އީރާނުގެ ރޫހާނީ ލީޑަރަކަށް އަލަށް އައްޔަންކުރި މުޖުތަބާ ހާމަނާއީއަށް، އެމެރިކާ އަދި އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ކުރީކޮޅު އިޒްރޭލުން ދިން ހަމަލާއެއްގައި އަނިޔާވެފައި ވެފައިވާ ކަމަށް، ނިއުޔޯކް ޓައިމްސް ނޫހުން މިއަދު ބުނެފި އެވެ.
އޭގެ ފަހުން އޭނާ ފެންނަމުން ނުދަނީ ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތީ ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.
އީރާނުގެ ތިން މަސްދަރަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، އިޒްރޭލުން ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަސް ކަމަށްވާ، މިދިޔަ މަހުގެ 28 ވަނަ ދުވަހު ދިން ހަމަލާގައި ހާމަނާއީއަށް އަނިޔާވި ކަމަށެވެ. އޭނާގެ ފައިގެ ބައެއް ތަންތަނަށް ޒަހަމްތަކެއް ލިބުނު ނަމަވެސް، ހޭފުޅު ހުރި ކަމަށާއި މިހާރު ރައްކާތެރި ތަނެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އެ މަސްދަރުތަކުން ބުނެ އެވެ.
އިޒްރޭލުގެ އަސްކަރީ ދެ މަސްދަރަކުން ވެސް އެ ނޫހަށް ބުނެފައިވަނީ، ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާއިރު، އެ ހަމަލާގައި ހާމަނާއީއަށް އަނިޔާވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އުމުރުން 56 އަހަރުގެ ދީނީ އިލްމުވެރިޔާ މުޖުތަބާ ހާމަނާއީ އީރާނުގެ އާ ރޫހާނީ ލީޑަރުގެ ގޮތުގައި ރަސްމީކޮށް އައްޔަންކުރީ މިދިޔަ އާދީއްތަ ދުވަހު އެ ގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިންނެވެ. މިއީ އޭނާގެ ބައްޕަ އާޔަތުއްލޯ އަލީ ހާމަނާއީ، އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާއެއްގައި އަވަހާރަކޮށްލިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
ރިޕޯޓުގައިވާ ގޮތުން، އޭނާ މަގާމަށް އައްޔަންކުރިކަން އިއުލާންކުރުން ލަސްކުރީ، އޭނާ އަވަހާރަކޮށްލުމަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ. އީރާނުގެ ލީޑަޝިޕާއި ސަލާމަތީ އޮނިގަނޑު ހަލާކުކޮށްލުމަށް އިޒްރޭލުން ހިންގާ ކެމްޕޭނުގެ ތެރެއިން، އެސެމްބްލީ އޮފް އެކްސްޕާޓްސްއަށް ހަމަލާދޭން ވެސް އިޒްރޭލުން މަސައްކަތް ކުރި ކަމަށް ބުނެފައިވެ އެވެ.
އީރާނު-އިރާގު ހަނގުރާމައިގައި ބައިވެރިވެވަޑައިގެން، ގުމްގައި ދީނީ ތައުލީމު ހާސިލުކުރެއްވި މުޖުތަބާ ހާމަނާއީއަކީ އޭނާގެ ބައްޕައަށް ވުރެ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ބެލެވެ އެވެ. އަދި މިއަހަރުގެ ކުރީކޮޅު އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތައް ހުއްޓުވުމަށް ހިންގި ހަރަކާތްތަކުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި ކަމަށް ވެސް ބެލެވެ އެވެ.
އީރާނުގެ އާ ވެރިޔާ މުޖުތަބާ ހާމަނާއީ ވަނީ އިޒްރޭލުގެ ހަމަލާއެއްގައި ޒަހަމްވެފައި: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ