ފޮރިން ސާވިސްއަށް އައްޔަންކުރަންވީ އެ ދާއިރާގެ ތައުލީމު ލިބިފައިވާ މީހުން: ފައްޔާޒް ފޮރިން ސާވިސްއަށް އައްޔަންކުރަންވީ އެ ދާއިރާގެ ތައުލީމު ލިބިފައިވާ މީހުން: ފައްޔާޒް

ފޮރިން ސާވިސްއަށް އައްޔަންކުރަންވީ އެ ދާއިރާއިން ރަސްމީ ތައުލީމް ލިބިފައި ތިބި މީހުން އެކަނި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ފައްޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއިރާގެ ރަސްމީ ތައުލީމް ލިބިފައިތިބި މީހުން އެކަނި ފޮރިން ސާވިސްއަށް އައްޔަންކުރާ ގޮތަށް ގާނޫނުގައި ކަނޑައެޅުމުން ޒަމާންވީ ގުޅުންތަކަށް ކުރާ ނޭދެވޭ އަސަރުތައް މަދުވާނެ ކަމަށެވެ.
"ފޮރިން ސާވިސްއަށް އެ ދާއިރާގެ ފޯމަލް އެޑިއުކޭޝަނެއް ލިބިފައިވާ ފަރާތެއް ނޫނީ އައްޔަނު ނުކުރެވޭނެ ހެން ޤާނޫނުގައި ކަނޑައެޅުން ރަނގަޅުވެދާނެކަމަށް ފެނޭ. އޭރުން ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ މިފަދަ ހާދިސާތައް ދިމާވުން މަދުވާނެ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް މިހެން ވިދާޅުވެފައި މިވަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. މަސްއޫދު ލަންކާ ސަރުކާރަށް ފާޑުވިދާޅުވީ އެ ގައުމުގެ އިމިގްރޭޝަނުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ތުހުމަތު ކުރައްވަ އެވެ.
ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ދިފާއުއަށް ވާން ޖެހޭނީ ހާރިޖީ ސިޔާސަތު ކަމަށްވާއިރު، ގައުމުގައި މިނިވަންކަން ދެމެހެއްޓުމުގެ ފުރަތަމަ ދީފާއީ ރޮނގަކީ ފޮރިން ސާވިސް އަދި އެ ސާވިސްގެ ގާބިލުކަމާއި ހުށިޔާރުކަމުގެ ހުނަރު ކަމަށެވެ.
މިގޮތުން އެ ފޮރިން ޕޮލިސީ ވާން ޖެހޭނީ ވީހާ ގިނަ ބަޔަކާ ނުޖެހި، ހާއްސަކޮށް އަވަށްޓެރިންނާ ގުޅިގެން އުޅެވޭނެ ސިޔާސަތަކަށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ރާއްޖެ އާއި އަބަދުވެސް ގާތް ގުޅުމެއް އޮންނަ ލަންކާއާ އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު ފާޑުވިދާޅުވެފައިވާއިރު، ދެ ގައުމުގެ ގުޅުމަށް އަސަރުކުރާނެ ކަމަށް ބެލެވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން މުހައްމަދު މުއިއްޒު ވެސް ހިމެނޭގޮތަށް މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އެންމެންހާ ގޮތަކަށް އޭރު އަވަށްޓެރި އިންޑިއާއާ ދެކޮޅަށް "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތެއް ހިންގި އެވެ.
އިންޑިއާ އައުޓް ހަރަކާތަށްފަހު މި ސަރުކާރުން ވެރިކަމާ ހަވާލުވުމުން އިންޑިއާއާ މާ ބޮޑު ގުޅުމެއް ނެތްކަން ފާހަގަކުރެވުނެވެ. އެއަށްފަހު މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވި އެވެ. ނަމަވެސް އެތައް ދުވަހެއް ފަހުން އެ ގުޅުން މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ