ސްރީ ލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލުން އިހާނެތިކޮށް ހިތައި ތަފާތުކޮށް ވިސާގެ ކަންކަމުގައި ދަތިކުރާ ކަމަށް ސަފީރު މަސްއޫދު އިމާދު ވިދާޅުވެފައިވަނިކޮށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސާ އޭނާއާ ބައްދަލުކުރައްވައިފި އެވެ.
ތަފްސީލް - ލަންކާގެ ކުރީގެ މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ނިސްބަތްވެވަޑައިގަންނަވާ އެސްއެލްޕީ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ހާމައެއްނުކުރެ އެވެ. ނަމަވެސް ނަމާލް 'އެކްސް'ގައި "ސްރީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންގެ ދެވަނަ ގެ" ކަމަށް ސިފަކުރައްވައި ވިދާޅުވީ ދެ ގައުމެއްގެ ދެމެދުގައި ގުޅުން ބަދަހިކޮށް ވަރުގަދަކުރުމަށް، ބިނާކުރަނިވި މަޝްވަރާ މުހިންމު ކަމަށެވެ. އަދި އެކުގައި ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު ތަފާތުކުރާ ކަމަށް ވިދާޅުވެ، ލަންކާގެ 'ޑެއިލީ ނިއުސް' އަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެއީ ސަފީރަކު ގެންގުޅުއްވަން ޖެހޭ ޑިޕްލޮމެސީގެ އުސޫލާ ހިލާފު ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އޭނާ ދެއްކެވި ވާހަކަތައް ކުށްވެރިކޮށްފަ އެވެ.
މަސްއޫދު ވިދާޅުވީ ވިސާ ހޯދުމަށްޓަކައި ދިވެހިން ހެނދުނު 9 އިން ފެށިގެން ހަވީރު 5އާ ހަމައަށް ދިގު ކިއޫތަކުގައި ވަގުތު ހޭދަކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އެކަމަކު، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާގެ ކަންކަން ކުރިއަށް ގެންދާއިރު، އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވިސާ ލިބޭތީ، އެ ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް މާލީ ގޮތުން ފައިދާތަކެއް ލިބެމުންދާކަމަށް ބެލެވޭ ކަމަށް ވެސް މަސްއޫދު ތުހުމަތުކުރެއްވި އެވެ.
މިކަން މިގޮތަށް ކުރިއަށްދާ ނަމަ، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނަން ދިވެހި ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ވެސް މަސްއޫދު ވަނީ ވިދާޅުވެފަ އެވެ.
ފާޑުކިޔުމަށް ފަހު މަސްއޫދު އާއި ނަމާލް ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ