ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ
ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވެފައިވާ ކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.ސޯޝަލް މީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގައި "އައިވީއެފް" މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވި ހަބަރު އެއްސެވީ އުފަލާ އެކުގައި ކަމަށެވެ.އެެއީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުން އަންނަ އާއިލާތަކަށް ލިބުނު އުއްމީދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މާތް ﷲގެ މިންވަރުފުޅާއެކު ލިބުނު މި ތާރީހީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއް. މި ފުރުސަތުގައި، މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުހަބާ ދަންނަވަން. އެބޭފުޅުންގެ މިންނެތް މަސައްކަތަށް އަޅުގަނޑުމެން ފަހުރުވެރިވަން، އެކްސްގައި ކުރެއްވި ޕޯސްޓްގައި ހަލީމް ވިދާޅުވި އެވެ.އައިވީއެފްގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތައް އުފުލަމުންދިޔަ ބޮޑު ތަކުލީފެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަށް ދާއިމީ ހައްލެއް ހޯދަން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ރަސްމީކޮށް ހުޅުވި ނެޝަނަލް ފާޓިލިޓީ ސެންޓަރަކީ ދިވެހި އާއިލާތަކަށް ލިބުނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ދަރިމައިނުވުމުގެ މައްސަލައިގައި، ދޭންޖެހޭ ފަރުވާ ރާއްޖެއިން ނުލިބުމަކީ ހިތާމަވެރި މައްސަލައެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. މިއީ ތާރީހީ ކާމިޔާބީއެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އާ އުއްމީދެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެސް ލިބުނު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.މި ކާމިޔާބީ ހާސިލް ކުރުމުގައި އަންހެނުންގެ ހާއްސަ ޑޮޮކްޓަރުންނާއި އެމްބްރޮލޮޖިސްޓުން އަދި ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތް އައިޖީއެމްއެޗުން ފާހަގަ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ