60,000 އެއްހާ މީހުން ދިރިއުޅޭނެ ކަމަށް ލަފާކޮށް، 4072 ގޯތި ހިމަނައިގެން ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން ހަދައިފި 60,000 އެއްހާ މީހުން ދިރިއުޅޭނެ ކަމަށް ލަފާކޮށް، 4072 ގޯތި ހިމަނައިގެން ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން ހަދައިފި

މިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގިނަ އަދަދެއްގެ ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުގައި 60،000 އެއްހާ މީހުން ދިރިއުޅޭނެ ކަމަށް ލަފާކޮށް އެ ރަށުގެ އާ ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) ހަދައި އާންމުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި އެލްޔޫޕީ އަކީ މިހާތަނަށް ހެދި ގިރާވަރުފަޅުގެ ތިންވަނަ އެލްޔޫޕީ އެވެ. މިފަހަރު އެ ރަށުން ދޫކުރަން ނިންމާފައިވަނީ 4،072 ގޯއްޗެވެ.
ކުރީ ސަރުކާރުން 2023 ގެ ފަހުކޮޅު ފުރަތަމަ ހެދި އެލްޔޫޕީ ގައި އެ ރަށުން ދޫކުރާ ގޮތަށް އޮތީ 5،433 ގޯއްޗެވެ. ނަމަވެސް މި ސަރުކާރުން އެ ޕްލޭން ބަދަލުކޮށް މިދިޔަ އަހަރު އާންމުކުރި އެލްޔޫޕީ ގައި ދޫކުރާ ގޮތަށް ހަމަޖެއްސީ 3،462 ގޯއްޗެވެ.
މިހާރު ގިރާވަރުފަޅުން ދޫކުރާ ގޮތަށް އޮތް ގޯތީގެ އަދަދަކީ އެންމެ ފުރަތަމަ އެ ރަށުން ދޫކުރަން އޮތް ގޯތީގެ ތެރެއިން ގުޅީފަޅަށް 1،114 ބަދަލުކުރުމަށްފަހު ދޫކުރާ އަދަދެވެ. އެ ގޯތިތައް ބަދަލުކުރަން ނިންމީ ގިރާވަރުފަޅުން ހިއްކާ 167 ހެކްޓަރުގެ ބިމުން އެ ހުރިހާ ގޯއްޗަކަށް ޖާގަ ނުލިބޭތީ ކަމަށް ބުނެ އެވެ.
އެލްޔޫޕީގެ މައުލޫމާތު ކަރުދާހުން އެނގޭ ގޮތުގައި ގިރާވަރުފަޅުގެ އެންމެ ބޮޑު ބައެއް ހާއްސަ ކުރަނީ މަގުތަކަށެވެ. އެ ރަށުގެ އެންމެ ހިމަ މަގުގައި ވެސް 10 މީޓަރު ހުންނާނެ ކަމަށް އެލްޔޫޕީގައި ބުނެފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ބިން ހާއްސަ ކުރަނީ ގޯތި ދޫކުރުމަށެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްތައް އެޅުމުން ގިރާވަރުފަޅުގައި 6،000 އެއްހާ ގޭބިސީ އުފެދޭނެ އެވެ. އެއީ ގޯތިތައް ފަސް ބުރިއަށް ނެގުމުން އުފެދޭ އަދަދެވެ. މި އަދަދަށް ބަލައި ގުޅީފަޅުގައި ދިރިއުޅޭނެ ކަމަށް ލަފާކޮށްފައިވަނީ 59,600 މީހުންނެވެ. އެއީ ކޮންމެ ހެކްޓަރަކަށް 356 މީހުންނެވެ. މާލޭގެ ކޮންމެ ހެކްޓަރަކަށް 667 މީހުން އުޅެ އެވެ.
ގިރާވަރު ފަޅުން ހިއްކާ ބިމުގެ ތެރެއިން 69 ހެކްޓަރަކީ ފުން ފަޅުގެ ސަރަހައްދެވެ. ތިލަ ފަރުން ހިއްކަނީ 97 ހެކްޓަރެވެ. ފުން ސަރަހައްދު ހިއްކުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މި ސަރުކާރުގެ ދެ އަހަރު އެކަށޭނެ ގޮތެއްގައި ކުރެވިފައެއް ނުވެ އެވެ.
މިކަމަށް ހައްލެއް ގެނެސް، އެމްއޭސީއެލް މެދުވެރިކޮށް މާލެ ސަރަހައްދަށް ދެ ޑްރެޖަރު ގެނެސް ތިން މަސް ދުވަހުގެ ތެރޭ ހުޅުމާލެ ފޭސް ތިނަކާއި ގިރާވަރުފަޅު ހިއްކާ ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ނޮވެމްބަރު މަހު ވިދާޅުވި އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 25 އަށެވެ.
މިހާތަނަށް އެ ޑްރެޖަރުތަކުން ހިއްކަމުން ދަނީ ހުޅުމާލެ ފޭސް ތިނެކެވެ. ބެލެވޭ ގޮތުގައި އެ ސަރަހައްދު ހިއްކާ ނިންމޭނީ މި މަހުގެ ފަހުކޮޅު އެވެ. އެހެންކަމުން މުއިއްޒު ދެއްވި މުއްދަތުގައި ގިރާވަރުފަޅު ހިއްކާ ނިމޭނެ ކަމަކަށް ނުބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ