މެންޗެސްޓާ (ޖެނުއަރީ 5) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ރުބެން އަމޮރިމް ވަކިކޮށްފި އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަމޮރިމް ވަކިކުރަން ޔުނައިޓެޑްގެ މެނޭޖްމަންޓުން ނިންމައި އެކަން ވަނީ އޭނާ އަށް އަންގައިފަ އެވެ. ސްޕޯޓިން ލިޒްބަންގެ ކުރީގެ ކޯޗު އަމޮރިމް، ޔުނައިޓެޑްގެ ވަޒީފާގައި ހުރީ 14 މަސް ދުވަހު އެވެ.
ޔުނައިޓެޑުން ވެސް ވަނީ އަމޮރިމް މަގާމު ދުރުކުރިކަން އިއުލާނުކޮށް ބަޔާނެއް ނެރެފަ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވި އަމޮރިމް، ޔުނައިޓެޑާއާ އެކު އެއްބަސްވުން ހަދާފައި އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއީ، ދެ ފަރާތުން އެއްބަސްވެވޭނަމަ އިތުރު އެއް އަހަރަށް އާ ކުރެވޭ ގޮތަށެވެ. އެކަމަކު، މެނޭޖްމަންޓާއި އަމޮރިމްގެ މެދުގައި ޖެހުނު މައްސަލަތަކާ ހެދި އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމީ އެވެ.
އެކަމަކު، މި ފަަހަރުގެ ޕްރިމިއާ ލީގުގެ 20 މެޗު ނިމުނުއިރު، އެ ޓީމު ލީގުގެ ހަ ވަނައިގައި އޮތްއިރު، އަމޮރިމް ވަނީ ރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗަށް ފަހު، ޔުނައިޓެޑްގެ މެނޭޖްމަންޓާއި ކުރީގެ ކުޅުންތެރިންނަށް ފާޑުކިޔައިފަ އެވެ. އަމޮރިމް ބުނީ، އޭނާ ޔުނައިޓެޑަށް އައީ މެނޭޖަރެއްގެ ގޮތުގައި ކަމަށާއި ޓީމުގެ ކޯޗެއްގެ ގޮތުގައި ނޫން ކަމަށެވެ. އަދި، އެ ކަމުގައި ބާކީ އޮތް 18 މަސް ދުވަހު ވެސް ހުންނާނެ ކަމަށާއި އެ ގޮތް ކަމުނުދާނަމަ، ވަކިކުރަންދެން ހުންނާނެ ކަމަށެވެ.
މިދިޔަ ސީޒަނުގައި އަމޮރިމްއާ އެކު ޔުނައިޓެޑް ނިންމާލީ ލީގުގެ 15 ވަނައިގަ އެވެ. އެއީ، 42 ޕޮއިންޓް ހޯދައިގެންނެވެ. އެއީ، 1973/1974 ވަަނަ ސީޒަނަށް ފަހު ޔުނައިޓެޑްގެ އެންމެ ދަށް އަހަރެވެ. އަދި، މި ސީޒަނުގައި އާ ކުޅުންތެރިން ގަންނަން 269 މިިލިއަން ޑޮލަރު ހަރަދުކޮށްގެން ވެސް އަމޮރިމް އަށް ނަތީޖާ ނުނެރެވި ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
ޔުނައިޓެޑުން އާ ކޯޗެއް ހަމަޖައްސަންދެން އެ ކްލަބްގެ ކޯޗުގެ ޒިންމާ ނަގާނީ ރިޒާވް ޓީމުގެ ކޯޗަކަށް ހުރި ކުރީގެ ކުޅުންތެރިޔާ، ޑަރެން ފްލެޗާ އެވެ. އަދި، މި ސީޒަން ނިމެންދެން ފްލެޗާ އަށް ފުރުސަތު ދިނުމުގެ ވިސްނުން ވެސް ޔުނައިޓެޑުން ގެންގުޅެ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމުން އަމޮރިމް ވަކިކޮށްފި ޔުނައިޓެޑްގެ ކޯޗުކަމުން އަމޮރިމް ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ