އަވައްޓެރި ޤައުމު ތަކަށްވުރެ ރާއްޖޭގައި ތެލުގެ އަގު ހެޔޮ

އަވައްޓެރި ޤައުމުތަކަށްވުރެ ދިވެހިރާއްޖޭގައި ތެލުގެ އަގު ހެޔޮކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިފައިވާއިރު، ރާއްޖެ ހިމެނޭހެން މި ސަރަހައްދުގެ ހުރިހާ ޤައުމެއްގައިހެން ތެލުގެ އަގު ވަނީ ބޮޑުކޮށްފައެވެ. 
އަވައްޓެރި ޤައުމުތަކުގެ ތެލުގެ އަގުތައް ހުރިގޮތަށް ބަލާއިރު، މި ސަރަހައްދުން ޕެޓްރޯލާއި ޑީސަލްގެ އަގު އަދިވެސް އެންމެ އަގުހެވީ ރާއްޖޭގައެވެ.
ތެލުގެ އަގަށް އެންމެފަހުން ގެނައި ބަދަލާއެކު ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ވިއްކާއިރު، އަވައްޓެރި އިންޑިއާގެ ނިއުދިއްލީގައި ޕެޓްރޯލް ލީޓަރެއް ވިއްކަނީ ދިވެހި ރުފިޔާއިން ބަލާނަމަ 18.28 ރުފިޔާއަށެވެ. ސްރީލަންކާގައި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 19.71 ރުފިޔާއަށެވެ.
ޑީސަލް ވިއްކާ އަގަށް ބަލާއިރު ރާއްޖެއަށްވުރެ އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ވަރަށް ކުޑަ ތަފާތަކުން އަގު ހެޔޮކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގައި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބޭއިރު ނިއުދިއްލީގައި ޑީސަލް ލީޓަރެއްގެ އަގު ހުރީ 16.91 ރުފިޔާއަށެވެ. މުމްބާއީގައި ޑީސަލް ލީޓަރެއް 17.37 ރުފިޔާއަށް ހުރިއިރު ބެންގަލޫރުގައި ޑީސަލް ލީޓަރެއް ވިއްކަނީ 17.12 ރުފިޔާއަށެވެ. 
ސްރީލަންކާގައި އޮޓޯ ޑީސަލް ލީޓަރެއް 16.36 ރުފިޔާއަށް ލިބޭއިރު ސުޕަ ޑީސަލް ލީޓަރެއް ވިއްކަމުންދަނީ، 19.71 ރުފިޔާއަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ދިމާވި މައިގަނޑު ސަބަބަކީ އެމެރިކާ އަދި އިސްރާއީލުން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައެވެ. މި ހަނގުރާމާގައި އީރާނުން ވަނީ އެންމެފަހުން ތެއޮ އުފުލާ މައި ރޫޓް، ހޮރުމޯޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްލުމެވެ. ދުނިޔޭގެ ބާޒާރަށް ބޭރުކުރާ ތެލުގެ 40 އިންސައްތަ ބޭރުކުރަނީ ހޮރުމޯޒް ކަނޑުއޮޅިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ