ހަނގުރާމައާއެކު އެންމެ ބޮޑު ކަންބޮޑުވުމަކީ ޑޮލަރުގެ އަގު އުފުލި، ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް ބޮޑުވުން: އަމްރު
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު، އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި ޑޮލަރުގެ އަގު އުފުލި، ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް ބޮޑުވުން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު މިއަދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލު އިންތިޚާބާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަމްރު ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ތެޔޮ އުފުލަން ބޭނުންކުރާ ހޮރްމުޒް ކަނޑުއޮޅިން ކުރެވޭ ދަތުރުތައް އީރާނުން ކޮންޓްރޯލް ކޮށްފައިވުމުން ތެލާއި ގޭހުގެ ސަޕްލައި ޗެއިންއަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެ ފަދަ އިގުތިޞާދީ ގޮތުން ކުޑަ ގައުމަކަށް ބޮޑެތި އަސަރުތަކެއް ކުރާނެކަން ޢަމްރު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއަކީ ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވެފައި އޮންނަ ގައުމެއްކަން ފާހަގަކުރައްވައި ޢަމްރު ވިދާޅުވީ، ތެލުގެ އަގު އުފުލިއްޖެނަމަ ކަރަންޓަށް ކުރާ ޚަރަދު ބޮޑުވެ، މަސްވެރިން ބާނާ މަހުގެ އަގުތައް އުފުލި، މުދާ އުފުލުމަށާއި އެތެރޭގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ރުފިޔާއިން ތެލަށް ޚަރަދުކުރާ ނަމަ، ވަގުތުން ވަގުތަށް އޭގެ އަސަރުކޮށް ދިރިއުޅުމުގެ އަގު ބޮޑުވާ ކަމަށެވެ. ޙުސައިން ޢަމްރު: ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑޮލަރުގެ މައްސަލަ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން ތެލުގެ އަގު އެންމެ ދިހަ ޑޮލަރަށް އުފުލުނަސް، އެއީ ރާއްޖޭން ބޭރުވާ އެތައް މިލިއަން ޑޮލަރު ކަމަށް ޢަމްރު ވިދާޅުވިއެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ޚަރަދު ބޮޑުވެ، ރާއްޖޭގެ ރިޒާވް ދަށަށް ދާ ކަން ޢަމްރު ފާހަގަކުރެއްވިއެވެ. "އެހެންވީމާ ހަގީގީ މައްސަލައަކީ ތެލުގެ އަގުގެ މައްސަލައެއްނޫން، ހަގީގީ މައްސަލައަކީ އަޅުގަނޑުމެންނަށް ޑޮލަރުގެ މައްސަލަ،" ޢަމްރު ވިދާޅުވިއެވެ. ސަބަބެއް ކަމަށް ޢަމްރު ވިދާޅުވީ ރާއްޖެއަށް ޑޮލަރު މައިގަނޑުގޮތެއްގައި ވަންނަނީ ފަތުރުވެރިކަމުން ކަމަށްވެފައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަން ދަށްވެފައިވީ ނަމަވެސް، ތެލުގެ އަގަށް އައި ބަދަލާއެކު ދައުލަތުން ތެލަށް ކުރާ ޚަރަދު ބޮޑުވާނެތީއެވެ. ޢަމްރު ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ޚަރަދުތައް މައިގަނޑުގޮތެއްގައި ބަލަހައްޓަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީންނެވެ. މިކަމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، މުދާ އެތެރެކުރުމަށް ކުރާ ޚަރަދު ބޮޑުވެ، އާންމު ދިރިއުޅުމުގައި ކުރާ ޚަރަދު އުފުލިގެން ދާނެ ކަމަށް ޢަމްރު ވިދާޅުވިއެވެ. https://sun.mv/219037 "ރާއްޖެއަށް މިހާލަތުގެ ސަބަބުން އެންމެ މުހިންމީ ވަގުތުން ވަގުތަށް ފިޔަވަޅު އެޅުން،" އޭނާ ވިދާޅުވިއެވެ. ޢަމްރު ވިދާޅުވީ، ރާއްޖެއަށް މިހާރު އެތެރެކުރާ ތެލަށް ފައިސާ ދައްކަން ޖެހޭނީ ހަ މަސް ފަހުން ކަމަށާއި، އެހެންކަމުން ޚަރަދުތައް ކުޑަކުރުން ފަދަ ފިޔަވަޅުތައް އަޅަން އަދިވެސް ވަގުތު އެބައޮތް ކަމަށެވެ. ނަމަވެސް މެދުއިރުމަތީ ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިޞާދަށް ދިގު މުއްދަތަކަށް އަސަރުކުރާނެކަން ޢަމްރު ފާހަގަކުރެއްވިއެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 93 ޑޮލަރަށެވެ. އިއްޔެ އެ އަގު 117 ޑޮލަރަށް ވެސް އުފުލުނެވެ. ނަމަވެސް، ސައުދީ އަރަބިއްޔާއާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްފައިވުމުން، ތެލުގެ އަގު އިތުރަށް އުފުލުމުގެ ބިރު ވަނީ އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ