ސަފާރީތައް ރަށްތަކާއި ދުރަށް، ރަށްރަށުގައި އުޅޭއިރު ޓޫރިސްޓުން ހެދުން އެޅުމަށް މިންގަނޑެއް ހަދަނީ

ރަށްރަށުގައި އުޅޭއިރު ފަތުރުވެރީން ހެދުން އެޅުމަށް މިންގަނޑެއް ކަނޑައަޅާ އުސޫލު އެކުލަވާލައްވާނެ ކަމަށާ އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް އެމަނިކުފާނުގެ ސަރުކާރުން އިސްކަން ދެއްވާ ކަމަށާ އެކަމަށް މަސައްކަތްތަކެއް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާ ގެސްޓްހައުސްތައް އިތުރުކުރުމަށް ހިތްވަރު ދެއްވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ފަތުރުވެރީންގެ ފަރާތުން ފެންނަ ނޭދެވޭ ބައެއް ކަންކަމާއި ގުޅިގެން ރައްޔިތުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށާ އަދި އެ ނޫންވެސް ރަށު ފަތުރުވެރިިކަމާއި ގުޅިގެން ބައެއް ނޭދެވޭ ކަންކަން ހިނގަމުންދާ ކަމަށެވެ. އެކަންކަން ދޫކޮށްލައިގެން ތިބެއްޖެނަމަ އެ މައްސަލަތައް ހައްލުނުވެ އިތުރު މައްސަލަތައް ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ.
އެއް ކަމަކަށް ރައީސް ފާހަގަ ކުރެއްވީ މީހުން ދިރިއުޅޭ ރަށްރަށާއި ކައިރީގައި ސަފާރީތައް ބާއްވައިގެން އެ ރަށްރަށަށް ބަނގުރާ ބާލާ އެކަމުން ކުރިމަތިވާ ނޭދެވޭ މައްސަލަތަކެވެ. ރައީސް ވިދާޅުވީ އެކަމަށް ހައްލު ހޯއްދަވާނެ ކަމަށެވެ, އެގޮތުން އެކަމާއި ގުޅޭ އުސޫލުތައް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އަދި އަލަށް ގެންނަ ބަދަލާއެކު މީހުން ދިރިއުޅޭ ރަށްރަށާއި ކައިރީގައި ދެން ސަފާރީ ނުބޭއްވޭނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ދެން ސަފާރީ ބޭއްވޭނީ ކޮންމެ ރަށަކާ މަދުވެގެން އެއް ކިލޯ މީޓަރު ދުރުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރަށްރަށުގައި އުޅޭއިރު ފަތުރުވެރީން ހެދުން އެޅުމަށް މިންގަނޑެއް ކަނޑައަޅާ އުސޫލު އެކުލަވާލައްވާނެ ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އާންމުން އުޅޭ ސަރަހައްދުތަކުގައި ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭތީ އެކަމުގެ ޝަކުވާ ރައްޔިތުން ކުރެ އެވެ.
އެމަނިކުފާނު ވަނީ އެފަދަ ކަންކަން ތަންފީޒު ކުރައްވާތީ ބައެއް ފަރާތްތަކުން ފާޑުކިޔާކަން ފާހަގަކުރެއްވި އެވެ. އަދި ދީނާ އިދިކޮޅު ހުންނަ ބަޔަކު ކައުންސިލްތަކަށް ނުހޮއްވެވުމަށް އެދިވަޑައިގަތެވެ. އެހެން ވެއްޖެނަމަ އެގޮތަށް ގެންނަ ހެޔޮ ބަދަލުތަކުގެ ނަތީޖާ ނުފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ