ނިއު ރޭޑިއަންޓާއި އޮޑީގެ ކުރިމަތިލުން އެއްވަރު ނިއު ރޭޑިއަންޓާއި އޮޑީގެ ކުރިމަތިލުން އެއްވަރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެވެ. މާޒިޔާ އިން .އެއް ވަނައިގައި އޮތީ 13 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޮޑި އަށް ވަނީ 13 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނިއު އަށް ވަނީ 13 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަށް ނިއު އިން ފުރަތަމަ އެގާރަ އަށް އަލީ ފާސިރު (ސެންޓޭ) ނުލައި ނުކުތްއިރު، އެ ޓީމުގެ އެޓޭކިން ލައިން ބެލެހެއްޓީ، ނައިޖީރިއާގެ ފޯވާޑް އަލްހާޖީ ގޭރޯ އެވެ. އެކަމަކު އޮޑީގެ ޑިފެންސްލައިން ކައިރިން އޭނާ އާއި ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ އަށް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.
ނިއުގެ ރަޒާން (ކ) ކައިިރިން އޮޑީގެ ބައްސާމް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
އަަނެއްކޮޅުން އެޓޭކަށް ގޮސް އޮޑި އަށް ލިބުނު ފުރުސަތުތަކުގައި އެ ޓީމުން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ. އޮޑި ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ބޯޅައެއް ނިއުގެ ކީޕަރު، މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
ބަދަލަކަށް ދެ ވަނަ ހާފުގައި ނިއުގެ ސެންޓޭގެ އިތުރުން އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު ފާސިރު (ފާއްޓެ) ވެސް ކުޅެން އެރިއިރު، ލަނޑެއް ޖެހޭގޮތެއްނުވި އެވެ.
ލީގުގެ ފުރަތަމަ ބުރުގައި އޮޑިން ވަނީ ނިއު ބަލިކޮށްފަ އެވެ. ލީގުގައި އެންމެ ފަހުން އޮޑި ކުޅުނު މެޗުގައި، ކްލަބް އީގަލްސް އަތުން ވީ ބައްޔެވެ. އެއީ، މި ފަހަރު ލީގުގައި އޮޑި ބަލިވި ދެ ވަނަ މެޗެވެ. އޮޑިން ވަނީ ކުޅުނު 13 މެޗުގެ ތެރެއިން، ނުވަ މެޗުން މޮޅުވިއިރު، ދެ މެޗުން އެއްވަރުވެ، ދެ މެޗުން ވަނީ ބަލިވެފަ އެވެ.
ނިއު އަތުން މި ވަނީ މި ފަހަރުގެ ސީޒަނުގައި، ހަ މެޗުގައި ޕޮއިންޓް ގެއްލިފަ އެވެ. އެއީ، ތިން މެޗުން އެއްވަރުވިއިރު، ތިން މެޗުން ބަލިވެފައިވާތީ އެވެ. ނިއު މޮޅުވީ ހަތް މެޗުންނެވެ.
ލީގުގެ މެޗެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި މާޒިޔާ އިން ކުޅޭނީ ވިކްޓަރީއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ