އިރާނުގެ މުޒާހަރާ ހުއްޓުވަން ހާމަނާއީގެ ވަރުގަދަ އިންޒާރެއް އިރާނުގެ މުޒާހަރާ ހުއްޓުވަން ހާމަނާއީގެ ވަރުގަދަ އިންޒާރެއް

އިގްތިސާދީ ދަތިތަކާ ހުރެ އީރާނުގައި ފެށުނު މުޒާހަރާތައް ވަރުގަދަވެ، ގައުމުގެ މަސްލަހަތު ގެއްލެމުންދާތީ އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ގައުމީ އެއްބައިވަންތަކަމަށް ގޮވާލައްވައިފި އެވެ.
ހުކުރު ދުވަހު ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ހާމަނާއީ ވަނީ، މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ ބޭރުގެ ދުޝްމަނުން، ހާއްސަކޮށް އެމެރިކާގެ ރޭވުމެއްގެ ދަށުން ހިންގާ "ޓެރަރިސްޓް އަމަލުތަކެއް" ކަމަށް ސިފަކުރައްވާފައެވެ.
މުޒާހަރާގެ ބައިވެރިންނަކީ ބޭރު ގައުމުތަކުގެ "މުސާރަވެރި ހަނގުރާމަވެރިން" ކަމަށް ތުހުމަތުކުރައްވައި، އެމީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.
ހާމަނާއީގެ ތަގުރީރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްރަމްޕުގެ އަތްޕުޅު ވަނީ އީރާނު ރައްޔިތުންގެ ލެއިން ތަޣައްޔަރުވެފައެވެ.
ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީ އިން ބުނާ ގޮތުގައި، މިދިޔަ ޑިސެމްބަރު 28 އިން ފެށިގެން ކުރިއަށްދާ މުޒާހަރާތަކުގައި މިހާތަނަށް މަދުވެގެން 62 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 48 މީހުންނަކީ މުޒާހަރާގެ ބައިވެރިންނެވެ. ސިފައިންގެ 14 މީހަކު ވެސް މަރުވި އެވެ.
މިފަހަރުގެ މުޒާހަރާތައް ފެށިފަހުން 2،300 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން އީރާނު ސަރުކާރުން ވަނީ މުޅި ގައުމުން އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައެވެ. އަދި އިތުރުން ފޯނުގެ ހިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނު ސަރުކާރަށް ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އީރާނުން މުޒާހަރާގެ ބައިވެރިން މަރާނަމަ، އޭގެ ބަދަލު ވަރަށް ހިތިވާނެ ކަމަށާއި އެމެރިކާއިން "ހަމަލާދޭން ތައްޔާރަށް" އޮތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މި މުޒާހަރާތައް ފުރަތަމަ ފެށުނީ އީރާނުގެ ފައިސާ، ރިއާލްގެ އަގު ވަރަށް ބޮޑަށް ވެއްޓި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން ތެހެރާންގެ ބާޒާރުގެ ވިޔަފާރިވެރިން ފެށި ހަޅުތާލަކުންނެވެ. ނަމަވެސް މިހާރު މިއީ ސަރުކާރު ބަދަލުކުރުމަށް ގޮވާލާ މުޅި ގައުމަށް ފެތުރިފައިވާ ވަރުގަދަ ހަރަކާތަކަށް ވަނީ ބަދަލުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ