ތިބާގެ ޙަޔާތުގެ ވަޤުތާއިމެދު މިކަންކަމަށް ނުވިސްނާނަމަ ނުރުހުނަސް ދެ ދޮރުންވެސް ވަންނަން ޖެހޭނީ ހަމަ އަލިފާނަށް! ހުށަހެޅޭނީ ގަދަފަދަ ޢަޛާބަށް!

އަހުރެމެންގެ އަތުގައި ގަޑިއެއް އޮތަސް ހިނގާނީ ހިންގުވީމައެވެ. މިބުނަނީ ބެޓެރިލެއްވުން، ކަރަންޓް ދިނުން ނުވަތަ އެނޫންވެސް ގޮތެއްގެ ވާހަކައެވެ. އަދި ބޭނުންވީ "ސްޓޮޕް"ވެސް ކުރިވިދާނެއެވެ. ކިޔައިދޭން މިއުޅެނީ މައިމީހާގެ ބަނޑުގައި އަށަގަތީންސުރެ "ސްޓޮޕް" ނުކުރެވޭނެ ގަޑީގެ ވާހަކައާއި އެކަމުގެ ވަޤުތު ޖެހުމުން ވަންނަން މަޖުބޫރުވާނެ ދެދޮރުގެ ވާހަކައެވެ.  
އިންސާނުން އަމިއްލައަށް އުފައްދައިގެން އަހަރެމެން މިގެންގުޅޭ ގަޑިއަށް ބެޓެރީ ލައްވަން ޖެހެއެވެ. ނޫންނަމަ ޗާބީ ދޭންޖެހެއެވެ. ނޫންނަމަ ކަރަންޓް ނަމަވެސް ކޮންމެވެސް ހަކަތައެއް ދޭންޖެއެވެ. ނަމަވެސް ކޮންމެ މީހަކަށް ﷲ ތަޢާލާ ދެއްވަވާ ގަޑި މުޅިން ތަފާތެވެ.  
ﷲ ތަޢާލާ ދެއްވަވާ ގަޑިއަށް އެއްވެސް މީހަކު އެއްވެސް ކަމެއް ނުކުރި ނަމަވެސް އެ ގަޑި ދާނީ ހަމަ ބަރާބަރަށް ހިނގަމުންނެވެ. ދުވަހަކުވެސް ނުހުއްޓޭނެއެވެ. މިދައްކަނީ ކޮންމެ ކުއްޖެއްގެ ފުރާނަ އެޅުއްވެވުމާއިއެކު ޗާބި ނުދިންނަވެސް، ބެޓެރި ނުލެއްވި ނމަވެސް އަދި ކަރަންޓު ނުދިންނަމަވެސް ނުހުއްޓޭނެ ގޮތަށް ﷲ ތަޢާލާ ދެއްވަވާ ދެ ދޮރުލީ ގަޑީގެ ވާހަކައެވެ. 
އެގަޑީގައި ދެ ދޮރު އިންނާނެއެވެ. މަރުގެ މަލާއިކަތާ ވަޑައިގެން ބައްދަލުކުރެއްވެވުމުން ފުރަތަމަ ދޮރު ހުޅުވޭނެއެވެ. އެ ހިސާބުން ޖެހޭނީ އެދޮރުން ވަންނާށެވެ! ނުވަންނަން ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. އެހިސާބުން ވެސް ގަޑި ދާނީ ހަމަ ބަރާބަރަށް ހިނގަމުންނެވެ. ކައްވަޅުގައި އޮންނައިރުވެސް މެއެވެ.  
އެގަޑީގެ ދެވަނަ ދޮރު ހުޅުވޭނީ އިސްރާފީލްގެފާނު ޤިޔާމަތް ވުމުގެ ތާޅަފިލި ފުމެލެއްވެވުމުންނެވެ. އެހިސާބުން ދެން ޖެހޭނީ އެ ދޮރުން ވަންނާށެވެ! އެދޮރުން ވަނުމުން ދެވޭނީ މަޙްޝަރު މައިދާނަށެވެ. މަޙްޝަރު މައިދާނުން ކޮންމެ މީހަކަށްވެސް ޖެހޭނީ ނަރަކައަށް ނުވަތަ ސުވަރުގެއަށް ވަންނާށެވެ! ކޮންމެ ތަނަކަށް ވަންނަން ޖެހުނު ނަމަވެސް ގަޑި ދާނީ ހަމަ ނުހުއްޓި ހިނގަމުންނެވެ.  
މިސްތަކުންނޭވެ! ބުނެދޭން މަސައްކަތް މިކުރީ އިންސާނާގެ ފުރާނަ އެޅުއްވެވީންސުރެ އެމީހާގެ ވަގުތުތައް އެވަނީ ފެށިފައިކަމެވެ. ބާލިޣްވުމުން އެވަނީ ޒިންމާ އުފުލަން ޖެހިފައި ކަމެވެ. ހަމަ އެކަނި ނުއެނގޭނީ ކުރިން މިބުނި ދެ ދޮރުން ވަންނަން ޖެހޭނެ ވަގުތުކަމެވެ. ގަޑި ނުހުއްޓި ހިނގަމުން ދިއަ ނަމަވެސް އެ ދެ ދޮރުން ކުރެ އެއްވެސް ދޮރަކުން ތިމާއަށް ވަންނަން ޖެހޭނެ ވަގުތެއް ނުއެނގޭނެއެވެ.  
އަބަދުވެސް ބުނާފަދައިން ބުއްދިވެރިންނަކީ މިކަންކަމަށް ވިސްނާ މީހުންނެވެ. ބައެއް މީހުންނަށް ގިނައިން އުޅެނީ ޤިޔާމަތް ދުވަހުގެ ކަންކަމަށް ތައްޔާރުވާށެވެ! އެދުވަހުގެ ކަންކަން އޮޅުން ފިލުވާށެވެ! އެއީވެސް ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އެންމެ މުހިންމީ މަރަށް ތައްޔާރުވުމެވެ. އެހެނީ ޤިޔާމަތް ދުވަހަށް ތައްޔާރުވުމަކީ މަރަށް ތައްޔާރުވުން ކަމުގައިވާތީއެވެ. މަރަށް ތައްޔާރުނުވެވުނު މީހާއަށް އެވަނީ ޤިޔާމަތް ދުވަހަށް ތައްޔާރު ނުވެވިއެވެ. އެހެނީ މަރުވުމުން ޤިޔާމަތް ދުވަހަށް ތައްޔާރުވާން އިތުރަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެތީއެވެ.  
ވީމާ ތަފާތު ގޮތަކަށް ނަމަވެސް މި ދެއްކީ އެންމެ ކުޑައިރުންސުރެ މަރާއިމެދު ވިސްނައި ބާލިޣްވީންސުރެ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމާއިމެދު ހޭލުންތެރިވެ ހުރުމުގެ މުހިންމުކަމުގެ ވާހަކައެވެ. ވިސްނައި ޢިބްރަތް ޙާޞިލުކުރާށެވެ!  
ތިބާގެ ޙަޔާތުގެ ވަޤުތާއިމެދު މިކަންކަމަށް ނުވިސްނާނަމަ ތިބާ ނުރުހުނަސް ކުރިން މިބުނެދިން ދެ ދޮރުންވެސް ވަންނަން ޖެހޭނީ ހަމަ އަލިފާނަށެވެ. ހުށަހެޅޭނީ ގަދަފަދަ ޢަޛާބަށެވެ!
 
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ