ކައުންސިލް އިންތިހާބު: 294,937 މީހުނަށް ވޯޓް ލެވޭނެ، ޝަކުވާއަށް ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
ކައުންސިލް އިންތިހާބު އޮތީ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު އެވެ. މިއަދު އާންމުކުރި ރަޖިސްޓްރީގައި ނަން އޮތްތޯ ދިވެހި ސަރުކާރުގެ ގެޒެޓު އަދި އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެ އެވެ.
އީސީން މިރޭ ބުނީ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ކޮމިޝަނުގެ މައިޕޯޓަލް (my.elections.gov.mv)  މެދުވެރިކޮށް،  ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
މި މުއްދަތުގައި ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށްވެސް ޝަކުވާ ހުށަހެޅޭނެ އެވެ. އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ނުވަތަ ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނޫނީ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ބުންޏެވެ.
މިއަދު އާންމުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 294,937 މީހުންނަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ