ކުރީގެ ފަނޑިޔާރު މަހާޒު ލިއުއްވި ޖަމާއަތެއްގެ ކިބައިން ގިސޯސް ހިފޭނެ އުސޫލުތަކުގެ ފޮތް ނެރެފި

ޖަމާއަތެއްގެ ކިބައިން ގިސޯސް ހިފޭނެ އުސޫލުތަކާއި އެ ކަމުގައި ހުރި ޝަރުއީ ބަހުސްތައް ހިމަނައިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ފޮތެއް ނެރުއްވައިފި އެވެ.
ވީކިހިނެއް؟ - މިއީ ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެފައިވާ ފާތިމަތު ހަނާގެ މައްޗަށް އޮތް މަރުގެ ހުކުމުގެ މައްސަލާގައި މަހާޒު ލިއުއްވާފައިވާ ރައުޔުގައި އޭނާ ހިމެނުއްވި އުސޫލުތައް ހިމަނާފައިވާ ފޮތެކެވެ. އެ ގޮތުން:
އެ މައްސަލަ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލަމުން ދިޔައިރު މަހާޒު އެ ބެންޗުގައި އިންނެވި
މިދިޔަ އަހަރު މަހާޒު ފަނޑިޔާރުކަމުން ވަކިކުރަނީ، އޭނާގެ ރައުޔު ލިޔުމުގެ މަސައްކަތް ފުރިހަމަކުރަމުން ދަނިކޮށް
މިހާރު އެ މައްސަލަ ބަލަނީ ރިޔާސަތު ހިމެނޭހެން މުޅިން އާ ބެންޗެއް
އެ ރައުޔުގެ ތަފްސީލްތައް ހިމަނައިގެން މަހާޒު ނެރުއްވަނީ 'ތަމާލުއު'ގެ ނަމުގައި ލިއުއްވާފައިވާ ފޮތެވެ. މި ފޮތް އަދި ނެރުއްވާފައިވަނީ އޮންލައިންކޮށް ދިވެހި ފޮތް އެޕްގަ އެވެ. އެގޮތުން، 224 ސަފްހާގެ ފޮތުގެ އަގަކީ 299ރ. އެވެ.
އޭގެ ޕްރިންޓް ކޮޕީ ނެރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް މަހާޒު ވިދާޅުވި އެވެ.
ތަފްސީލް - ފޮތް ނެރުއްވައި މަހާޒުގެ އަމިއްލަ ބްލޮގްގައި ލިއުއްވާފައިވާ ގޮތުގައި، އެ މައްސަލާގައި ފުރަތަމަ ރައުޔެއް ބެންޗަށް ހުށަހަޅުއްވަނީ ކުރީގެ އުއްތަމަ މުއުތަސިމް އަދުނާނެވެ. ނަމަވެސް އޭނާ ދެެކެވަޑައިގަންނަވާ ގޮތުގައި، އޭގައި ޖަމާއަތެއްގެ ކިބައިން ގިސޯސް ހިފޭނެ، ތަމާލުއުގެ އުސޫލުތައް ހިމަނާފައިވަނީ އެންމެ ރަނގަޅަކަށް ނޫނެވެ.
އެހެންވެގެން މަހާޒު ރައުޔެއް ލިއުއްވައި ބެންޗަށް ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭރު ބެންޗުގައި ތިއްބެވި އިތުރު ދެ ފަނޑިޔާރަކު ރައުޔަށް ތާއީދުކުރެއްވުމުން، އަގުލަބިއްޔަތު ރައުޔަށް ވެގެން ދިޔަ ކަމަށް ވެސް މަހާޒު ވިދާޅުވި އެވެ. ނަމަވެސް އަގުލަބިއްޔަތު ލިބުނު ދުވަހަކީ އޭނާ މަގާމުން ސަސްޕެންޑްކުރި ދުވަހަށެވެ.
"ދެން އެ ދުވަހު 12 ޖަހަން އުޅެނިކޮށް އައީ ގެއަށެވެ. އެ އައި ގޮތަށް މި ހުރީ ގޭގަ އެވެ. އެ ހިސާބުން އެ ރައުޔަށްވާނީ ވާނެ އެއްޗެއްތާ އެވެ. ޔަގީނުން ވެސް 2018 ވަނަ އަހަރު ރަޖިސްޓްރީވި އެ މައްސަލަ އަދި ވެސް އެ އޮތީ ސުޕްރީމް ކޯޓުގެ މަތާރަންފިލާ މަތީގަ އެވެ،" މަހާޒުގެ ބްލޮގްގައި ލިއުއްވާފައިވެ އެވެ.
ފޮތުގެ ތަފްސީލްތަކާ ގުޅޭ ގޮތުން މަހާޒު ވިދާޅުވީ:
ތަމާލުއުގެ އުސޫލަކުގެ ތެރެއަށް ފީނުމުގެ ކުރިން އެންމެ ފުރަތަމަ މި ފޮތުގައި ބަލާލާފައިވާނީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ މެދުގައި
ފުރަތަ ޗެޕްޓަރުގައި އަދަބު ކަނޑައެޅުމުގެ އުސޫލުތައް ލިޔުމަށް ފަހު ދެވަނަ ޗެޕްޓަރުގައި ވަނީ ގިސޯސް ހިފުން ވާޖިބުވާ މަރުގެ މައްސަލަތަކާ މެދު؛ އެއީ އަދަބު ކަނޑައެޅުމުގެ ކުރިން ހުރި އުސޫލުތައް ވެސް މުހިންމު ވާތީ 
ތަމާލުއުގެ އުސޫލުތައް ފަށަނީ ތިންވަނަ ޗެޕްޓަރުގައި؛ އެ ގޮތުން އެ ލަފުޒުގެ މާނަތަކަށް ދިއުމަށް ފަހު، ތަމާލުއުގެ ހާދިސާއާ ގުޅޭ އުމަރުގެފާނުގެ ބަސްފުޅު ތަފާތު އެކި ހަދީސް ފޮތްތަކުންނާއި އެ ފޮތްތަކުގެ ޝަރަޙަތަކުގައި ބަޔާންކޮށްފައިވާ ގޮތް ހިމަނާފައިވޭ
ހަތަރުވަނަ ޗެޕްޓަރުގައި ހިމަނާފައިވަނީ ހަދީސް އިލްމުވެރިންގެ ބަހުސްތަކާއި ފިގުހު އިލްމުވެރިންގެ ބަހުސްތައް 
ފަސްވަނަ ޗެޕްޓަރުގައި ހިމަނާފައިވަނީ ތަމާލުއުގެ އުސޫލުތައް ރާއްޖޭގައި ތަތުބީގު ކުރަމުން އަންނަ ގޮތް؛ ކުރީގެ ގާނޫނުލްއުގޫބާތުން ފެށިގެން އެންމެ ފަހުގެ ގޭންގު ކުށްތަކުގެ ގާނޫނާ ހަމައަށް ކުށް ކުށުގައި އެހީތެރިވުމާއި ބައިވެރިވުން އައިސްފައިވާ ގޮތް ހިމެނޭ
ފަސްވަނަ ޗެޕްޓަރު ނިމިގެންދާނީ އިޖުތިހާދީ މައްސަލަތަކުގައި ހާކިމާ (ރާއްޖޭގައި ނަމަ ޤާނޫނު އެކަށައަޅާ ފަރާތުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލިހުން) ގޮތެއް ކަނޑައެޅުމުން ދެން ކަންތައް ކުރަންވީ ގޮތާމެދު ވާހަކަ ދައްކަމުން
ހަވަނަ ޗެޕްޓަރުގައި ރާއްޖޭގައި އާންމުކޮށް ފެންނަން ހުރި މައްސަލަތަކުގެ ތެރެއިން މި މައުލޫގައި ނިންމާފައިވާ ހުރިހާ މައްސަލައެއް މި ފޮތުގައި ހިމަނާފައިވޭ؛ ކޮންމެ މައްސަލައެއްގެ ބައި ވަކިވަކިން ހިމަނާފައިވޭ
ފަހު ޗެޕްޓަރުގައި ލިއުނީ މަރުގެ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމާއި އެ ކަމުގައި ހަބީރުންގެ ބަސް އެއްފަރާތް ނުކުރުމަށް އިލްމުވެރިންގެ ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް؛ އަދި ތުހުމަތުކުރެވޭ މީހާ ބައިވެރިވުން އޮތް ގޮތަށް ރިއާޔަތްކުރުމެއް ނެތި ގިސޯސް ނުހިފުމުގެ މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ