އީރާން ވަނީ ޒަޚަމްވެފައިވާ ސިންގާއަކަށް ބަދަލުވެފައި: މުހައްލިލުން
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް މިހާރު ފަށާފައިވަނީ އީރާނުގެ ދައުލަތް ރޫޅާލައި ގައުމު މުޅިން ބައިބައިކޮށް ކުދިކުދިކޮށް އެގައުމުން ހާސިލްކޮށްފައިވާ އިލްމީ ކުރިއެރުންތަކާއި ޒަމާނީ ޓެކްނޮޮޖީއާއި ސަގާފަތާއި ޙަޟާރަތް މުޅިން ނައްތާލުމުގެ ރޭވުމުގެ ދަށުން ކުރާ ހަނގުރާމައަކަށްވާތީ، "ޒަޚަމްވެފައިވާ ސިންގާ"ގެ ގޮތުގައި ބަދަލު ހިފުމުގައި މިހާރު އީރާން ހަރަކާތްތެރިވަމުން ދާކަމަށް މުހައްލިލުން ވިދާޅުވެއްޖެއެވެ. ގަލްފުގެ ހޮރުމުޒު ކަނޑުއޮޅި ބަންދުކުރުމަށްޓަކައި އީރާނުން ރޭ ވަނީ އެތަނަށް މައިން އަޅާފައެވެ. އަސްކަރީ މުހައްލިލެއް ކަމަށްވާ ޖެނެރަލް ކާޒިމް މާހިރުލް ކައުބީ ވިދާޅުވި ގޮތުގައި އީރާނުން ގަލްފަށް އެޅި މައިންތަކަކީ ސްމާޓް މައިންތަކެވެ. އަމިއްލައަށް އަމާޒު ހޯދައިގެން ބޯޓުތަކަށް ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މައިން ތަކެކެވެ. އީރާނުން މިކަންކުރީ، ހަނގުރާމައިގެ ނިމުން އޮތީ އީރާން އަތްމަތީގައިކަން އެމެރިކާއާއި ޔަހޫދީންނަށް އެންގުމުގެ ގޮތުންނެވެ. އަދި އެއީ އެކަން އެންގުމަށް ދިން ނުރައްކާތެރި މެސެޖެއް ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން ގަލްުފުގެ ހޮރުމުޒު ކަނޑުއޮޅިއަށް ސްމާޓް މައިން އެޅީ އެތަން ބަންދުނުކުރެވޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ގޮންޖައްސަވާފައި ވަނިކޮށެވެ. އަސްކަރީ އެހެން ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އީރާނުން ހޮރުމުޒު ކަނޑުއޮޅިއަށް ރޭ އެޅި ސްމާޓް މައިންތަކަކީ އަމިއްލައަށް އަމާޒު ހޯދައިގެން ބޯޓުތަކުގައި ގޮސް ޖެހިގަނެގެން ގޮއްވާލާ ޒާތުގެ ވަރަށް 'ސޮފިސްޓިކޭޓެޑް' މައިންތަކެކެވެ. އީރާނުން މިތަކެތި އެޅުމަށް ކަނޑުގެ ބޯޓެއް ބޭނުން ނުކުރާކަމަށާއި، ޕްރޮގްރާމް ކޮށްފައިވާ މި މައިންތަކަކީ އީރާނުގެ ގޮނޑުދޮށުން މިތަކެތި ފޮނުވާލުމުން އެތަކެތި އަމިއްލައަށް މިސްރާބު ހޯދައިގެން ހޮރުމުޒު ކަނޑުއޮޅިއަށް ގޮސް އެތަނުގައި ތިބެ އެތަނުން ހުރަސްކުރާ ހުރިހާ ބާވަތެއްގެ ބޯޓުތަކެއް ހަމަލާ ދޭ ވައްތަރުގެ ސްމާޓް މައިންތަކެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- އީރާނުގެ ހަގީގަތް ދަންނަ މުހައްލިލެއްކަމަށްވާ ޖެނެރަލް ކާޒިމް މާހިރުލް ކައުބީ ވިދާޅުވި ގޮތުގައި މިބާވަތުގެ ސްމާޓް މައިންގެ ނުރައްކަލުން ސަލާމަތްވުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ. އެއިން ސަލާމަތް ވެވޭނީ ބޮޑު ޚަރަދެއް ކޮށްގެންނެވެ. ސަބަބަކީ އެތަކެތީގެ ކޮންޓްރޯލް އީރާނުގެ އެތެރޭގައި އޮންނާތީއެވެ. ކައުބީ ވިދާޅުވި ގޮތުގައި އީރާނުގެ ސްޓްރެޓެޖީއަކީ ހަކަތައަކީ އެގައުމުގެ ދިފާއީ ހަތިޔާރަކަށް ހެދުމެވެ. އެއީ ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމަށް ހުރަސްއަޅައިގެން އީރާންގެ ޝަރުތުތަކާ އެއްގޮތަށް އުދުވާނީ ހަނގުރާމަ ނިންމަން އެމެރިކާއަށް މަޖުބޫރު ކުރުވުމެވެ. ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސް، އެމެރިކާގެ މަގްސަދު ހާސިލް ނުކުރެވި އެމެރިކާ ބަލިވާ ގޮތަށް ހަނގުރާމަ ހުއްޓާލަން ދުނިޔޭގެ ގައުމުތައް ލައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޕްރެޝަރު ކުރާ ހިސާބަށް ކަންތައް ގެންދިޔުމަކީ އީރާނުގެ އަމާޒެވެ. އެހެން މުހައްލިލެއް ކަމަށްވާ ޑރ. ޚަލީލް އަލް އަނާނީ ވިދާޅުވި ގޮތުގައ އެއްވެސް ހައްގުން ކަމަކާނުލައި އެމެރިކާއާއި އިސްރާއީލުން އީރާން އާ ދެކޮޅަށް އުދުވާނީ ހަނގުރާމަ ފެށީ އީރާނުގެ ވެރިކަން ގަދަބާރުން ބަދަލުކޮށް އެމެރިކާގެ ގޮނޑިކޮއްކޮއަކު އީރާނުގެ ވެރިކަމުގެ ބަހައްޓައިގެން އީރާނުގެ ތެލާއި ނާދިރު މައުދަންތައް ފަދަ އީރާނުގެ ގުދުރަތީ ވަސީލަތްތަކަށް އަތްގަދަ ކުރުމުގެ ނުބައި ރޭވުުމުގެ ދަށުންނެވެ. އަދި މިގޮތަށް ކަންތައް ނުކުރެވިއްޖެ ހާލަތެއްގައި އީރާނުގެ މުޅި ދައުލަތް ރޫޅާލައި ގައުމު ބައިބައިކޮށްލުމުގެ ނުބައި ރޭވުމުގެ ދަށުންނެވެ. މިކަން އީރާނުގެ ޒައާމަތުގައި މިހާރު ތިބި ޒުވާން ލީޑަރުންނަށް ވަރަށް ރަގަނޅަށް އެނގޭ ކަމަށް އަނާނީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ލީޑަރުން ތިއްބެވީ އީރާނުގެ ޝަރުތުތަކާ އެއްގޮތަށް ނޫނީ ކުޑަކޮށް ވެސް ދޫދެއްވާ ގޮތަކަށް ނޫނެވެ. އަދި އީރާނުގެ ޝަރުތުތަކާ އެއްގޮތަށް ނޫނީ ހަނގުރާމަ ހުއްޓާލާ ގޮތަކަށް ވެސް ނޫނެވެ. "މިއީ އެއްދައުލަތެއްގެ ގޮތުގައި އީރާނުގެ ދެމިއޮތުމުގެ ނުރައްކަލާ ދެކޮޅަށް ކުރަމުންދާ ދިފާއީ ހަނގުރާމައެއް" ޑރ. އަނާނީ ވިދާޅުވިއެވެ. މި ހަނގުރާމާގައި ގަލްފުގެ ގައުމުތަކަކަށް ނޫނީ އެހެން ގައުމަކަށްވެސް އީރާން ނުބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މެދުއިރުމަތީގައި އެމެރިކާ ސިފައިން ތިބޭނަމަ ތިބޭހާ ތަނަކަށް ހަމަލާދީ އީރާނުން އެތަންތަން ފުނޑާލާނެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދީ އެގައުމުގެ އެންމެ އިސް ދީނީ މުރުޝިދުއާއި އޭނާގެ އާއިލާ އަވަހާރަކޮށްލައި އީރާނުގެ ތުއްތު އަންހެން ކުދިންގެ ސްކޫލަކަށް ހަމަލާދީ 168 އަށް ވުރެގިނަ ތުއްތު އަންހެން ކުދިން ޝަހީދުކޮށްލުމުގެ އިތުރުން އެ ދެ ގައުމު ވަނީ އީރާނުގެ އިލްމީ ކުރިއެރުމާއި އެގައުމު ހާސިލްކޮށްފައިވާ ޓެކްނޮލޮޖީއާއި ސަގަފީ ތަރިކައާއި ހަޟާރަތް ފަދަ ހުރިހާ އެއްޗެއް މުޅިން ހަލާކުކޮށްލުމަށް އަމާޒު ހިފާފައެވެ. އީރާނުގެ އައު ލީޑަރު ސައްޔިދު މުޖްތަބާ ޚަމަނާއި -- މިހާރުވެސް އީރާނުގެ ސަގާފީ ތަރިކައާބެހޭ އެތަށް މަރުކަޒަކަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައި އެތަންތަންވަނީ ހާލުކޮށްލާފައެވެ. އީރާން ވަނީ މިކަމުގެ ޝަކުވާ ޔުނެސްކޯއަށް ހުށަހަޅާފައެވެ. އަނާނީ ވިދާޅުވި ގޮތުގައި ބަދަލު ހިފުމުގައި މިހާރު އީރާން ވަނީ ޒަޚަމްވެފައިވާ "ސިންގާ" ބަދަލުވެފައެވެ. އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް މިފަހަރު ސްޓްރެޓީޖިކް ގޮތުން އެމެރިކާއާއި އިސްރާއީލު ނޯށުން ރޮއްވާލާވަރު އީރާނުން ކުރާނެ ކަމަށް އަނާނީއާއި އެނޫންވެސް ގިނަ މުހައްލިލުން ވިދާޅުވިއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އީރާން އަސްކަރީ ގޮތުން ބަލިކޮށްލާނެކަމަށް ޓްރަމްޕާއި ނަތަންހާޔޫ ބުނިނަމަވެސް ހަނގުރާމައިގެ މައިދާނުން ފެންނަނީ މިއާ މުޅިން ތަފާތު ހަގީގަތްތަކެކެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ 15،000 މީހުންވަނީ ޒަޚަމްވެފައެވެ. އަދި 700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އީރާން ރޭ ވަނީ ތިން ގަޑީއިރު ވަންދެން ވަރަށް ވަރުގަދަ މިސައިލްތަކެއްގެ ވާރޭ އިސްރާއީލަށް ވަރަށް އިންޓެންސިވްކޮށް އޮއްސާލާފައެވެ. އީރާނުން ރޭގައި އިސްރާއީލަށް ހަމަލާދިނުމަށް ބޭނުންކުރި ކޮންމެ މިސައިލަކީ އެއްޓަނުގެ ގޮވާތަކެތީގެ ވޯހެޑް ހުރި މިސައިލްތަކެކެވެ. އެ މިސައިލްތައް ދިފާއު ކުރުމުގައި އިސްރާއީލުގެ ދިފާއީ ނިޒާމު ވަނީ ވަރަށް ބޮޑަށް ނާކާމިޔާބު ވެފައެވެ. އެ މިސައިލްތަކުގެ ތެރެއިން ވައްޓާލެވުނު ކަމަށް ވަނީ މަދު މިސައިލްތަކެކެވެ. ރޭ އެކަނި އީރާނުން ދިން ހަމަލާތަކުގައިވެސް އިސްރާއީލުގެ 400 އަށްވުރެ ގިނަ އިމާރާތް ހަލާކުވެ 15 މީހަކު މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވިކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެމެރިކާގެ އަސްކަރީ ބޭސްތައް ހުރި ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ރެއާއި މިއަދު އީރާނުންވަނީ ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ