ކައުންސިލަރުން ތިބެނީ ސަރުކާރު ޖަވާބުދާރީކުރުވާކަށް ނޫން، "ސަރުކާރު ޖަވާބުދާރީކުރުވަން" ހޮވުމުން ލިބެނީ ގޯސް ސިގުނަލެއް: ރައީސް

ކައުންސިލަރުންނަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބޭ ބައެއް ނޫން ކަމަށާއި، ސަރުކާރު ޖަވާބުދާރީކުރުވަން ކައުންސިލަށް ހޮވަން ކެމްޕެއިންކުރުމުން ލިބެނީ ގޯސް ސިގުނަލެއް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ މާލޭގެ މޭޔަރުގެ ޕްރައިމަރީގައި ވާދަކުރައްވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ނުސީދާ ރައްދެއް ދެއްވައިފިއެވެ. ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ، ކައުންސިލުތަކަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ވެރިކަމުގެ ބާރު ތެރޭ އޮންނަ ވަކި ފަށަލައެއް ކަމަށާއި، އެއީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، ރަށްވެހިކަމުގެ ޚިދުމަތްތައް ދޭން ތިބޭ ބައެއް ކަމަށެވެ. "ކައުންސިލުތަކަކީ ސަރުކާރު ޖަވާބުދާރީކުރުވަން އޮންނަ މުއައްސަސާއެއްނޫން، ގާނޫނީ ގޮތަކުންވެސް، ސަރުކާރު ޖަވާބުދާރީކުރުވަން ކައުންސިލަށް މީހުން ހޮވަން ކެމްޕެއިން ކުރަންޏާ އެއީ ފުރަތަމަ ވެސް ނުބައި ސިގުނަލެއް، ރައްޔިތުން ވިސްނަންޖެހޭ ސިގުނަލެއް އެއީ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަގުސަދުގައި ކައުންސިލަރުން އިންތިޚާބުކުރާ ނަމަ ރަށްވެހިކަމުގެ މަސައްކަތްތައް ހުއްޓި، ޖަވާބުދާރީކުރުވުމުގެ މަސައްކަތުގައި ހިނގާނީ ސިޔާސީ މަސައްކަތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އެއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫނެވެ. ފުރަތަމަވެސް އޭރުން އެހިސާބުން އެ ރަށެއްގެ އެ ސިޓީއެއްގެ މަސައްކަތްތައް ހުއްޓޭނީ ނޫންތޯ؟ ޖަވާބުދާރީކުރުވުމުގެ ނިޔަތުގައި އިޚުލާސްތެރި މަސައްކަތެއްނޫން ހިނގާނީކީއެއް، ހިނގާނީ ސިޔާސީ މަސައްކަތް، ސިޔާސީގޮތުން ސަރުކާރު މަސައްކަތް ހިފަހައްޓަން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުނަ ނުދީ ހިފެހެއްޓެން އޮތް ގޮތަކަށް ހިފަހައްޓަން މަސައްކަތްކުރާނީރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި މަޝްރޫއުތައް ހިނގާގޮތް ބެލިއިރު، ކައުންސިލުތަކުން ބިން ހަވާލުނުކުރުމުގެ ސަބަބުން ސްކޫލުތަކުގެ އެކްސްޓެންޝަން އިމާރާތްތަކާއި މިސްކިތްތަކާއި ކުޅިވަރު ކުޅޭ ތަންތަން އެޅުމަށް ހުރަސްތައް ކުރިމަތިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާ ކަމަށާއި، އެހެންވެ އެކަންކަން ތަކުރާރުވާން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބާރު ސްޕީޑުގައި މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ކައުންސިލަރުންގެ އެއްބާރުލުމާއެކު ކަމަށެވެ. "އެހެންނަމަވެސް ސަރުކާރާ މިކަމުގައި، ސިޔާސަތުތައް ތަންފީޒުކުރުމުގައި އިދިކީލަ ގޮތެއްގައި، ސިޔާސީ ގޮތެއްގައި އެކި ކަހަލަ އުނދަގޫތައް ކުރިމަތިކޮށް ރައްޔިތުންނަށް އޭގެން އެކިކަހަލަ ގެއްލުންވާ ގޮތަށް ކަންތައްތައް ކުރާނެ ކައުންސިލުތައް އުފެދިގެން އައިސްފިއްޔާ އެއީ އަޅުގަނޑުމެންނަށް ދާންވީ މިސްރާބަށް ދިއުމަށް ހަމައެކަނި ހުރަސް އެޅެނީކީނޫން، އެތައް ތަނެއް މަޑުޖެހި ފަހަތަށް ދަނީ،" ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވިއިރު، މާލޭގެ މޭޔަރަކީ ކޮންމެ ދުވަހަކު ސަރުކާރު ހޫނު ފެނަށް ލެވޭނެ މީހަކަށް ވާން ޖެހޭ ކަމަށާއި އެ ކަން ކުރެވޭނީ އެ މަގާމަށް އެމްޑީޕީ ޓިކެޓަށް މިހާރު ވާދަކުރައްވާ ޢަލީ އާޒިމަށް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެފައިވެއެވެ. https://sun.mv/216285 އެމްޑީޕީ މެންބަރުންނަށް އިޝާރާތްކުރައްވައި ފައްޔާޒު ވިދާޅުވީ، ބަލަން ޖެހޭނީ ކުރިއަށް ކަމަށެވެ. މި ގޮތުން، އެ ޕާޓީގެ 20 އަހަރުގެ އުންމީދުތަކުގައި ކުލަ ޖައްސައި، ކަށަވަރުކުރުމަށް ޓަކައި އެމްޑީޕީއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒުގެ އެ ވާހަކަތަކަށް، އެމްޑީޕީގެ މާލޭ މޭޔަރުގެ ޕްރައިމަރީގައި އޭނާ ތާއީދުކުރައްވާ އަލީ އާޒިމުގެ ވާދަވެރިޔާ، މިހާރުގެ މޭޔަރު އާދަމް އާޒިމާއި އޭނާއަށް ތާއީދުކުރައްވާ ބޭފުޅުން ވެސް ދެކޮޅެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ވެސް، މޭޔަރާއި ކައުންސިލްގެ ޒިންމާއަކީ ސަރުކާރަށް އެއްބާރުލުންދީގެން ރައްޔިތުންނަށް ޚިދުމަތްކުރުމެވެ. އަދި ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަކީ މަޖިލީހުގެ މަސައްކަތެއްކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ