ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހަ އަހަރުވީ ފަހުން، ވަކި ދާއިރާތަކަކުން ޗައިނާގެ އިންވެސްޓްމަންޓްތަކަށް ހުރި ހުރަސްތައް ނައްތާލުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.
މިއީ ދެ ގައުމުގެ އިގްތިސާދީ ގުޅުމަށް އައި ބޮޑު ބަދަލެކެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކެބިނެޓުން ވަނީ ބޭރުގެ ސީދާ އިންވެސްޓްމަންޓް (އެފްޑީއައި)އާ ގުޅޭ ގަވާއިދުތަކަށް ބަދަލު ގެނައުމަށް ފާސްކޮށްފަ އެވެ. މީގެ ކުރިން މި ގަވާއިދުތައް އޮތް ގޮތުން ޗައިނާގެ އިތުރުން އިންޑިއާއާ އިންވެގެންވާ ގައުމުތަކުގެ އިންވެސްޓްމަންޓްތަކަށް ހުރަސްތަކެއް ހުއްޓެވެ. އާ އުސޫލުގެ ދަށުން އިލެކްޓްރޯނިކްސް، ކެޕިޓަލް ގުޑްސް އަދި ސޯލާ ސެލް އުފައްދާ ދާއިރާތަކުން ޗައިނާގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ލިބޭނެ އެވެ.
ސަރުކާރުން ބުނި ގޮތުގައި، އިންވެސްޓްކުރާ ކުންފުނީގެ މެޖޯރިޓީ ހިއްސާ ނުވަތަ މިލްކުވެރިކަން އިންޑިއާގެ ފަރާތެއްގެ އަތުގައި އޮންނަ ނަމަ، 60 ދުވަހުގެ ތެރޭގައި އެ އިންވެސްޓްމަންޓެއް ކުރިއަށް ގެންދިއުމުގެ ހުއްދަ ދެވޭނެ އެވެ.
ހިމާލަޔާ ބޯޑަރުގައި 2020 ވަނަ އަހަރު ހިނގި ކުރިމަތިލުންތަކެއްގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ 4 ސިފައިން މަރުވުމާ ގުޅިގެން، އިންޑިއާއިން ވަނީ ޗައިނާގެ އިންވެސްޓްމަންޓްތައް ވަރަށް ބޮޑަށް ހަނިކޮށް، ސެކިއުރިޓީ ކްލިއަރެންސް ހޯދުން މަޖުބޫރުކޮށްފަ އެވެ.
މި ހުރަސްތަކުގެ ސަބަބުން ބައެއް ބޮޑެތި މަޝްރޫއުތައް ވަނީ ހުއްޓިފަ އެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރު ޗައިނާގެ ބީވައިޑީ ކުންފުނިން އިންޑިއާގައި އިލެކްޓްރިކް އުޅަނދު އުފެއްދުމަށް ހުށަހެޅި 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިމެނެ އެވެ.
އާ ގަވާއިދު ބުނާ ގޮތުން، ޗައިނާގެ ހިއްސާ %10އަށް ވުރެ މަދު ކުންފުނިތަކަށް އޮޓޮމެޓިކް އެޕްރޫވަލް ރޫޓުގެ ދަށުން އިންވެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ސަރުކާރުން ބުނާ ގޮތުގައި، މި ބަދަލުގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތަކާއި ޓެކްނޮލޮޖީ އިންޑިއާއަށް ތައާރަފުވެ، ދުނިޔޭގެ ސަޕްލައި ޗެއިންގައި އިންޑިއާގެ ދައުރު ފުޅާވެގެންދާނެ އެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި މި ފިޔަވަޅަކީ ޗައިނާގެ ޓެކްނޮލޮޖީއަށް ބަރޯސާވާ އިންޑިއާގެ އުފެއްދުންތެރިކަމުގެ ދާއިރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެޅި ފިޔަވަޅެކެވެ. އެގޮތުން، 2024-25 ވަނަ މާލީ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިލެކްޓްރޯނިކްސް އާއި މެޝިނަރީ ފަދަ ތަކެތި ޗައިނާއިން އެތެރެކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، ޗައިނާއާ އެކު އޮތް އިންޑިއާގެ ޓްރޭޑް ޑެފިސިޓް ވަނީ 99 ބިލިއަން ޑޮލަރަށް އަރާފަ އެވެ.
6 އަހަރަށް ފަހު ޗައިނާގެ އިންވެސްޓްމަންޓްތަކަށް އިންޑިއާއިން ހުރަސްތައް ލުއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ