މުހިންމު މައްސަލަތައް އެއްފަރާތް ކުރުމަށް ފަހު ދެ އިންތިހާބު އެއްކޮށްލުމަށް ހުށަހެޅުމުގެ ނިޔަތާ މެދު ސުއޫދުގެ ސުވާލު މުހިންމު މައްސަލަތައް އެއްފަރާތް ކުރުމަށް ފަހު ދެ އިންތިހާބު އެއްކޮށްލުމަށް ހުށަހެޅުމުގެ ނިޔަތާ މެދު ސުއޫދުގެ ސުވާލު

ގާނޫނުއަސާސީ މެދުވެރިކޮށް މުހިންމު ގައުމީ މައްސަލަތަކަށް ހައްލު ހޯދުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މުއިއްޒުގެ ސަރުކާރުން ހުށަހެޅުމުގައި ހެޔޮ ނިޔަތެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
އެޕްރީލް ހަތަރެއްގައި އޮންނަ ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މިކަމުގައި ނަގާނެ އެވެ. ސަރުކާރުން ވަކާލާތުކުރަމުން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ.
"ނޯ ޓު ރެފެރެންޑަމް" ގެ ނަމުގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނެއް ފަށާފައިވާއިރު ސުއޫދުގެ ވީޑިއޯއެއް ވަނީ އެ ކެމްޕޭނުގެ އެކައުންޓުގައި ޝާއިއުކޮށްފަ އެވެ. އެ ވީޑިއޯގައި ސުއޫދު ވަނީ މި ބަދަލު ގެނައުމަށް ވުރެ މާ މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.
"އެއަށްވުރެ މުހިންމު ގައުމީ މައްސަލަތައް ހުއްޓައި، އެ މައްސަލަތައް އެއްފަރާތުގައި ބަހައްޓާފައި ކީއްވެގެންތޯ މިކަމަށް އެންމެ ފުރަތަމަ އިސްކަމެއް މި ދެވިގެންދިޔައީ. މިއީ ހެޔޮ ނިޔަތުގައި ކުރާ ކަމެއް ކަމަށްވަންޏާ ސަރުކާރުން އެބަޖެހޭ އޮޅުންފިލުވައިދެއްވަން ދެން ހުރި ކަންކަން އެއްފަރާތް ކޮށްފައި މިވަގުތަށް މިހުރީ. ނުވަތަ އެކަން ކުރާނެތޯ، ކުރާނެ އެޖެންޑާއަކީ ކޮބައިތޯ، ކޮން ވަގުތެއްގައިތޯ ކުރާނީ، އޮޅުފިލުވައިނުދެއްވަންޏާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހެޔޮ ނިޔަތް އޮތްކަމަށް ގަބޫލުކުރަން ދަތިވާނެ،" ސުއޫދު ވިދާޅުވި އެވެ.
ދައުލަތް ހިންގުން ހަރުދަނާ ކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަައިވަރު ބަދަލުތައް ހުރިއިރު އޭގެތެރެއިން ބައެއް ކަންކަން ސުއޫދު ފާހަގަކުރެއްވި އެވެ. އެގޮތުން، ކޮންމެ ފަސް އަހަރަކުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން ދިޔުން ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައްޔިތު އެންމެން ގަބޫލުކުރޭ، ސިޔާސީ ހުރިހާ ފަރާތްތަކުން ވެސް އިއްތިފާގުވާ ކަމެއް އެއީ، ޖޭއެސްސީ އެކުލަވާލެވިފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެއީ ބަދަލު ގެންނަން ޖެހޭ ތަނެއްކަން،" އެންމެ މަތީ ކޯޓުން މިދިޔަ އަހަރުގެ މާޗު މަހު އިސްތިއުފާ ދެއްވި ސުއޫދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ސުއޫދު އިސްތިއުފާ ދެއްވީ ސިޔާސީ ޕާޓީތަކަށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރައީސް މުހައްމަދު މުއިއްޒު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވުމަށް ފަހު އެވެ.
އެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް މެދުވެރިވެގެންނެވެ. ސުއޫދުގެ ވީޑިއޯގައި ވަނީ އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ނުފޫޒު ނުފޯރުވޭ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ގަދަކަމުން އޮބަހައްޓައިގެން ނޫން ގޮތަކަށް ދިވެހިރާއްޖޭގެ ރައީސަކަށް ވެރިކަން ކުރުމަށް މިހާރު މިވަނީ އުނދަގޫވެފައި. މިއީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭ މުހިންމު ކަންކަން،" ދިވެހިރާއްޖޭގެ ގާނޫނީ ފަންނަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ސުއޫދު ވިދާޅުވި އެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރާއި މި ހިނގަމުންދާ ޕީއެންސީ ސަރުކާރުގެ ވެސް ވައުދެކެވެ. ނަމަވެސް، އެ ވައުދު ފުއްދުމުގެ ސިޔާސީ ނިޔަތެއް އެއްވެސް ޕާޓީއެއްގައި ނެތެވެ.
މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭ ސުވާލެކެވެ. އެއީ؛
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގަ އެވެ. އަދި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ހަ މަސްދުވަސް އުނިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ