ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި ހަމަ އެ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފި އެވެ.
މި ލިސްޓު ސަރުކާރުގެ ގެޒެޓާއި އީސީގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ. މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ވެސް ލިސްޓުގައި ނަން އޮތްތޯ ބެލޭނެ އެވެ. އެސްއެމްއެސް ކުރާނީ 4VR space IDNO Send to 141 އަށެވެ.
ލިސްޓުގައިވާ ގޮތުން ޖުމްލަ 299،876 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް ޖުމްލަ 1،356 މެންބަރުން އިންތިހާބު ކުރާނެއެވެ. އަދި މި އިންތިހާބުތައް ކުރިއަށް ގެންދިއުމަށް އަތޮޅުތެރެއާއި ރިސޯޓު އަދި ޖަލުތަކާއި މާލޭ ސަރަހައްދުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާނެއެވެ. ކައުންސިލް އިންތިހާބުގައި 1،592 އަދި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެއެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 4 ގައެވެ. ހަމަ އެދުވަހު އެ ދުވަހު، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުންވެސް އޮންނާއެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ