމީޓަރު (2500 މޭލު) ދުރުގައި އޮންނަ ޑިއޭގޯ ގާސިއާއަށް މިސައިލް ހަމަލާ ދިން މައްސަލާގައި އެމެރިކާއިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ހާދިސާ ރިޕޯޓްކޮށްފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުންނެވެ. އެ ދެ ގައުމުން ބުނާ ގޮތުގައި މި ހަނގުރާމައިގެ އެއް މަގްސަދަކީ އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތައް ބަލިކަށިކޮށްލުމެވެ.
އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ މަދަނީ ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އދ.ގެ ނިއުކްލިއާ ވޮޗްޑޮގް އާއި އެމެރިކާގެ އިންޓެލިޖެންސް ޗީފް ތުލްސީ ގަބާޑް ވިދާޅުވީ އީރާނުން ނިއުކްލިއާ ބޮން އުފެއްދުމާ ގާތަށްވެސް ގޮސްފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށްދާ ހަނގުރާމަ ފެށުމަށް ބޭނުންކޮށްފައިވަނީ މީގެ އިދިކޮޅު ދައުވާތަކެވެ.
މިސައިލް ހަމަލާއާ ގުޅޭގޮތުންނާއި ހަނގުރާމައަށް މީގެން ކުރާނެ އަސަރުތަކާ ބެހޭގޮތުން މިހާތަނަށް އެނގިފައިވާ މައުލޫމާތުތަކަކީ މިއީއެވެ.
ޑިއޭގޯ ގާސިއާ އެއާބޭސްއަށް އީރާނުން ހަމަލާދިންތަ؟
އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ޑިއޭގޯ ގާސިއާގެ ގުޅިފައިވާ އަސްކަރީ މަރުކަޒަށް ހަމަލާދޭން އުޅެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑާއި ހުކުރު ދުވަހުގެ ހެނދުނާ ދެމެދުގައެވެ.
ވޯލް ސްޓްރީޓް ޖާނަލް އާއި ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއް މިސައިލް ދަތުރުމަތީގައި ފެއިލްވިއިރު، އަނެއް މިސައިލް ވަނީ ހަނގުރާމަމަތީ މަނަވަރަކުން ފޮނުވާލި އެމެރިކާގެ އިންޓަރސެޕްޓަރަކުން ވައްޓާލާފައެވެ.
މި ހާދިސާ ހިނގާފައިވަނީ އީރާން ހަނގުރާމައާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އިނގިރޭސި ވަޒީރުން ލަންޑަނަށް އެއްވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ކަމަށް ބުނެވެއެވެ. އެ ބައްދަލުވުމުގައި، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމަށް ބޭނުންކުރާ އީރާނުގެ މިސައިލް ސައިޓްތަކަށް ހަމަލާދިނުން ފަދަ، ގުޅިފައިވާ ދިފާއީ ކަންކަމުގައި އެމެރިކާއަށް އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އިނގިރޭސިވިލާތުން ވަނީ އެއްބަސްވެފައެވެ.
އިނގިރޭސި އޮފިޝަލުން ޑިއޭގޯ ގާސިއާއަށް ދޭން އުޅުނު ހަމަލާގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ދޯހާ އިންސްޓިޓިއުޓް ފޯ ގްރެޖުއޭޓް ސްޓަޑީޒްގެ ލެކްޗަރާ މުހަންނަދު ސަލޫމް އަލްޖަޒީރާއަށް ވިދާޅުވީ، ރިޕޯޓްކޮށްފައިވާ އީރާނުގެ މި ހަމަލާގެ ސަބަބުން އެމެރިކާއަށް ހަނގުރާމައިގެ "ހިސާބުތައް ބަދަލުވެގެންދާނެ" ކަމަށެވެ.
"ޑިއޭގޯ ގާސިއާއަށް ފޮނުވާލި މި މިސައިލްތަކުން ދޭހަވަނީ އީރާނުގެ އަތުގައި 4,000 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރާ ބެލިސްޓިކް މިސައިލް ހުރިކަން. މިއީ މީގެ ކުރިން އެނގިފައިވާ ކަމެއް ނޫން. ކުރީގެ ހުރިހާ ރިޕޯޓްތަކެއްގައި ބުނެފައިވަނީ އީރާނުގެ މިސައިލްތަކުގެ ރޭންޖަކީ 2,000 ކިލޯމީޓަރު [1,240 މޭލު] ކަމަށް،" ސަލޫމް ވިދާޅުވިއެވެ. "މި މިސައިލްތަކުގެ މިސްރާބު އަނބުރާލައިފިނަމަ، އެއަށް ލަންޑަނާ ހަމައަށް ފޯރާނެ. އެހެންކަމުން މިއީ ހަމައެކަނި އެމެރިކާއަށާއި ހަނގުރާމައަށް ދައްކާ ބަހަނާތަކަށް ބަދަލު އަންނާނެ ކަމެއް ނޫން، މިއީ ހަނގުރާމައިގައި ބައިވެރިވާން ފަސްޖެހޭ ލަންޑަނާއި ޔޫރަޕިއަން ޔޫނިއަނަށްވެސް ހިސާބުތައް ބަދަލުވާނެ ކަމެއް." އޭނާ ވިދާޅުވިއެވެ.
އީރާނުގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް ވިދާޅުވީ، މިސައިލް ފޮނުވާލި ކަމަށް ބުނާ ވާހަކަތަކަށް އީރާނުން ޒިންމާ ނުވާނެ ކަމަށެވެ.
މި މަހުގެ ކުރީކޮޅު އެމެރިކާގެ ބްރޯޑްކާސްޓަރ އެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ، އީރާނުން އެމެރިކާގެ ސަރަހައްދަށް ފޯރާވަރުގެ މިސައިލް އުފައްދާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވާހަކަ ދޮގުކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ކިބައިގައި މިސައިލް އުފެއްދުމުގެ ގާބިލްކަން އެބަހުރި، އެކަމަކު އަޅުގަނޑުމެން ގަސްދުގައި މިސައިލްތަކުގެ ރޭންޖް 2,000 ކިލޯމީޓަރަށްވުރެ ދަށުގައި ހިފަހައްޓާފައިވަނީ، ދުނިޔޭގެ އެއްވެސް ބަޔަކަށް އަޅުގަނޑުމެންނަކީ ބިރެއްގެ ގޮތުގައި އިހުސާސްވާން ބޭނުންނުވާތީ،" މާޗް 8 ވަނަ ދުވަހު އަރާގްޗީ ވިދާޅުވިއެވެ.
ޗެތަމް ހައުސްގެ މިޑްލް އީސްޓް އެންޑް ނޯތު އެފްރިކާ ޕްރޮގްރާމްގެ އެސޯސިއޭޓް ފެލޯއެއް ކަމަށްވާ އަނީސާ ބާސިރީ ތަބްރީޒީ ވިދާޅުވީ، ހަމަލާތަކާ ގުޅޭގޮތުން އީރާނުން އިންކާރުކުރާ މިންވަރު ބިނާވެފައިވަނީ އެ ހަމަލާއެއްގެ ބާވަތަށާއި އޭގެ ނަތީޖާއަށް ކަމަށެވެ. "އަޅުގަނޑު ދެކޭގޮތުގައި އިންކާރުކުރުމަކީ އެހެން ދާއިރާތަކުން އީރާނުން އަޅަމުންދާ ފިޔަވަޅުތަކާ ތަފާތު ކަމެއް. އީރާނުން ހަމަލާއަކަށް އިންކާރުކޮށްފައިވަނީ ހަމައެކަނި މަދު ފަހަރަކު، އެއީ އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ނުވަތަ ގޭސް ޕްލާންޓްތަކަށް ހަމަލާ އަމާޒުވުމުން،" އޭނާ އަލްޖަޒީރާއަށް ކިޔައިދިނެވެ.
ތަބްރީޒީ ގަބޫލުކުރައްވާ ގޮތުގައި އީރާނުން އިންކާރުކޮށްފައިވަނީ "އިތުރު ފިޔަވަޅުތަކެއް ނުވަތަ ބަދަލުހިފުމުގެ ހަމަލާތަކެއް ކުރިމަތިވެދާނެ" ފަދަ ހަމަލާތަކަށެވެ. "މިއީ މިހާތަނަށް ހުރަސްނުކުރާ އާ ރަތް ރޮނގެއް ހުރަސްކުރުން ކަމަށްވެސް ބެލެވިދާނެ،" އޭނާ ވިދާޅުވިއެވެ.
ޑިއޭގޯ ގާސިއާ އެއާބޭސްއަށް އަމާޒުކުރުމަކީ "ވަރަށް ނާޒުކު ކަމެއް، ސަބަބަކީ ފޮނުވާލި މިސައިލްތައް ދަތުރުކުރި ރާސްތާއަކީ އީރާނުން ކުރިން ބުނެފައިވާ 2,000 ކިލޯމީޓަރަށްވުރެ މާ ދުރު ރާސްތާއަކަށް ވާތީ. މިއިން ދޭހަކޮށްދެނީ 2,000 ކިލޯމީޓަރަށްވުރެ މާ ދުރަށް ހަމަލާދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން. އެހެންކަމުން، މިއީ އިތުރު ކަންބޮޑުވުންތަކެއް އުފެދި، ހާއްސަކޮށް އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުން ރައްދު ފިޔަވަޅު އެޅުމަށް މަގުފަހިވާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން ބުނީ ކީކޭ؟
"މި ހަމަލާތަކާ މެދު އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތަކީ ކުރިންވެސް އޮތް ސިޔާސަތު. އަޅުގަނޑުމެން އިސްވެދޭ ހަމަލާތަކުގައި ބައިވެރިއެއް ނުވަން، އަދި ކުރިއަށް އޮތް ތަނުގައިވެސް ބައިވެރިއެއް ނުވާނަން. މިކަމުގައި އެމެރިކާއާއި އިސްރާއީލާ އަޅުގަނޑުމެންގެ ވިސްނުން ތަފާތު،" އޭނާ ވިދާޅުވިއެވެ.
ކޫޕާ ވިދާޅުވީ ރޯޔަލް އެއާ ފޯސްގެ ޖެޓްތަކާއި އެހެނިހެން އަސްކަރީ ވަސީލަތްތައް ބޭނުންކުރަނީ "އެ ސަރަހައްދުގައި ތިބި އަޅުގަނޑުމެންގެ ރައްޔިތުންނާއި މުވައްޒަފުން" ދިފާއުކުރުމަށް ކަމަށެވެ. އަދި ހޯރްމޫޒް ކަނޑުއޮޅި ހިމާޔަތްކުރުމަށް އަޅާ ކޮންމެ ފިޔަވަޅަކީ "އަމިއްލަ ދިފާއު" ކަމަށްވެސް އޭނާ އިތުރުކުރެއްވިއެވެ.
އީރާނުން އެ މުހިންމު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ.
ސައިޕްރަސްގެ ރައީސް ނިކޯސް ކްރިސްޓޯޑޫލައިޑްސްއާ އެކު ބޭސްގެ މުސްތަގުބަލާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ބޮޑުވަޒީރު ކިއަރް ސްޓާމަރް ހޮނިހިރު ދުވަހު ފާހަގަކުރެއްވި ގޮތުގައި، އީރާނާ ގުޅުންހުރި އޮޕަރޭޝަންތަކަށް ސައިޕްރަސްގައި ހުންނަ ބޭސް އިނގިރޭސިވިލާތުން ބޭނުން ނުކުރާނެއެވެ.
މިކަމަށް އިސްރާއީލުން ދިނީ ކޮން ރައްދެއް؟
އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ އީޔަލް ޒާމިރު ދައުވާކުރި ގޮތުގައި، ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާ-އިނގިރޭސި ބޭސްއަށް ހަމަލާދިނުމަށް އީރާނުން ބޭނުންކުރީ "4,000 ކިލޯމީޓަރުގެ ރާސްތާއެއް ހުރި ދެ މަރުހަލާގެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް" ކަމަށެވެ.
ވީޑިއޯ މެދުވެރިކޮށް ދިން ބަޔާނެއްގައި އީޔަލް ބުނީ "މި މިސައިލްތަކަކީ އިސްރާއީލަށް ހަމަލާދޭން އަމާޒުކުރި އެއްޗެއް ނޫން. މީގެ ރާސްތާ ޔޫރަޕްގެ ވެރިރަށްތަކާ ހަމައަށް ފޯރާ. ބާލިން، ޕެރިސް އަދި ރޯމްއަކީ މި ހަމަލާގެ ސީދާ ނުރައްކާ އޮތް ސިޓީތައް." ކަމަށެވެ.
އެމެރިކާގެ ގާތް އެކުވެރިޔާ އިސްރާއީލުން ބުނަމުންދަނީ އީރާނުގެ މިސައިލް އަދި ނިއުކްލިއާ ޕްރޮގްރާމަކީ ނުރައްކަލެއް ކަމަށެވެ. އަދި އަސްކަރީ ގޮތުން އީރާނަށް ހަމަލާދިނުމަށް އެމެރިކާއަށް ބާރުއަޅާތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް، އެމެރިކާގެ އެކި ސަރުކާރުތަކުން ވަނީ އީރާނަށް އަސްކަރީ ހަމަލާދިނުމަށް އޮތް ފިއްތުންތަކަށް ދެކޮޅު ހަދާފައެވެ. އޭގެ ބަދަލުގައި، އެމެރިކާއިން ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އީރާނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
1979 ވަނަ އަހަރު އީރާނުގެ ދަރިވަރުން އެގައުމުގައި ހުންނަ އެމެރިކާ އެމްބަސީ ހިސޯރުކޮށް، އީރާނު އިންގިލާބާ ގުޅިގެން 66 އެމެރިކާ ރައްޔިތުން ރަހީނުކުރި ފަހުން، އެމެރިކާ އާއި އީރާނާ ދެމެދު އެއްވެސް ސިޔާސީ ގުޅުމެއް ނޯވެއެވެ. 2015 ވަނަ އަހަރު، އޭރުގެ ރައީސް ބަރަކް އޮބާމާ ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަނިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. ނަމަވެސް، ތާރީޚީ މި އެއްބަސްވުމާ އިސްރާއީލުން ދެކޮޅުހެދިއެވެ. އޮބާމާއަށްފަހު ވެރިކަމަށް ވަޑައިގަތް ޓްރަމްޕް ވަނީ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
ޖޫން މަހު، އިސްރާއީލުން 12 ދުވަހަށް ކުރި ހަނގުރާމައިގައި އީރާނަށް ހަމަލާދިނުމުގައި އެމެރިކާ ބައިވެރިވިއެވެ. އެމެރިކާއިން ނިއުކްލިއާ މުހިންމު މަރުކަޒުތަކަށް ހަމަލާދިންއިރު، އީރާނުގެ ނިއުކްލިއާ ވަސީލަތްތައް މުޅިން ސުންނާފަތިކޮށްލެވިފައިވާ ކަމަށް ޓްރަމްޕް ދައުވާކުރެއްވިއެވެ.
ނިއުކްލިއާ މައްސަލައާ ގުޅޭގޮތުން އީރާނާއި އެމެރިކާއިން މިދިޔަ އަހަރުގެ ފަހުކޮޅު މަޝްވަރާތައް ފެށި ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނާ ދެކޮޅަށް ހަނގުރާމައިގެ ބަހުރުވަ ބޭނުންކުރުން ކުރިއަށް ގެންދިޔައެވެ. 2015 ގެ އެއްބަސްވުމުގެ ދަށުން އީރާންގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހިމަނާފައި ނުވާތީ ނަތަންޔާހޫ ވަނީ އޮބާމާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އީރާނުން ވަނީ މިސައިލް ޕްރޮގްރާމް މަޝްވަރާގެ މޭޒަށް ގެނައުމަށް އިންކާރުކޮށްފައެވެ.
ދެން އޮންނަ މަޝްވަރާގެ ބުރު ތާވަލުކޮށްފައި ވަނިކޮށް، މީގެ ތިން ހަފުތާ ކުރިން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދީ، އެގައުމުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލިއެވެ. ފަހުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި އޮމާނުން ބުނީ ހަމަލާތައް ފެށިއިރު ދެގައުމުގެ ދެމެދުގައި އެއްބަސްވުމަކާ ހަމައަށް ދެވޭ ހިސާބުގައި އޮތް ކަމަށެވެ.
މުހައްލިލުން ބުނާ ގޮތުގައި ނަތަންޔާހޫ ވަނީ ހަނގުރާމަ ފެށުމަށް ޓްރަމްޕަށް ބާރުއަޅާފައެވެ. ގާނޫނީ މާހިރުން ބުނާ ގޮތުގައި މިއީ އުދުވާނީ ހަމަލާތައް މަނާކުރާ އދ. ގެ ޗާޓަރާ ޚިލާފު ކަމެކެވެ.
އެމީހުން ބުނާ ގޮތުގައި ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ހަނގުރާމައިގެ ކުށްތަކަށް އިސްރާއީލު ޒިންމާދާރުކުރުވާފައި ނުވާތީ، އެގައުމަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ 72،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރާލައި، ދެ މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޣައްޒާގެ ބޮޑު ބައެއް ސުންނާފަތިކޮށްލާފައެވެ. ހަނގުރާމައިގެ ކުށްތަކާ ގުޅިގެން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވީ ނަމަވެސް، އެކަމުގެ ސަބަބުން އޭނާ ތަކުރާރުކޮށް އެމެރިކާއަށް ދަތުރުކުރުމަކަށް ހުރަހެއް ނޭޅެއެވެ.
ނަތަންޔާހޫގެ ކެބިނެޓުގެ އިސް ބައެއް މެންބަރުން ވަނީ ފާޅުގައި "ގްރޭޓަރ އިސްރާއީލް" އަކަށް ގޮވާލާފައެވެ. މީގެ ތަސައްވުރަކީ ނީލަ ކޯރުން ފެށިގެން އިރާގުގެ ޔޫފްރޭޓްސް ކޯރާ ހަމައަށް އިސްރާއީލުގެ ސަރަހައްދު ފުޅާކުރުމެވެ.
ޑިއޭގޯ ގާސިއާ އަމާޒަކަށް ވެދާނެ ސަބަބަކީ ކޮބައި ހެއްޔެވެ؟
އިނގިރޭސި-އެމެރިކާ އަސްކަރީ އެއާބޭސްއަކީ ގާތްގަނޑަކަށް 2,500 މުވައްޒަފުން (ގިނައީ އެމެރިކާ މީހުން) ތިބޭ ތަނެކެވެ. އަދި ވިއެޓްނާމުން ފެށިގެން އިރާގު، އަފްޣާނިސްތާން އަދި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް ދިން ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް މި ތަނުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މި އެއާބޭސްއަކީ އިންޑިއާ ކަނޑުގެ މެދުގައި، އިންޑިއާގެ ދެކުނު ކޮޅުގައި އޮންނަ އެކަހެރި ޖަޒީރާ ރަށްތަކެއް ކަމަށްވާ ޗާގޯސް އައިލެންޑްސްގެ ބައެކެވެ. އަދި 1814 ވަނަ އަހަރުން ފެށިގެން މިއީ އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ.
ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓުގެ ނިންމުމަކާ ގުޅިގެން، ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ގެންގުޅޭ ރޭވުމާ މެދު ޓްރަމްޕާއި ސްޓާމާއާ ދެމެދު އުފެދިފައިވާ ދެބަސްވުމުގެ މަރުކަޒަކީ މި އެއާބޭސްއެވެ.
މުޅި މެދުއިރުމައްޗަށް ފެތުރިފައިވާ އީރާނު ހަނގުރާމައިގައި ބައިވެރިނުވާތީ ޓްރަމްޕް ވަނީ ވިލާތުގެ ބައިވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ހަކަތައިގެ އަގު ދުނިޔޭގެ ބާޒާރުގައި އިންތިހާއަށް އުފުލިފައިވާ މި ހަނގުރާމައިގައި ބައިވެރިވުމަށް ނޭޓޯގެ ގައުމުތަކުން އިންކާރު ކުރުމުން، ޓްރަމްޕް ވަނީ ހުޅަނގުގެ ބައިވެރިންނަކީ "ފިނޑިން" ކަމަށް ސިފަކުރައްވާފައެވެ.
ބްރަސަލްސްގައި ހުންނަވާ އަސްކަރީ އަދި ސިޔާސީ މުހައްލިލު އެލީޖާ މަގްނިއާ ވިދާޅުވި ގޮތުގައި، ޑިއޭގޯ ގާސިއާއަށް ދިން މިސައިލް ހަމަލާއިން ދޭހަވަނީ އެމެރިކާ އާއި އިސްރާއީލުން ފެށި ހަނގުރާމައަށް އީރާނުން ދޭ ރައްދު އިތުރަށް ވަރުގަދަވަމުންދާ ކަމެވެ. "ހަނގުރާމައިގެ މައިދާން ދަނީ ޖިއޮގްރަފީ ގޮތުން ފުޅާވަމުން. އަދި އެކަން އެގޮތަށް ވެއްޖެނަމަ، އެމެރިކާއިން ބޭނުންވާ ފަދައިން ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުން މާ ބޮޑަށް އުނދަގޫވާނެ. ސަބަބަކީ އާ ބާރުތަކާއި އާ ސަރަހައްދުތަކަށް ނުރައްކާ ކުރިމަތިވަމުންދާތީ." މެގްނިއާ އަލްޖަޒީރާއަށް ކިޔައިދިނެވެ.
"މިއީ އެމެރިކާއިން އެމީހުންގެ ހަނގުރާމައިގެ ރޭވުންތަކާއި މެދު އަލުން ވިސްނަންޖެހޭ ސަބަބެއް. ސަބަބަކީ އީރާނުން މަސައްކަތް ކުރަނީ އާދައިގެ ހަނގުރާމައަކުން މޮޅުވާކަށް ނޫން. އެމެރިކާ މާ ބާރުގަދަވުމުން އެކަން އެގޮތަށް ނުކުރެވޭނެތީ. ނަމަވެސް އީރާނުން މަސައްކަތް ކުރަނީ ހަނގުރާމައިގެ ސަބަބުން ކުރަންޖެހޭ ހޭދަ ނުވަތަ އަގު ބަދަލުކޮށްލުމަށް. ދުރުގައިވާ އަމާޒުތަކަށް ބިރުދެއްކުމަކީ، ހަނގުރާމަ ކުރިއަށްދާ ކޮންމެ ދުވަހަކު އޭގެ ނުރައްކާ އިތުރަށް ބޮޑުވަމުންދާނެކަމުގެ ސިގްނަލެއް." އޭނާ ވިދާޅުވިއެވެ.
ނޯޓް: މިލިޔުމަކީ އަލްޖަޒީރާގައި ޔަޝްރާޖް ޝަރުމާ "އީރާނުން ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ބޭހަށް މިސައިލް ހަމަލާއެއް ދިން ހެއްޔެވެ؟ މިކަމާ ގުޅޭގޮތުން އެނގެން ހުރި މައުލޫމާތުތަކީ މިއީއެވެ." މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ