ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަމަލުކުރާނެ ގޮތުގެ ޕްލޭން ހާމަކުރަންޖެހޭ: އަމްރު ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަމަލުކުރާނެ ގޮތުގެ ޕްލޭން ހާމަކުރަންޖެހޭ: އަމްރު

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތަކާއި އިރާނުން ގަލްފުގެ ގައުމުތަކާއި އިޒްރޭލަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖެއިން އަމަލުކުރާނެ ގޮތުގެ ޕްލޭން ހާމަކުރަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމްރު ވިދާޅުވީ ހަނގުރާމައިގެ ދަނޑިވަޅު ސަރުކާރުގެ އަމާޒަކަށްވާންޖެހޭނީ ރައްޔިތުން ނިކަމެތިވިޔަނުދިނުން ކަމަށްވާއިރު، އެކަން ކުރާނެ ގޮތެއް މި ދަނޑިވަޅުގައި ސަރުކާރުން ހުރިހާ ރައްޔިތުންނަށް ދެފުށް ފެންނަ ގޮތެއްގައި ހާމަކުރަން ޖެހޭ ކަމަށެވެ.
"ސަރުކާރުން އެބަޖެހޭ މިވާ ގޮތާއި މިކަންކަން ދެން ކުރިއަށްގެންދާނެ ގޮތާއި ސަރުކާރުގެ ޕްލޭނަކީ ކޮބައިކަމާއި އަދި ރައްޔިތުން ނިކަމެތިވިޔަނުދީ މިކަން ކުރުމަކީ ސަރުކާރެއްގެ ވާޖިބު. އެހެންވީމަ މިވަގުތު ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ވިޔަފާރިވެރިންނަށްވެސް އެންމެ މުހިންމު ކަމަކީ ސަރުކާރުން އެ މައުލޫމާތުތައް ޓްރާންސްޕޭރެންޓު ގޮތެއްގައި ދިނުން،" އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން ސަރުކާރުން ހަމައެކަނި ކޮމިޓީއެއް އެކުލަވާލިޔަސް އެކަން ފުރިހަމަ ނުވާނެ ކަމަށާއި ރާއްޖެއިން އަމަލުކުރާނެ ގޮތުގެ ތަފްސީލުތައް ހާމަކުރަން ޖެހޭނެ ކަމަށެވެ.
"އަދި އެ ޕްލޭނަކީ ކޮބައިތޯ، ކޮންކަހަލަ ކަމެއްތޯ ދެން ލަފާކުރެވެނީ، ރިޒާވުގައި މިހާރު ހުރީ ކިހާވަރެއްތޯ، އެއީ ވަރަށް މުހިންމު ކަމެއް ރާއްޖޭގައި ހަމައެކަނި ސަރުކާރުން ކޮމިޓީއެއް އަދި އެކުލަވާލިޔަސް އެއީކީ އަދިއެއް އެކަން ހިނގަންވާނެ ގޮތެއް ނޫން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ" އަމްރު ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ހަނގުރާމައިގެ މި ދަނޑިވަޅު އަމަލުކުރާނެ ގޮތްތައް ހާމަކުރަމުންދާކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ ދިވެހި ސަރުކާރުން ވެސް އެފަދައިން އަމަލުކުރަން ޖެހޭ ކަމަށެވެ.
މީގެއިތުރުން ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އަވަސް އަވަހަށް އަޅަން ޖެހޭ ކަމަށާއި ކޮވިޑުގައި ރާއްޖެއިން އެހެން ގައުމުތަކުން ތަހައްމަލުކުރި ކަންކަން ތަހައްމަލުކުރަން ނުޖެހުނީ ދުރާލައި އެޅި އަވަސް ފިޔަވަޅުތަކުން ކަމަށް އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް ބޮޑު މި ދަނޑިވަޅުގައި ތެލަށް ޑޮލަރުން ކުރަން ޖެހޭ ހޭދަ ބޮޑުވުމަކީ ދަތި ކަމަކަށްވާނެ ކަމަށާއި ރާއްޖެއަށް މި ދަނޑިވަޅުގައި އަންނަ ފަތުރުވެރިން އިންތިހާއަށް މަދުވުމަކީ ރާއްޖެއަށް ޑޮލަރު ލިބުން މަދުވާނެ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ