ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އާންމުކުރި ވަގުތީ ލިސްޓުގައިވާ ގޮތުން ރާއްޖޭގައި 18 އަހަރުން މަތީގެ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
ނަމަވެސް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށްފަހު މިއަދު ނެރުނު ފައިނަލް ލިސްޓުގައިވާ ގޮތުން އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބެނީ 294،876 މީހަކަށެވެ. މިއީ ވަގުތީ ލިސްޓުގައި ހިމެނި އަދަދަށްވުރެ 61 މީހުންގެ މަދު އަދަދެކެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ފައިނަލް ލިސްޓުގައިވާ ގޮތުން މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން 150،370 މީހުންނަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 144،506 އެވެ.
ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލުމަށް ޖުމުލަ 588 ފޮށި ބަހައްޓާނެ އެވެ. އެއީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮއްޓެވެ. އަދި ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ.
ދިވެހިން ދިރިއުޅޭ އެހެން ގައުމުތަކާއި ސިނާއީ މަސައްކަތްތައް ކުރާ ރަށްތަކުގައި ރަޖިސްޓްރީވާންޖެހޭ އަދަދަށް ވޯޓުލާން މީހުން ރަޖިސްޓްރީ ކޮށްފައިނުވާތީ، އެ ތަންތަނުގައި މިފަހަރު ވޯޓު ފޮށި ނުބަހައްޓާނެ އެވެ.
ފައިނަލް ލިސްޓު ނެރުނުއިރު ވޯޓުލެވޭ މީހުންގެ އަދަދުވީ މަދު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ