އެމެރިކާ އާއި އިޒްރޭލަށް ޖާސޫސް ކޮށްދޭ ކަމުގެ ތުހުމަތުގައި އީރާނުން ގިނަ ބަޔަކު ހައްޔަރުކޮށްފި

އެމެރިކާ އާއި އިޒްރޭލަށް ޖާސޫސް ކޮށްދޭ ކަމުގެ ތުހުމަތުގައި ބިދޭސީއަކާއެކު އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ބުނެފިއެވެ. މި ހައްޔަރުތައް ކޮށްފައިވަނީ އެމެރިކާ އާއި އިޒްރޭލާ ގުޅިގެން އީރާނާ ދެމެދު ހިންގަމުންދާ ހަނގުރާމައިގެ ތެރެއިންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ އާއި އަސްކަރީ އިސް ކޮމާންޑަރުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ. މިކަމުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ދަނީ އިޒްރޭލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގަލްފުގެ ބައެއް ގައުމުތަކަށް ހަމަލާދެމުންނެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހައްޔަރުކުރި ބިދޭސީ މީހާގެ ގައުމު ހާމަނުކުރި ނަމަވެސް، އޭނާ އަކީ ގަލްފުގެ ދެ ގައުމެއް މެދުވެރިކޮށް އެމެރިކާ އާއި އިޒްރޭލަށް ޖާސޫސްކޮށްދެމުންދިޔަ މީހެއް ކަމަށް އިންޓެލިޖެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލަށް މަސައްކަތްކޮށްދޭ 30 ޖާސޫސުންނާއި އޭޖެންޓުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން އީރާނުގެ ފުލުހުންގެ ވެރިޔާ އަޙްމަދު ރިޒާ ރާދަން ދައުލަތުގެ ޓީވީގައި ވިދާޅުވީ، އީރާނުގެ ދާޚިލީ މައުލޫމާތުތައް ދުޝްމަނުންނާއި ބޭރުގެ މީޑިއާތަކާ ހިއްސާކުރި ކަމުގެ ތުހުމަތުގައި މިހާތަނަށް 81 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފާއިތުވި އަހަރުތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ޖާސޫސްކުރުމާއި ގައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި، ދެ ގައުމުގެ ރައްޔިތުކަން އޮންނަ މީހުންނާއި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، އީރާނުން މިފަދަ ހައްޔަރުތައް ކުރަނީ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށާއި އެހެން ގައުމުތަކަށް ފިއްތުންތައް ކުރިމަތިކުރުމަށެވެ. ނަމަވެސް، ސިޔާސީ ބޭނުމެއްގައި އެއްވެސް ބަޔަކު ހައްޔަރުނުކުރާ ކަމަށް ބުނެ ތެހެރާނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ