ވެނެޒުއޭލާއާ ދަތިކުރުމަށްޓަކައި ކެރީބިއަން ކަނޑުން އިތުރު ތެޔޮ ޓޭންކަރެއް އެމެރިކާގެ އަސްކަރިއްޔާއިން ހިފަހައްޓައިފިއެވެ.
އެމެރިކާގެ ސަަދަން ކޮމާންޑުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، 'އޮލީނާ' ނަމަކަށް ކިޔާ މި ޓޭންކަރު އެމެރިކާގެ ބާރުގެ ދަށަށް ގެނައީ އެއްވެސް ކުރިމަތިލުމަކާ ނުލައި ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ "ކުށްވެރިންނަށް ރައްކާތެރި މާހައުލެއް ނެތްކަން" އަންގައިދިނުމަށް ދިން ވަރުގަދަ މެސެޖެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެ ޓޭންކަރަށް އަމާޒުކުރި ސަބަބެއް ނުވަތަ ކުރެވޭ ތުހުމަތުތަކާ ގުޅޭ އިތުރު ތަފްސީލެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް ވަނީ މި އޮޕަރޭޝަންގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމެރިކާގެ ހެލިކޮޕްޓަރެއް ޓޭންކަރަށް ޖައްސައި، ސިފައިން ވަނީ ގޮވާއެއްޗެއް ބޭނުންކޮށްގެން ބޯޓުގެ ދޮރެއް ހަލާކުކޮށްލައިގެން އެތެރެއަށް ވަދެފައެވެ. ނޯމް ސިފަކުރެއްވި ގޮތުގައި މިއީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތެޔޮ އުފުލުމަށް ބޭނުންކުރާ "ގޯސްޓް ފްލީޓް"ގެ ބޯޓެކެވެ.
އެމެރިކާގެ ރެކޯޑްތަކުން ދައްކާގޮތުގައި 'އޮލީނާ' އަކީ މީގެ ކުރިން 'މިނަވަރާ އެމް' ގެ ނަމުގައި ރަޝިޔާގެ ތެޔޮ އުފުލުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވާ ބޯޓެކެވެ. އަދި ބޯޓު ދަތުރުކުރަމުން ދިޔައީ ސައްހަ ނޫން ދިދައެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާއިން ވަނީ ރަޝިޔާގެ ދިދަ ޖަހާފައިވާ 'މެރިނޭރާ' ހިމެނޭހެން ޖުމްލަ 5 ޓޭންކަރެއް ހިފަހައްޓާފައެވެ. ރަޝިޔާއިން ވަނީ މިއީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާ ހިލާފު "ބޮޑު ޖަރީމާއެއް" ކަމަށް ބުނެ އެ އަމަލު ކުށްވެރިކޮށްފައެވެ.
ހަމަލާތައް ވަރުގަދަވެފައި މިވަނީ އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ މަޑޫރޯއާ ދެކޮޅަށް ހިންގާ އޮޕަރޭޝަނާއި، އަޅާފައިވާ ފިޔަވަޅުތަކުގެ ބޭނުމަކީ ވެނެޒުއޭލާގެ މުއްސަނދި ތެޔޮ ރިޒާވް އެމެރިކާގެ ކުންފުނިތަކަށް ހުޅުވާލުން ކަމަށެވެ.
ނަމަވެސް، އދ. ގެ ތަޖުރިބާކާރުނާއި ޗައިނާ އަދި ރަޝިއާއިން ބުނަމުންދަނީ އެމެރިކާގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ގައުމެއްގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ.
ވެނެޒުއޭލާއަށް ދަތިކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން އިތުރު ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި ވެނެޒުއޭލާއަށް ދަތިކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން އިތުރު ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ