ސަރުކާރުން ރަށްތަކުގައި ހިންގަން މިހާރު ވެސް ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، ހ. ވެޔޮވިލާގައި ގާއިމް ކުރި ޕީއެންސީގެ ބޮޑު އޮފީސް އިމާރާތް، އަގުބޮޑު އަޕްގްރޭޑަކާ އެކު ހުޅުވުމަށް މިރޭ އެ ތަނުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
ތަފްސީލު - އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޕީއެންސީގެ ފިކުރާ ދުރު، ސަރުކާރަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތި ކުރުވާ ކައުންސިލެއް ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ހޮވައިފި ނަމަ، ވައުދުތައް ފުއްދުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ކުރިއަށް ދިޔުމުގެ ބަދަލުގައި ފަހަތަށް ގޮސް، ކަންކަން ދާން ބޭނުންވާ އަވަސް މިނުގައި ނުގެންދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ބަލަން އެކިއެކި މަޝްރުއުތައް އެކިއެކި ދާއިރާތަކުގައި ހިންގުމަށް ދިމާވާ ދަތިތައް. މިއަދު ވެސް އަޅުގަނޑު ބަލާލިއިރު، އަޅުގަނޑު އަތަށް އެރި ލިސްޓެއްގައި އެތައް ރަށެއްގައި މީގެ ދެ މަސް [ނުވަތަ] ތިން މަސް ކުރިން ސޮއިކޮށްފައި ހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކީއްވެތޯ ބަލާއި އިރު ބިން ހަވާލުނުކޮށްގެން. ކައުންސިލުން ބިން ހަވާލު ކުރަނީ،" އެ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.
އެގޮތަށް ކައުންސިލްގެ އެއްބާރުލުން ނުލިބިގެން ނުފެށި ހުރި މަޝްރޫއުތަކުގެ ތެރޭގައި މިސްކިތްތައް އެޅުމާއި ސްކޫލްތައް ބޮޑު ކުރުމަށް ނުވަތަ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުގެ ކޮންމެވެސް ކަމެއް ކުރަން ހުރި މަޝްރޫއުތައް ހިމެނޭކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ކޮން ބަޔަކަށްތޯ ގެއްލުން ވާނީ؟ އެ ރަށުގެ ރައްޔިތުންނަށް. އަޅުގަނޑުމެން ބޭނުމެއް ނޫން މިކަންތައް ރިޕީޓްވާކަށް. އެ އިހްތިޔާރު، އެ ބާރު މި އޮތީ ރައްޔިތުންނަށް،" ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ކައުންސިލް އިންތިހާބަށް ފަހު މި ސަރުކާރުގެ މި އޮތް ބާކީ މުއްދަތުގައި ވަރަށް ބާރު ސްޕީޑްގައި މަޝްރޫއުތަކާއި ސިޔާސަތުތައް ހިންގަން އެ މަނިކުފާނު ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އެ ސްޕީޑްގައި ކުރިއަށްދާނީ ޕީއެންސީގެ ކައުންސިލްތައް ހޮވައިގެން ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"އެ ކަންކަމަށް ބުރަކި ޖައްސައި އެކަންކަން ކުރުމަށް ހުރަސް އަޅާނެ ބަޔަކު ހޮވުމަކީ އެއްގޮތަކަށް ވެސް ވިސްނުންތެރި ގޮތަކަށް ނުވާނެ. ކައުންސިލްތަކަކީ އެއްގޮތަކަށް ވެސް ސަރުކާރު ޖަވާބުދާރީކުރުމަށް އޮންނަ ތަނެއް ނޫން،" މަޖިލީހުގައި އެ މަނިކުފާނު ހިންގަވާ ޕީއެންސީގެ 75 މެންބަރުންނާ އެކު ސުޕަ މެޖޯރިޓީއަކާ އެކު ވޭތުވެދިޔަ ދެ އަހަރު ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އިދިކޮޅަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުމަށް އެ ޕާޓީތަކުގެ ކެންޑިޑޭޓުން ހޮވަން ކެމްޕެއިން ކުރާ ނަމަ، އެއީ ނުބައި ސިގްނަލެއް ކަމަށެވެ. އަދި އެއީ ރައްޔިތުން ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ.
"އެއީ ކީއްވެގެންތޯ؟ ގާނޫނީ ހަމަތައް ބުނާ ގޮތުން، ވަރަށް ސާފުކޮށް ގާނޫނުގައި ލިޔެފައި އެ އޮތީ ސަރުކާރު ޖަވާބުދާރީ ކުރާނީ ކޮން ބައެއްކަން. ކައުންސިލަކީ، ތިން ބާރު ވަކިވެފައި ނިޒާމުގައި ވެރިކަން ހިންގުމުގެ ފަށަލައެއް. ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ރައްޔިތުން ހޮވާ މަންދޫބުން އެއީ،" ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލިސް 'މުށު ތެރެއަށްލައިގެން' ވެރިކަމެއް ކުރައްވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރައްވާ ރައީސް މުއިއްޒު މިރޭ ވިދާޅުވި އެވެވެ.
ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިރޭ ވެސް ރައީސް ވިދާޅުވި އެވެ.
ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކައުންސިލްތަކާ ހުރެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ